މާލެ: 31°C
ބީއެމްއެލް އާއި ޑީއެންއާރުގެ އެމްއޯޔޫ: ބޭންކުގެ ކަސްޓަމަރުންނަށް އޮތީ ކޮން ލުޔެއް؟

ބީއެމްއެލް އާއި ޑީއެންއާރުގެ އެމްއޯޔޫ: ބޭންކުގެ ކަސްޓަމަރުންނަށް އޮތީ ކޮން ލުޔެއް؟

June 11, 2024
3 ފަހަރު ބަލާފައި
ބީއެމްއެލް އާއި ޑީއެންއާރުގެ އެމްއޯޔޫ: ބޭންކުގެ ކަސްޓަމަރުންނަށް އޮތީ ކޮން ލުޔެއް؟
ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ދިނުމުގައި ސަރުކާރުގެ އެއް އިދާރާ އާއި އަނެއް އިދާރާ ގުޅިފައި ހުރުމަކީ އެކަމުގެ ލުއިފަސޭހަކަން ރައްޔިތުންގެ އިތުރުން ސަރުކާރުގެ އިދާރާތަކަށްވެސް ކުރާނޭ ކަމެކެވެ. ސަރުކާރުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން ހިދުމަތް ހޯދުމުގައި އެންމެފުރަތަމަ ބޭނުންވާ އެކެއްޗަކީ ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަނުން ދޫކުރާ އައިޑީކާޑެވެ. މިހާރު މިއީ ޒަމާނީ ޓެކްނޮލޮޖީގެ ފަސޭހަކަމާއެކު ހިދުމަތް ހޯދުމުގެ ޒަމާނެވެ. ވަރަށް ފަހަކާ ޖެހެންދެން އާސަންދައިގެ ދަށުން ބޭސްސިޓީއަށް ބޭސް ނެގެނީ ވެސް އައިޑީކާޑު އަތުގައި އޮވެގެންނެވެ. ނަމަވެސް މިހާރު އެދުވަސްތައް ހިނގައްޖެއެވެ. މިހާރު ބޭސް ސިޓީ ހިފައިގެން ދިއުމުން އައިޑީކާޑު ކޮބައިހޭ ނާހައެވެ. ސަރުކާރުގެ އިދާރާއަކުން އޮންލައިނުކޮށް ހިދުމަތް ހޯދުމަށް އެދޭއިރު، އައިޑީކާޑުގައިވާ މައުލޫމާތު ފުރައި، އައިޑީކާޑް ހުށަހަޅަންޖެހުމަކީ އަދިވެސް ވަރަށް ގިނައިން ކުރަންޖެހޭ ކަމެކެވެ. އީފާހުގެ ތެރޭގައި ސަރުކާރުގެ އެ އިދާރާއެއް ނުހިމެނޭނަމަ އަދިވެސް ޖެހެނީ އައިޑީކާޑުގައިވާ މައުލޫމާތުތައް ވަކިން ފުރުމަށްފަހު އައިޑީކާޑުގެ ދެފުށުގެ ފޮޓޯ ފޮނުވާށެވެ. ބޭންކް އޮފް މޯލްޑިވްސްއިން މިއަދު މިވަނީ ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަނާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފައެވެ. މިކަމާ ގުޅޭގޮތުން ބީއެމްއެލްއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މި އެއްބަސްވުމުގެ ސަބަބުން ކުރިއަށްއޮތް ތަނުގައި އެކައުންޓް ހުޅުވުމާއި، ކަސްޓަމަރުގެ މައުލޫމާތު އަޕްޑޭޓް ކުރުމުގައި ފަސޭހަވެގެން ދާނޭ ކަމަށެވެ. ނަމަވެސް މިކަން ރަސްމީކޮށް ކުރަން ފަށާނެ ތާރީހެއް ބީއެމްއެލްއަކުން އަދި ނުބުނެއެވެ. މިހާރު އޮންނަގޮތުން ކަސްޓަމަރުގެ އައިޑީކާޑު އައުކޮށްފިނަމަ، އެ މައުލޫމާތު ބޭންކަށް އަންގަންޖެހެނީ އެ ކަސްޓަމަރެއް އަމިއްލައަށެވެ. އައިޑީކާޑް ޔުނިޓާއެކު ބީއެމްއެލުން މިއަދު ސޮއިކުރި އެއްބަސްވުމާއެކު ކުރިއަށްއޮތްތަނުގައި މުހިއްމު ކަންތައްތަކެއް ކުރުމަށް މަގުފަހިވެގެން ދާނެއެވެ. ބޭންކް އޮފް މޯލްޑިވްސްއަކީ ދިވެހި ޤައުމީ ބޭންކެވެ. އެއީ ސައްތައިން ސައްތަ ދިވެހިން ހިއްސާވާ ޕަބްލިކް ކުންފުންޏަކަށް ވީއިރު، ބީއެމްއެލް އާއި ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން ގުޅިގެން މަސައްކަތް ކުރުމަކީ ބޭންކުގެ ކަސްޓަމަރުންނަށް ލިބިގެންދާނެ ލުއިފަސޭހަކަމަކަށް ނޫނީ ނުވާނެއެވެ. ބީއެމްއެލަށް 41 އަހަރު ފުރިގެން ދިޔައިރު، ޤައުމީ ބޭންކުގެ އެކައުންޓެއް އަލަށް ހުޅުވަން ބޭނުންވެއްޖެ ނަމަ އަދިވެސް ދާންޖެހެނީ ބީއެމްއެލްގެ ކޮންމެވެސް ބްރާންޗަކަށެވެ. މިއީ ރައްޔިތުން ކުރަމުން އަންނަ ޝަކުވާއެކެވެ. މި ޒަމާނަކީ ތިބި ތަނެއްގައި ތިބެގެންވެސް އެކައުންޓް ހުޅުވޭ ޒަމާނެވެ. ހަމަ ގައިމުވެސް ބީއެމްއެލަށްވުރެ 29 އަހަރުފަހުން ވުޖޫދަށް އައި މޯލްޑިވްސް އިސްލާމިކް ބޭންކުގެ އެކައުންޓް، އޮންލައިނުކޮށް ހުޅުވެއެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ