މާލެ: 31°C
ގާސިމް ބިލާ ދެކޮޅު، ފަލާހު ސުވާލު އުފެއްދީ އެމްޑީޕީގެ ނިޔަތާމެދު

ގާސިމް ބިލާ ދެކޮޅު، ފަލާހު ސުވާލު އުފެއްދީ އެމްޑީޕީގެ ނިޔަތާމެދު

June 10, 2024
3 ފަހަރު ބަލާފައި
ގާސިމް ބިލާ ދެކޮޅު، ފަލާހު ސުވާލު އުފެއްދީ އެމްޑީޕީގެ ނިޔަތާމެދު
ފަލަސްތީނުގެ ނަސްލު ނައްތާލަން އިޒްރޭލުން ދޭ ހަމަލާތަކާ ގުޅިގެން، އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރަން ގާނޫނަށް އިސްލާހު ގެނައުމަށް އިދިކޮޅު އެމްޑީޕީން ހުށަހަޅާފައިވާ ބިލާ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ދެކޮޅު ހައްދަވައިފި އެވެ. މ މަޖިލީހުގެ 20 ވަނަ ދައުރަށް ހުށަހެޅި ފުރަތަމަ ބިލުގެ ގޮތުގައި އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ. މި ބިލަށް މިއަދު ވާހަކަ ދައްކަވަމުން ޕީއެންސީގެ ޕީޖީ ގްރޫޕު ލީޑަރު އިބްރާހީމް ފަލާހު ވެސް ވަނީ ނުސީދާކޮށް ބިލަށް ފާޑުކިޔާފައެވެ. މީކާއިލް ހުށަހެޅުއްވި އިސްލާހުގެ މައްސަލައިގެ ބަހުސް މަރުހަލާގައި ފަލާހު ވިދާޅުވީ އިޒްރޭލުން ފަލަސްތީނަށް ދެމުން ގެންދިޔަ ހަމަލާތައް އިތުރަށް ވަރުގަދަ ކުރީ މިދިޔަ އޮކްޓޯބަރު މަހުކަމަށާއި އޭގެ ދިވެހިރާއްޖޭގެ ވެރިކަމުގައި ހުންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށެވެ. އަދި ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއް ގާއިމުވެގެން އައީ އެއް މަސް ފަހު ނޮވެމްބަރު މަހުކަމަށާއި، އޭރު ވެސް މީކާއިލް ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ކަމަށެވެ. ބިލުގައި ވަނީ އިޒްރޭލު ޕާސްޕޯޓާއި އެހެން ގައުމެއްގެ ޕާސްޕޯޓެއް އޮތް ނަމަވެސް އިޒްރޭލު ޕާސްޕޯޓެއް އޮތް ނަމަ ރާއްޖެ އެތެރެވުމުގެ ހުއްދަ ނެތް މީހެއްގެ ގޮތުގައި ކަނޑައަޅަން ހުށަހަޅައިފަ އެވެ. މާނައަކީ ޑުއަލް ޕާސްޕޯޓް ގެންގުޅޭ މީހުންވެސް އިސްތިސްނާ ނުވާ ގޮތަށް ބިލް ޑްރާފްޓްކޮށްފައި އޮތް ކަމެވެ. ބިލަށް ބަހުސް ކުރައްވަމުން ގާސިމް ވިދާޅުވީ، އުމްރާ އަށް ދާ ތިން ހަރަމުގެ ތެރެއިން އެއް ހަރަމު ހުންނަ ބިމެއްގައި ދިރިއުޅޭ މީހުންނާއި ޔަހޫދީންނަށް ރާއްޖެ އަށް ނާދެވޭ ގޮތް ހެދުމުގެ ކުރިން ވަރަށް ބޮޑަށް ވިސްނާލަން ޖެހޭ ކަމަށެވެ. އިޒްރޭލުގެ ޑުއަލް ސިޓިޒެންޝިޕް އޮތް ނަމަވެސް ރާއްޖެ އެތެރެނުވެވޭ ގޮތް ހަދަން ބިލުގައިވާ މާއްދާއާ ދެކޮޅު ހައްދަވައި ގާސިމް ވިދާޅުވީ، ބިލުގައި އެކަން ހިމަނާފައިވާ ދިރާސާކުރަން ޖެހޭ މިންވަރަށް ދިރާސާނުކޮށް ވިސްނަން ޖެހޭ ވަރަށް ނުވިސްނާ ކަމަށެވެ. "އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެއީ ސިޔާސީ ގޮތުން ޕީއެންސީގެ ވެރިކަން ނިމުމަކަށް ގެނައުމަށްޓަކައި ރައްޔިތުންގެ ހިތުގައި ނަފްރަތުގައި އުފެއްދުމަށްޓަކައި އެކުލަވާފައިވާ މައްސަލައެއް ކަމުގައި [ދެކެން]،" މިއަދު ގާސިމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ރާއްޖެއަކީ މިފަދަ މައްސަލައެއް މަޖިލީހަށް ހުށަހަޅައިގެން ކުރިއަށް ގެންދާ ފުރަތަމަ މުސްލިމު ގައުމު ކަމަށް ވާއިރު އެއީ އެއްގޮތަކަށް ވެސް ފަލަސްތީނުގެ ރައްޔިތުންނަށް ދޭ އަނިޔާތަކާއި ނިކަމެތިކަން ހިތަށް ނުގެންނާތީ ނޫން ކަމަށާއި މިފަދަ ފިޔަވަޅެއް އެޅުމުގެ ކުރިން ވަރަށް ބޮޑަށް ވިސްނަން ޖެހޭ ކަމަށެވެ. "މިއަދުގެ ސަރުކާރުން މިކަމާ މެދު ގެންގުޅޭ ވިސްނުންފުޅަށް އެއްޗެއް ދަންނަވާކަށް ނެތިން. ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ހޮވިފައި ތިބި ބަޔަކީ މި މަޖިލީހުގެ މެންބަރުން. މި މަޖިލީހުން ނިންމުން ވާން ވާނީ ދިވެހިރާއްޖޭގެ މުސްތަގްބަލަށާއި އަޅުގަނޑުމެންގެ ސަލާމަތް ކަމަށާއި ރައްކާތެރިކަމަށް ކުރަން ޖެހޭ ކަމަކަށް ވާން ޖެހޭނެ،" ގާސިމް ވިދާޅުވި އެވެ. ގާސިމް ވިދާޅުވީ ދިވެހިން ސަލާމަތުން ނެތް ނަމަ އެއްވެސް ކަމެއް ނެތް ކަމަށާއި މި ނިންމުން ނިންމަން ޖެހޭނީ ކެތްތެރިކަމާއެކު ޖަޒުބާތުގައި ނުޖެހި ކަމަށެވެ. ބިލު ހުށަހެޅި ނިޔަތާމެދު ގާސިމް އާއި ފަލާހު ދެއްކެވި ވާހަކަ އަށް ރައްދު ދެއްވަމުން ބިލު ހުށަހެޅުއްވި މެންބަރު މީކާއިލް ވިދާޅުވީ، 19 ވަނަ މަޖިލީހުގައި ވެސް މި މަސައްކަތް ކުރެވިގެން ދިޔައިރު، އިޒްރޭލު ޕާސްޕޯޓު މަނާކުރަން ގަރާރެއް ވެސް ފާސްކޮށްފައިވާނެ ކަމަށެވެ. ތަކުރާރުކޮށް ފަލާހު ވިދާޅުވަމުން ގެންދެވީ، އޮކްޓޯބަރު މަހު އޮތް އެމްޑީޕީގެ ވެރިކަމުން ގަރާރެއް ނެރެ އިޒްރޭލަށް ފިޔަވަޅު ނޭޅުމުން ސުވާލު އުފެދޭ ކަމަށެވެ. އަދި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީއެއް އޮތް އެމްޑީޕީން އެ މަސައްކަތް ނުކޮށް، މިއަދު ސަރުކާރަށް ޖެއްސުން ކުރުމުގެ ގޮތުން ބިލު ހުށަހެޅުމަކީ އިހުލާސްތެރިކަމެއް ނެތުންކަމަށް އޭނާ ވިދާޅުވި އެވެ. އެމްޑީޕީގެ ސަރުކާރުންނާއި، އެ ޕާޓީގެ ޕާލިމަންޓު ގުރޫޕުން މީގެ ކުރިން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާކަމަށް ފަލާހު ވިދާޅުވި ނަމަވެސް އިޒްރޭލުގެ ފަތުރުވެރިންނާއި، އެ ގައުމުގެ އުފެއްދުންތައް ރާއްޖެ ގެނައުން މަނާކުރުމަށް ގޮވާލައި އޮކްޓޯބަރު މަހުގެ ތެރޭގައި ހުށަހެޅި  ގަރާރެއް ވަނީ މިދިޔަ އޭޕްރިލް މަހު ފާސްކޮށްފަ އެވެ. ވިލިނިގިލި ދާއިރާގެ ކުރީގެ މެމްބަރު ސައުދު ހުސެއިން ހުށަހެޅި އެ މައްސަލަ މަޖިލީހުން ފާސްކުރީ 41 މެމްބަރުންގެ ވޯޓުންނެވެ. މީގެއިތުރުން ނޮވެމްބަރ 16، 2023 ގައި ރާއްޖެއަށް އިޒްރޭލުގެ ރައްޔިތުން އައުން މަނާކުރަން ލަފާދީ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާއަށް ސިޓީއެއް ފޮނުވި އެވެ. މަޖިލީހަށް ބިލު ހުށަހަޅާފައިވާއިރު، ސަރުކާރުން ވެސް ވަނީ މި އިސްލާހު ގާނޫނަށް ގެނައުމަށް ނިންމައިފަ އެވެ. ސަރުކާރުގެ މި ނިންމުމާ ގުޅިގެން ބައިނަލްއަގުވާމީ އެކި ފަރާތްތަކުން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުކޮށްފައިވެއެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ