މާލެ: 31°C
ރާއްޖެއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމްކުރުމަށް ހުށަހަޅާފައެއް ނުވާނެ: އިންޑިއާ

ރާއްޖެއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމްކުރުމަށް ހުށަހަޅާފައެއް ނުވާނެ: އިންޑިއާ

May 31, 2024
3 ފަހަރު ބަލާފައި
ރާއްޖެއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމްކުރުމަށް ހުށަހަޅާފައެއް ނުވާނެ: އިންޑިއާ
ވަކި ކަމަކާ ގުޅޭގޮތުން ރާއްޖެއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމްކުރުމަށް ހުށަހަޅާފައި ނުވާކަމަށް އަވައްޓެރި އިންޑިއާއިން ބުނެފިއެވެ. ފާއިތުވި ހަ މަސްދުވަހު އިކޮނޮމިކް މިނިސްޓްރީން ކުރިއަށްގެންދިޔަ މުހިއްމު މަސައްކަތްތައް ހިއްސާކުރައްވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިދިޔަ ހަފްތާގައި ވަނީ އިންޑިއާއިން ރާއްޖެއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށްދާން އޮތްކަމަށް ވިދާޅުވެފައެވެ. އަދި އެކަމަށް އިންޑިއާއިން އެދި ހުށަހަޅާފައިވާކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓްރީން ބްރާސްފަތިދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން އެކްސްޓަރނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު ރަންދީރް ޖައިސްވަލް ވިދާޅުވީ، އިންޑިއާއިން ރާއްޖެއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ހެދުމަށް މިހާތަނަށް ހުށަހަޅާފައި ނުވާނޭ ކަމަށެވެ. އަދި ރާއްޖެއިންވެސް އެކަމާ ގުޅޭގޮތުން ވަކި ހާއްސަ ކަމަކާ ގުޅޭގޮތުން ހުށަހެޅުމެއް ލިބިފައިނުވާކަން ރަންދީރްގެ ވާހަކަފުޅުގައި ވަނީ ފާހަގަކޮށްފިއެވެ. އޭނާ ވިދާޅުވީ ރާއްޖެއިން އެފަދަ ހުށަހެޅުމެއް ހުށަހަޅައިފިނަމަ އިންޑިއާއިން އެކަމާ ވިސްނާނޭ ކަމަށެވެ. މި ސަރުކާރުން ވަނީ ބޭރުގެ އެކި ޤައުމުތަކާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުންތައް ޤާއިމްކުރުމަށް ނިންމާފައިވާކަން ހާމަކޮށްފައެވެ. މިނިސްޓަރު ސައީދު އިސްކޮށް ހުންނަވައިގެން ރައީސް ޔާމިނުގެ ވެރިކަމުގައި ވަނީ ޗައިނާ އާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމްކުރުމުގެ މުއާމަލާތްތައް ކުރިއަށްގެންގޮސްފައެވެ. އެ މަސައްކަތުގެ ނުނިމިއޮތީ ހަމައެކަނި ފައިނަލް އެއްބަސްވުމުގައި ސޮއިކޮށްލުމެވެ. ވެރިކަން ބަދަލުވުމުން އެކަން މަޑުޖެހިގެންދިޔައިރު، މިދިޔަ ވެރިކަމުގައި ރައްޔިތުން މަޖިލީހުގެ އޭރުގެ ރައީސް، އަދި ރައީސް ސޯލިހު ސަރުކާރުގެ އޭރުގެ އެއް ހިއްސާދާރު މުހައްމަދު ނަޝީދު ވަނީ ރައީސް ޔާމިނުގެ ވެރިކަމުގައި ޗައިނާ އާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމްކުރުމަށް މަސައްކަތްކުރިކަމުގެ ކިތާބީހެކި ކަރުދާހުން ފެންނަން ނެތްކަމަށް ވިދާޅުވެފައެވެ. ރައީސް ސޯލިހުގެ ވެރިކަން ބަދަލުވެ، ޑރ.މުހައްމަދު މުއިއްޒު ވެރިކަމަށް އައިތާ ހަމަސްދުވަސް ފާއިތުވެގެން ގޮސްފައިވާއިރު، ޗައިނާ އާއެކު ޤާއިމްކުރުމަށް މަސައްކަތްކުރި މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ނުނިމި އޮތް ބައި ކުރިއަށްގެންދިއުމާ ގުޅޭގޮތުން މިހާތަނަށް އަދި އެއްވެސް ވާހަކައެއް ދައްކަވާފައި ނުވާކަން ފާހަގަކޮށްލެވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ