މާލެ: 31°C
ރައީސް މުއިއްޒު، ސީޝެލްސްގެ ރައީސްއާ ބައްދަލުކުރައްވައިފި

ރައީސް މުއިއްޒު، ސީޝެލްސްގެ ރައީސްއާ ބައްދަލުކުރައްވައިފި

May 27, 2024
2 ފަހަރު ބަލާފައި
ރައީސް މުއިއްޒު، ސީޝެލްސްގެ ރައީސްއާ ބައްދަލުކުރައްވައިފި
ރައީސް ޑރ. މުހައްމަދު މުއިއްޒު، ސީޝެލްސްގެ ރައީސް ވިވެލް ރަމަކަލަވަންއާ ބައްދަލު ކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން ކުރިޔަށްދިޔައީ ހަތަރުވަނަ އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ގައި ބައިވެރިވެވަޑައިގަތުމަށް އެންޓީގާ އެންޑް ބާބިޔުޑާއަށް ރައީސް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. މި ބައްދަލުކުރެއްވުމުގައި ދެ ރައީސުން ވަނީ ސިޑްސްގެ ގައުމުތަކަށް ދިމާވާ ގޮންޖެހުންތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވައި، ސިޑްސްގެ ގައުމުތައް ގުޅިގެން މި ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވިދާނެ ކަންކަމުގެ މައްޗަށް ވާހަކަފުޅުދައްކަވައިފައެވެ. ސިޑްސްގެ ހަތަރު ވަނަ އިންޓަރނޭޝަނަލް ކޮންފަރެންސްގެ މުހިންމުކަމުގެ މައްޗަށްވެސް ދެބޭފުޅުންގެ ވާހަކަފުޅުގައި އަލިއަޅުވައިލެއްވިއެވެ. އަދި މި ބައްދަލުކުރެއްވުމުގައި، ދެ ބޭފުޅުން ވަނީ ދެ ގައުމުގެ މަސްލަހަތު އޮތް މުހިންމު އެކި މައްސަލަތަކުގެ މައްޗަށް ވެސް ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން، ޒުވާނުންނާއި ގުޅޭ އެކިއެކި ކަންކަމާއި، ދެގައުމުގެ ދޭދޭ ފަރުދުންގެ މެދުގައި ގުޅުން ދެމެހެއްޓުމުގެ އިތުރުން، އިންޑިއާ ކަނޑު ސަރަހައްދުގެ ސަލާމަތާއި، ކަނޑުގެ ލޮނުގަނޑު އުފުލުމުން ރައްކައުތެރިވުމާއި، މުރަކަ ފަރުތައް ހިމާޔަތް ކުރުމުގެ މައްޗަށް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. އޭގެ އިތުރުން، ސޭޝެލްސްގެ ރައީސް ވަނީ ރާއްޖެއަށް ހުރިހާ ދާއިރާއެއްގައި ވެސް އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމުގެ ފުރިހަމަ ޔަގީންކަން ރައީސްއަށް އަރުވައިފައެވެ. ރައީސް އޮފީހުން ބުނި ގޮތުގައި ދެ ރައީސުންގެ މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައިވަނީ ދެ ގައުމުގެ މެދުގައި އިތުރަށް ގުޅުން ބަދަހިކުރުމާއި ބައިނަލްއަގުވާމީ މަސްރަހުގައި އެއްބާރުލައިގެން ކުރިއަށް ދިއުމުގެ ރޫހާއެކުގައެވެ. ސިޑްސް 4 ގެ މި އަހަރުގެ ޝިއާރަކީ "ޗާޓިން ދަ ކޯސް ޓުވާޑްސް ރިސިލިއަންޓް ޕްރޮސްޕަރިޓީ" އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ