މާލެ: 31°C
ބޮޑު ޗުއްޓީއަށް ފަހު، ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފަށައިފި

ބޮޑު ޗުއްޓީއަށް ފަހު، ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފަށައިފި

May 26, 2024
3 ފަހަރު ބަލާފައި
ބޮޑު ޗުއްޓީއަށް ފަހު، ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފަށައިފި
މަހެއްހާ ދުވަހުގެ ބޮޑު ޗުއްޓީ އަށް ފަހު ދިރާސީ އާ އަހަރުގެ ކިޔެވުން ރާއްޖޭގެ ހުރިހާ ސްކޫލެއްގައި މިއަދު ފަށައިފިއެވެ. މިދިޔަ ދިރާސީ އަހަރުގެ ކިޔެވުން ނިންމައި ދަރިވަރުން ޗުއްޓީއަށް ދިޔައީ އޭޕްރީލް މަހުގެ 30 ގައެވެ. އެގޮތުން، ދިރާސީ އާ އަހަރެއް އަނެއްކާ ވެސް ފެށިއިރު، ރާއްޖޭގެ އެކި ސްކޫލުތަކުގައި 96،000 އަށް ވުރެ ގިނަ ދަރިވަރުން ކިޔަވާނެއެވެ. އޭގެ ތެރޭގައި 40،300 އަންހެން ދަރިވަރުންނާއި 42،700 ފިރިހެން ދަރިވަރުން ހިމެނެއެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި މާލޭ ސަރަހައްދުގެ ގްރޭޑް އެކަކަށް އަލަށް 2،250 ދަރިވަރުން ވައްދާފައިވާއިރު، މާލޭ ސަރަހައްދުގެ ގްރޭޑް އެކެއް ފިޔަވާ އެހެން ގްރޭޑުތަކަށް ވަންނަން 2،081 ދަރިވަރުން ހުށަހެޅިއެވެ. އަދި ދިރާސީ އާ އަހަރަށް އަތޮޅުތެރޭގެ ސްކޫލްތަކުން މާލޭ ސަރަހައްދުގެ ސްކޫލްތަކަށް 1،126 ދަރިވަރުން ބަދަލުވެފައިވާއިރު، މާލޭ ސަރަހައްދުގެ އެއް ސްކޫލުން އަނެއް ސްކޫލަށް 1،000 އެއްހާ ދަރިވަރުން ވަނީ ބަދަލުވެފައެވެ. ރާއްޖޭގެ ޕްރައިވެޓް ސްކޫލްތަކުގައި އެލްކޭޖީއިން ފެށިގެން ގްރޭޑް 12 އާ ހަމައަށް 13،000 އަށްވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލުކުރާއިރު އޭގެ ތެރެއިން 9،000 އަށްވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލުކުރަނީ މާލޭ ސަރަހައްދުގައެވެ. ދިރާސީ އާ އަހަރު ސަރުކާރު ސްކޫލުތަކުގައި 12،662 ޓީޗަރުން މަސައްކަތް ކުރާއިރު، އޭގެ ތެރޭގައި 10،729 ދިވެހި ޓީޗަރުންނާއި 1،933 ބިދޭސީ ޓީޗަރުން ހިމެނެއެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވާ ގޮތުގައި ދިރާސީ އާ އަހަރުގެ ފުރަތަމަ ޓާމް ނިމޭނީ ސެޕްޓެމްބަރު 28 ވަނަ ދުވަހެވެ. އަދި ދެވަނަ ޓާމް އޮކްޓޯބަރު މަހުގެ ހަ ވަނަ ދުވަހު ފެށޭއިރު، ދިރާސީ އަހަރުގެ ކިޔެވުން ނިމި، ދަރިވަރުން އަނެއްކާ ވެސް ބޮޑު ޗުއްޓީއަށް ދާނީ އަންނަ އަހަރުގެ މާޗް 6 ގައެވެ. ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފެށިއިރު، މި ދުވަސްވަރު ރާއްޖެއަށް މޫސުން ގޯސްވެފައިވުމުން ފުރަތަމަ ތިން ދުވަހު ކިޔަވައިދިނުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ގިނަ ވެގެން ތިން ގަޑިއިރަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ