މާލެ: 31°C
ޕީއެންސީގެ ޕީޖީ ލީޑަރަކަށް ފަލާހް

ޕީއެންސީގެ ޕީޖީ ލީޑަރަކަށް ފަލާހް

May 22, 2024
2 ފަހަރު ބަލާފައި
ޕީއެންސީގެ ޕީޖީ ލީޑަރަކަށް ފަލާހް
ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ޕާޓީ،  ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރުގެ ގޮތުގައި އިނގުރައިދޫ ދާއިރާގެ އިންތިހާބީ މެމްބަރު އިބްރާހިމް ފަލާހު ހަމަޖެއްސުމަށް ނިންމައިފިއެވެ. ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީގެ އިންތިހާބީ މެމްބަރުންނާއެކު ރައީސުލްޖުމްހޫރިއްޔާ ދިރިއުޅުއްވާ މުލިއާ ގޭގައި މިއަދު ކުރިއަށްދިޔަ ބައްދަލުވުމުގައި ޕީޖީ ގްރޫޕްގެ ލީޑަރަކަށް ފަލާހު އައްޔަނުކުރުމަށް ނިންމާފައިވާއިރު، ޑެޕިއުޓީ ލީޑަރަކަށް އައްޔަނުކުރުމަށް ނިންމާފައިވަނީ ބާރަށު ދާއިރާގެ އިންތިހާބީ މެމްބަރު އިބްރާހިމް ޝުޖާއުއެވެ. ޕީޖީ ގްރޫޕްގެ އިތުރު ނަިއބު ލީޑަރުންގެ ގޮތުގައި ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް، ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދުގެ އިތުރުން މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގުވެސް ވަނީ އައްޔަނުކޮށްފައެވެ. މި އެންމެ ބޭފުޅުންގެ ނަންތައް ފާސްކޮށްފައިވަނީ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި އިންތިހާބީ މެމްބަރުންގެ އިއްތިފާގުންނެވެ. ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރުގެ ގޮތުގައި އިނގުރައިދޫ ދާއިރާގެ އިންތިހާބީ މެމްބަރު އިބްރާހިމް ފަލާހު ހަމަޖައްސަވާފައިވާއިރު ފަލާހަކީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ ވަރަށް ހަރަކާތެތެރި މެމްބަރެކެވެ. މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިއަދު ވަނީ ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ ރައީސެއްގެ ގޮތުގައި ހައްދުންމަތީ ފޮނަދޫ ދާއިރާގެ އިންތިޚާބީ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އަދި ނައިބު ރައީސްކަމަށް ދިއްގަރު ދާއިރާގެ އިންތިހާބީ މެމްބަރު އަހުމަދު ނާޒިމް އިންތިހާބުކުރެއްވުމަށް ހުށަހަޅުއްވާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ