މިދިޔަ ހުކުރު ދުވަހުގެ ހެނދުނު 06:00 ހާއިރު ކ.ތިލަފުށިން ފުރި އެ ދޯނީގެ ޚަބަރެއް ނުވެގެން، އެކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ އެ ދުވަހުގެ 17:20 ހާއިރެވެ. ދޯނުި ގެއްލުނު ދުވަހަކީ މޫސުން ވަރަށް ގޯސް ދުވަހެކެވެ.
އެމްއެންޑިއެފުން ބުނީ އެ ދޯނި ގެއްލިގެން ހޯދުމަށް ކުރެވުނު މަސައްކަތުގައި ކަނޑުމަގުން 2461 އަކަ ނޯޓިކަލް މޭލު ސަރަހައްދެއް ބެލިފައިވެއެވެ. އަދި ވައިގެމަގުން 6954 އަކަ ނޯޓިކަލް މޭލު ސަރަހައްދެއް ބެލިފައިވެއެވެ. މި ހާދިސާގައި ކަނޑާއި ވައިގެ މަގުން ޖުމުލަ 9415 އަކަ ނޯޓިކަލް މޭލު ސަރަހައްދެއް ވަނީ ބެލިފައެވެ.
އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ޝަހީދު ޢަލީ ވަނީ، އެ ދޯނި ދަތުރުކުރަމުން އައި ސަރަހައްދަށް ގޮސް، އެ ދޯނީގެ ފަޅުވެރިންނާ ބައްދަލުކޮށްފައެވެ. އެ ދޯނި މިހާރު އޮތީ ވ.ރަކީދޫ ބަނދަރުގައެވެ. އަދި އެމްއެންޑީއެފް ކޯސްޓްގާޑުން ގެންދަނީ އެ ދޯންޏަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
މިދުވަސްވަރަކީ ހުޅަނގު މޫސުމުގެ މޫސުން އެންމެ ގޯސް ދުވަސްވަރުކަމުން ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ބެލުމަށްފަހު ދަތުރު ފެށުމަށް ކަމާބެހޭ އިދާރާތަކުން ދަނީ އިލްތިމާސްކުރަމުންނެވެ.







