މާލެ: 31°C
ކުޑަކުދިން ރީހެބިލިޓޭޓްކުރަން "ހޯޕް އައިލެންޑް"

ކުޑަކުދިން ރީހެބިލިޓޭޓްކުރަން "ހޯޕް އައިލެންޑް"

May 12, 2024
3 ފަހަރު ބަލާފައި
ކުޑަކުދިން ރީހެބިލިޓޭޓްކުރަން "ހޯޕް އައިލެންޑް"
ކުށްކުރާ ކުޑަކުދިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށްފަހު، އެކުދިން "ހޯޕް އައިލެންޑް"ގެ ނަމުގައި ހާއްސަ ކުރާ ރަށެއްގައި ރިހިބިލިޓޭޓު ކުރުމަށްފަހު ސިފައިން ނުވަތަ ފުލުހުންގެ ވަޒީފާއަށް ވައްދާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ، ކުށުގެ ވެށިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަ ކުދިން ރިހިބިލިޓޭޓުކޮށް އެކުދިން އަނބުރާ މުޖުތަމައުއަށް ނެރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. ޖިނާއީ ކުށަށް ދައުވާ ކުރެވޭ އުމުރުން 15 އަހަރުން 12 އަހަރަށް ދަށް ކުރާނެ ކަމަށް މީގެ ކުރިންވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ. މިނިސްޓަރު މިއަދު ވިދާޅުވީ، އެކަން ކުރަން ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތްތައް މިހާރު ކުރަމުންދާ ކަމަށެވެ. "މީގަ ބޭނުމަކީ އެއްވެސް ހާލެއްގައި ތުއްތު ކުދިން ޖަލަށްލައި ގެންގުޅުމެއް ނޫން. މީގެ ބޭނުމަކީ 12 އަހަރުން ފެށިގެން ކުށުގެ ވެށިން ފެންނަ ކުދިން، ކުށުގެ ވެއްޓަށް ހުށަހެޅޭ ކުދިން، އެ ވެއްޓަށް ހުށަހެޅިދާނެ ކަމަށް ފެންނަ ކުދިން، އަދި ދޭތެރެ ދޭތެރެއިން ކުށުގެ ވެށިން ހައްޔަރުކުރެވި ނުވަތަ ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަ ކުދިންގެ ތެރެއިން 15 އަހަރުގެ ކުދިންނަށް އެބަތިބި ޖިނާއީ ކުށުގެ ދައުވާވެސް ކޮށްފަ. މިފަދަ ކުދިން ކުށުގެ މާހައުލުން ނަގައި އެކުދިން ރިހިބިލިޓޭޓު ކުރުމަށް ގާނޫނުގެ ތެރެއިން އަޅުގަނޑުމެންނަށް މަސައްކަތް ކުރެވޭނެ." އޭނާ ވިދާޅުވިއެވެ. މިނިސްޓަރު އިހުސާން ވިދާޅުވީ، އެފަދަ ކުދިން ރިހިބިލިޓޭޓުކޮށް، ދީނީ، އަދި ތައުލީމީ ގޮތުންނާއި އެކުދިންނަށް ބޭނުންތެރި އެކިއެކި ޕްރޮގުރާމުތައް ކުރިއަށް ގެންދިޔުމަށް ވަކި ރަށެއް ހާއްސަ ކުރާނެ ކަމަށެވެ. އެގޮތުން އެރަށަށް ކިޔާނީ "ހޯޕް އައިލެންޑު" ކަމަށްވެސް ވިދާޅުވިއެވެ. އިހުސާން ވިދާޅުވީ، އެ ރަށުގައި އެކުދިންނަށް އުމުރުން 18 އަހަރު ވަންދެން ތަފާތު އެކި ޕްރޮގުރާމުތައް ހިންގާނެ ކަމަށާއި 18 އަަހަރު ފުރުމުން ފުލުހުން ނުވަތަ ސިފައިންގެ ވަޒީފާއަށް އެކުދިން ނަގާނެ ކަމަށެވެ. "އަޅުގަނޑުމެން ގަސްދުކޮށްފައި އޮތީ މި ރަށުގަ މި ކުދިން 18 އަހަރު ވަންދެން ގެންގުޅުން. ގެންގުޅެފައި އެކުދިން ފުލުހުންގެ ނުވަތަ ސިފައިންގެ ވަޒީފާ އަށް ނެގުން. މި ވަޒީފާގަ ވަކި ދުވަސްކޮޅެއް ވަންދެން ހުރުމަށްފަހު އެ ކުދިން ބޭނުންވާ ދާއިރާއަކުން ކުރިއަށްދިޔުމަށް ފުރުސަތު ދެވިގެންދާނެ." އޭނާ ވިދާޅުވިއެވެ. އިހުސާން އިތުރަށް ވިދާޅުވީ، އެ ކުދިންނަށް ހުނަރު ދަސްކޮށްދޭ ޕްރޮގުރާމުތައްވެސް ކުރިއަށް ގެންދާނެ ކަމަށާއި ހިދުމަތުގައި އުޅެފައި އެކުއްޖަކު ކުރިއަށްދާން ބޭނުންވާ ދާއިރާއަކުން ކުރިއަށް ދިޔުމަށް ފުރުސަތު ދެވިގެންދާނެ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ