މާލެ: 31°C
ޖަމާއަތް ހަދައިގެން މަސްތުވާތަކެތި ބޭނުންކުރުމާއި ވިޔަފާރިކުރި ކަމުގެ ތުހުމަތުގައި ފަސް މީހަކު ހައްޔަރުކޮށްފި

ޖަމާއަތް ހަދައިގެން މަސްތުވާތަކެތި ބޭނުންކުރުމާއި ވިޔަފާރިކުރި ކަމުގެ ތުހުމަތުގައި ފަސް މީހަކު ހައްޔަރުކޮށްފި

April 25, 2024
3 ފަހަރު ބަލާފައި
ޖަމާއަތް ހަދައިގެން މަސްތުވާތަކެތި ބޭނުންކުރުމާއި ވިޔަފާރިކުރި ކަމުގެ ތުހުމަތުގައި ފަސް މީހަކު ހައްޔަރުކޮށްފި
ޖަމާއަތް ހަދައިގެން މަސްތުވާތަކެތި ބޭނުންކުރުމާއި ވިޔަފާރިކުރި ކަމުގެ ތުހުމަތުގައި ފަސް މީހަކު ހައްޔަރުކޮށްފި މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ކ. މާލެ، މއ. އުދުހޭކޮކާ، ހުނައިން ބިން އަލީ (21އ) އާއި ލ. ކުނަހަންދޫ ބަހާރުގެ، ސަލީމާ އަދުނާން (35އ) އާއި ލ. ގަން، މުކުރިމަގު، ޝާދީވިލާ މުހައްމަދު ރިޟާ (36އ) އާއި ޏ. ފުވައްމުލަކު، ދޫނޑިގަން، ޗަމްޕާ ވިލާ، އިބްރާހިމް ރަޝީދު (35އ)ގެ އިތުރުން ކ. މާލެ، މއ. ޕިންކްޑްރީމް، ހުސައިން ފަޒީލް (47އ)އެވެ. މި މީހުންގެ ތެރެއިން ފަޒީލް ފިޔަވާ ދެން ތިބި އެންމެންގެ ބަންދަށް ވަނީ 15 ދުވަސް ޖަހާފައެވެ. ފަޒީލްގެ ބަންދަށް ޖަހާފައިވަނީ 10 ދުވަހެވެ. ހުނައިނާއި، ސަލީމާ އާއި ރިޟާގެ އިތުރުން އިބްރާހިމް ރަޝީދުގެ ބަންދު އަމުރުގައިވާގޮތުން އެނާ އަކީ އެކުށް ކޮށްފައިވާ މީހެއްކަން ބެލެވޭ ސަބަބުތަކެއް ފާހަގަވާ ކަމަށެވެ. އަދި އެމީހުން ތިބި ކޮޓަރިތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ސެލޯފިން ކޮޅާއި ރަބަރު ޕެކެޓާއި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއްހުރި ޖޫސްޕެޓީ ކޮތަޅެއްގެ އިތުރުން އެކޮޓަރީގައި އޮތް ޖިންސެއްގެ ޖީބުންނެގި ވޮލެޓެއްގެ ތެރެއިން ހުނަިއންގެ އައިޑިކާޑާއި ފައިސާ ފެނިފައިވާ ކަމަށް ބުނެފައި ވެއެވެ. މީގެ އިތުރުން މިތަނުން ފެނުނު މަސްތުވާތަކެތީގެ ތެރޭގައި ބަރުދަނުގައި 999.6 ގުރާމް ހުރި ހެރޮއިން ކަމަށް ޝައްކު ކުރެވޭ އެއްޗަކާއި ބަރުދަނުގައި 43.77 ގުރާމްހުރި ކެނެބިސް ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ކަމަށްވެސް ބަންދު އަމުރުގައިވެއެވެ. ކޯޓުގައި ހުނައިން ބުނެފައިވަނީ އޭނާ އަކީ އެ ކޮޓަރީގައި ދިރިއުޅެ މީހެއް ނޫން ކަމަށާއި އޭނާ އެތަނަށް ވަނީ ފާހާނާކޮށްލުމަށް ކަމަށް ބުނެފައެވެ. އަދި އެ ކޮޓަރި ތެރޭގައި ހުރި ރޯނެއްގައި އޭނާގެ ޖިންސަކާއި ޓީޝާޓެއް އޮންނާނެ ކަމަށާއި އެއީ އޭނާ ލައިގެންހުރި އަންނައުނު ކަމަށް ވަނީ ބުނެފައެވެ. އެއީ އޭނާ ފާހާނާއަށް ވަނުމަށް ބޭލުމަށްފަހު އެޅުވި އަންނައުނު ކަމަށާއި އޭގެ އިތުރުން އެތަނުގައި އޭނާގެ އަންނައުނެއް ނުހުންނާނެ ކަމަށް ވަނީ ބުނެފައެވެ. މީގެ އިތުރުންވެސް އެތަނުން ފެނުނު އެހެނިހެން އަންނައުނު ތަކަށް ހައްޔަރުކުރި އެކަކުވެސް ޒިންމާވެފައިނުވާތީ އެކަން ފުލުހުން ބަލަމުންދާ ކަމަށް އަމުރުގައިވެއެވެ. އަދި އެތަނުން މަސްތުވާތަކެތި ކިރުމަށް ބޭނުންކުރާ އާލާތްތަށްވެސް ފެނިފައިވާ ކަމަށް އަމުރުގައި ވެއެވެ. ކޯޓުގައި ސަލީމާ ބުނެފައިވަނީ އެތަނަކީ އޭނާ އާއި ގުޅުން ހުރި ތަނެއް ނޫން ކަމަށާއި އެތަނަށް އޭނާ ދިޔައީ މަސްތުވާތަކެތި ބޭނުންކުރާ ގަޑި ހަމަވުމުން އެ ބޭނުންކުރުމަށް ކަމަށެވެ. އަދި އޭނާ ދިރިއުޅެނީ އެ އެޕާޓުމަންޓުގެ ކޮޓަރިއެއްގައި ކަމަށްވެސް ބުނެފައިވެއެވެ. ކޯޓުގައި އިބްރާހިމް ރަޝީދު ބުނީ މި ކޮޓަރިން ފެނުނު ތަކެއްޗަކީ އޭނާ އާއި ގުޅުންހުރި ތަކެތި ނޫން ކަމަށެވެ. މީގެ އިތުރުން މި މައްސަލައިގައި ހިމެނޭ ފަޒީލް ލައިގެން ހުރި އަންނައުނު ބަލައި ފާސްކުރުމުގެ ތެރޭގައި އޭނާގެ ވައަތުން ފެނުނު ވޮލެޓެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއްހުރި ހަ ރަބަރު ޕެކެޓު ވަނީ ފެނިފައެވެ. އޭނާގެ ބަންދު އަމުރުގައިވާގޮތުން އޭނާ އަކީ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން އަންނަ މީހެއް ކަމަށާއި އަދި މީހުން ބައިވެރިކޮށްގެން އެކަން ކުރަމުން އަންނަ މީހެއް ކަމަށް ފުލުހުން ފާހަގަކޮށްފައިވާ ކަމަށެވެ. މި އެންމެންގެވެސް ކުޑަކަމުދާތަކެތި މަސްތުވާތަކެތީގެ އެކި ބާވަތްތަކަށް ވަނީ ޕޮޒިޓިވް ވެފައެވެ. އަދި މިއީ ބޮޑު ޖަމާއަތް ހަދައިގެން ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން އަންނަ ބައެއް ކަމަށް ބެލެވޭ ކަމަށްވެސް ވަނީ ބުނެފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ