މާލެ: 31°C
ފުލުހުން އަމަލުކުރިގޮތުން ރޭ ނުވެސް ނިދުނު، އަދިވެސް މިހުރީ ނުނިދާ: ރައީސް ޑރ. މުއިއްޒު

ފުލުހުން އަމަލުކުރިގޮތުން ރޭ ނުވެސް ނިދުނު، އަދިވެސް މިހުރީ ނުނިދާ: ރައީސް ޑރ. މުއިއްޒު

April 10, 2024
2 ފަހަރު ބަލާފައި
ފުލުހުން އަމަލުކުރިގޮތުން ރޭ ނުވެސް ނިދުނު، އަދިވެސް މިހުރީ ނުނިދާ: ރައީސް ޑރ. މުއިއްޒު
ޕީޕަލްސް ނޭޝަނަލް ފްރޮންޓް، ޕީއެންއެފް އުފައްދަން ރޭ ޣިޔާސުއްދީން ސްކޫލްގައި ބޭއްވުމަށް ތައްޔާރުވަމުންދިޔަ ޖަލްސާއަށް ފުލުހުން އަމަލު ކުރެއްވިގޮތުން ރޭ ނުވެސް ނިދުނުކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވެއްޖެއެވެ. އެޕާޓީގެ މެމްބަރުންނާ ދެކޮޅަށް އެސްއޯ ފުލުހުން އަމަލުކޮށްފައިވަނީ އެމަނިކުފާނު ގެންގުޅުއްވާ އުސޫލުތަކާ ހިލާފަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މިކަމާ ގުޅޭގޮތުން ވާހަކަދައްކަމުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ، ރޭގެ ޖަލްސާގައި ފުލުހުން އަމަލުކޮށްފައިވަނީ އެމަނިކުފާނު ދެއްވާފައިވާ އިރުޝާދުތަކާ މުޅިން ހިލާފަށްކަމަށެވެ. އަދި މިކަމާގުޅޭ ތަހުޤީޤެއް ކުރުމަށް ހޯމް މިނިސްޓަރަށް އަންގަވާފައިވާ ކަމަށާއި ތަހުޤީޤު ރިޕޯޓް ލިބުމުން ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކަށް ފިޔަވަޅު އަޅުއްވާނެ ކަމަށެވެ. "އަޅުގަނޑު ވަރަށް ކަންބޮޑުވެފަ މިހުރީ މިކަމާ އިނގޭތޯ. އެއީ އަޅުގަނޑު ކަނޑައެޅިގެން ދެކޮޅު ކަމެއްގައި އަދި ސާފުކޮށް ކަނޑައަޅާފައިވާ ސިޔާސަތެއްގައި. ހޯމް މިނިސްޓަރަށްވެސް އެނގިވަޑައިގަންނަވާނެ. ކޮމިޝަނަރ އޮފް ޕޮލިސްއަށްވެސް އެނގިވަޑައިގަންނަވާނެ، އަދި ޖުމްލަކޮށް ހުރިހާ ފުލުހުންނަށްވެސް އެނގޭނެ ސިޔާސަތެއްމީ އެސްއޯ ފުލުހުން ބޭނުމެއް ނުކުރާނަމޭ. އެއާ ދެކޮޅަށް ދިޔައީމަ އަޅުގަނޑުމިހިރީ އެކަމާ ވަރަށް ކަންބިޑުވެފަ. އެެއީ އަޅުގަނޑު ދެކޮޅު ހެދި ކަމެއްގަ ފުލުހުންގެ ފަރާތުން އެއޮތީ ރައްޔިތުންތަކަށް އުނދަގޫތަކެއް ކުރިމަތިވެފަ. ފުލުހުން އެކުރީ ކަނޑައެޅިގެން ނުކުރަން ބުނެފައޮތް ކަމެއް. އެކަމާ ގުޅިގެން ހަޤީޤަތުގައި ރޭ އަޅުގަނޑަށް ނުވެސް ނިދުނު. އަދިވެސް މިހުރީ ނުނިދާ މިކަމާ ވިސްވާ ވިސްނާ. އަޅުގަނޑަށް މި ރިޕޯޓް ލިބި މިކަމުގެ އަޑިއަށްދެވި މިކަން ހައްލުވެގެން ނޫނީ އަޅުގަނޑަށް ހިޔެއްނުވޭ ހިންހަމަޖެހުމެއް ލިބޭނެ ހެނެއް." ރައީސް ވިދާޅުވިއެވެ. ޕީއެންއެފް އުފެއްދުމަށް ބާއްވަންޖެހޭ ޖަލްސާ ޢިޔާސުއްދީން ސްކޫލު ހޯލުގައި ބޭއްވުމަށް ފުލުހުން ހުރަސް އެޅުމުން އެ ޖަލްސާ ފަހުން ބާއްވާފައިވަނީ ރާޅުގަނޑު ސަރަހައްދުގައި ރޭ ދަންވަރުއެވެ. ރައީސް ވިދާޅުވީ ރޭ އެ ހިނގި ކަންތައްތައް އިންވެސްޓިގޭޓްކުރުމަށްފަހު، އެކަމާ ގުޅޭ ރިޕޯޓް މިއަދު އިރުއޮއްސުމުގެ ކުރިން އެމަނިކުފާނަށް ފޮނުއްވުމަށް އަމުރުކުރައްވާފައި ވާނޭކަމަށެވެ. ޢިޔާސުއްދީން ސްުކޫލުގައި ޖަލްސާ ނުބޭއްވޭކަން އެނގުމުން ކުޅިވަރާ ބެހޭ ވަޒީރަށް ގުޅުއްވާފައި ޕީއެންއެފްގެ ޖަލްސާ ސޯސަލް ސެންޓަރުގައި ބޭއްވުމުގެ ހުއްދަ ވަގުތުން ދިނުމަށް އެދިފައިވާނޭކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ޕީއެންއެފްގެ އެ ހަރަކާތް ހިނގާ ސަރަހައްދަށް ފުލުހުން ނުދިއުމަށްވެސް އަންގާފައިވާނޭކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. މިކަމާ ގުޅޭގޮތުން ފުލުހުން ބުނެފައިވަނީ ޖަލްސާ ހުއްޓުވަން ޖެހުނީ ހުއްދަ ދެވިފައި ނުވާ އެއްވުމެއް ބާއްވަން އުޅޭތީވެ، އެކަން ހުއްޓުވައި ސްކޫލު ރައްކާތެރިކުރުމަށް، މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އެދިފައިވާތީކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ