މާލެ: 31°C
ތުލުސްދޫއަށް ކުއްތާ ބޭލި މައްސަލަ ބަލަންފަށައިފި

ތުލުސްދޫއަށް ކުއްތާ ބޭލި މައްސަލަ ބަލަންފަށައިފި

May 27, 2024
2 ފަހަރު ބަލާފައި
ތުލުސްދޫއަށް ކުއްތާ ބޭލި މައްސަލަ ބަލަންފަށައިފި
ގަވާއިދާ ހިލާފަށް ރާއްޖޭގެ ރަށެއްގައި ކުއްތާ އެއް ގެންގުޅުނު މައްސަލައެއް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ތަހުގީގު ކުރަން ފަށައިފި އެވެ. ރާއްޖޭގެ ރަށެއްގައި ކުއްތާއެއް ގެންގުޅެނިކޮށް ސޯޝަލް މީޑިޔާގައި ދައުރުވަމުންދާ ވީޑިއޯތަކާގުޅޭ ކަސްޓަމްސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކުއްތާ އަކީ ރާއްޖެއަށް ގެނައުމުގެ މަނާ ތަކެތީގެ ގާނޫނުގެ  ވަނަ މާއްދާގެ ދަށުން މިނިސްޓްރީ އޮފް ޑިފެންސް ގެ ހާއްސަ ހުއްދައެއް އޮވެގެން ރާއްޖެއަށް ގެނެވޭ އެއްޗެއް ކަމަށެވެ. މީސްމީޑިއާ ގައި ދައުރުވަމުންދާ ކުއްތާ އަކީ މި މަހުގެ 16 ވަނަ ދުވަހު ސެއިލިން ޔޮޓެއްގައި ރާއްޖެއަށް ގެނެސްފައިވާ ކުއްތާއެއް ކަމަށާއި، ހަމައެކަނި އެ ޔޮޓުގައި ޕެޓް ޑޯގެއްގެ ގޮތުގައި އެ ކުއަތާ ގެންގުޅުމަށް ޑިފެންސް މިނިސްޓްރީން ހާއްސަ ހުއްދައެއް ދީފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. މީގެ އިތުރުން އެ ޔޮޓުގައި ރާއްޖޭގެ އެކި ސަރަހައްދު ތަކަށް ދަތުރުކުރި ނަމަވެސް ކުއްތާ ޔޮޓުން ނުބޭލުމަށް މިނިސްޓްރީން ދީފައިވާ ހުއްދާގައި ބުނެފައި ވާނޭ ކަމަށް ވެސް ބަޔާނުގައި ބުނެފައެވެ. ނަމަވެސް ހުއްދަ އާއި ހިލާފަށް ކުއްތާ ޔޮޓުން ބާލައިގެން ރާއްޖޭގެ ރަށެއްގައި ގެންގުޅެފައިވާތީ ކަސްޓަމްސް އިން ދަނީ އިތުރަށް އެ މައްސަލަ ބަލައި ތަހުގީގު ކުރަމުން ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފައެވެ. މިނިވަންއަށް މައުލޫމާތު ލިބިފައިވާގޮތުގައި ޔޮޓަކުން ކުއްތާއެއް ބާލާފައިވަނީ މާލެ އަތޮޅު ތުލުސްދޫއަށެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއިން ފެންނަ ގޮތުގައި ތުލުސްދޫ ބަނދަރަށް ފައިބާ ފަތުރުވެރިއަކު ކުއްތާއެއް ހިފައިގެން ހުރެ އޭތި ރަށު ތެރެއަށް ދޫކޮށްލަ އެވެ. އެވަގުތު ރަށު މީހުން ވެސް އެތަނުގައި ތިއްބެވެ. މީގެ ކުރިން ވެސް ހުއްދަ ހޯދައިގެން ޔޮޓުތަކުގައި ކުއްތާ އެތެރެކޮށްފައިވެ އެވެ. ނަމަވެސް މީހުން ދިރިއުޅޭ ރަށްރަށަށް ބޭލުމަކީ މަނާ ކަމެކެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ، ހިންމަފުށީ ބޭރުގައި އޮތް ޔޮޓެއްގައި ފަތުރުވެރިންތަކެއް ގެންގުޅުނު ކުއްތާއެއް ތުލުސްދޫއަށް ބޭލި ކަމުގެ ރިޕޯޓް ލިބިގެން ފުލުހުން އެޓެންޑް ވެފައިވާ ކަމަށާއި، އެ ކުއްތާ މިހާރު އަނބުރާ ޔޮޓަށް ގެންގޮސްފައިވާ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ