ދަ ހޯކްސްގެ ބޯޓަކުން ވަގަށް ރާއްޖެ އަށް ސިނގިރޭޓް އެތެރެކުރި މައްސަލައެއް ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ ދަ ހޯކްސް ގެ ބޯޓަކުން 200 ކާޓަން މެންޗެސްޓަ ސިނގިރޭޓް ސިއްރުން އެތެރެކުރި މައްސަލަ ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ތަހުގީގު ކުރަން ފަށާފައިވާ ކަމަށާއި، މި މައްސަލައިގައި ތުހުމަތު ކުރެވެނީ ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑްގެ ފޮރިންގޮއިން އުޅަނދެއް ކަމަށްވާ "ދަ ހޯކްސް ޖަވާހިރު ބޯޓް" އިން މި ސިނގިރޭޓްތައް ރާއްޖެ އަށް އެތެރެކޮށްފައިވާ ކަމަށް ކަމަށެވެ.
ފުލުހުން އިތުރަށް ބުނީ މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ގޮތުގައި 2024 އޮކްޓޯބަރު 24 ވަނަ ދުވަހު ރާއްޖެ އަށް އައި 'ދަ ހޯކްސް ޖަވާހިރު ބޯޓު" އިން މި ސިނގިރޭޓްތައް ބޯޓުގެ މެނިފެސްޓުގައި ނުހިމަނައި ރާއްޖެއަށް ގެނެސްފައިވާކަމަށާއި، އަދި އޮކްޓޯބަރު 25 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި ކ. ތިލަފުށީގައި ހުންނަ ހޯކްސް ބޯޓު ޔާޑުގެ ޖެޓީއަށް މި ސިނގިރޭޓްތައް ބާލައިގެން ސިއްރުން އެތެރެކޮށްފައިވާ ކަމަށެވެ.
އަދި އެ މައްސަލައިގެ ތަހުގީގު ބިނާވެފައި ވަނީ މައިގަނޑު ދެ ކުށެއްގެ މައްޗަށް ކަމަށް ކަމަށާއި، އޭގެ ތެރޭގައި ހިމެނެނީ ކަސްޓަމްސްގެ ގާނޫނުގެ 97 ވަނަ މާއްދާގެ ދަށުން ރާއްޖެއަށް ސިއްރުން މުދާ އެތެރެކުރަން އުޅުމުގެ ކުށާއި، މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ 53 ވަނަ މާއްދާގެ ދަށުން މަނީ ލޯންޑްރިން ކުށް ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.







