މާލެ: 31°C

ތަޢުލީމީ ދާއިރާގެ އިންސާނީ ވަޞީލަތްތަކާއި ޢުމްރާނީ ވަޞީލަތްތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން: ރައީސް ސޯލިހު

ތަޢުލީމީ ދާއިރާގެ އިންސާނީ ވަޞީލަތްތަކާއި ޢުމްރާނީ ވަޞީލަތްތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން: ރައީސް ސޯލިހު
May 18, 2023
2 ފަހަރު ބަލާފައި
ތަޢުލީމީ ދާއިރާގެ އިންސާނީ ވަޞީލަތްތަކާއި ޢުމްރާނީ ވަޞީލަތްތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން: ރައީސް ސޯލިހު
ތައުލީމީ ދާއިރާގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ. ރައީސް ސޯލިހް މިހެން ވިދާޅުވީ، 2021 – 2022 ވަނަ އަހަރު ސާނަވީ ތައުލީމު ނިންމާ އިމްތިހާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހާސިލުކުރި ދަރިވަރުންނަށް "މަތީ އަރުތަވެރިންގެ އިނާމު" ދިނުމުގެ ގޮތުން މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ރައީސް ސޯލިހްގެ އަނބިކަނބަލުން ފަޒްނާ އަހަމަދާއި ނައިބު ރައީސް ފައިސަލް ނަސީމުވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވަނީ ސާނަވީ އަދި މަތީ ތައުލީމަށް ކުރިމަތިލާ ދަރިވަރުން، އެދަރިވަރުންގެ ގާބިލުކަމާ އެންމެ އެކަށޭނަ ރޮނގަކުން ދެވެން އޮތް އެންމެ މައްޗަކަށް ދިއުމަށް އަމާޒުހިފުމަށް ވެސް ދަރިވަރުންގެ ކިބައިން އެދިވަޑައިގެންފައެވެ. މީގެ އިތުރުން ރައީސް ސޯލިހް ވަނީ ދަރިވަރުންގެ ކިބައިގައި ހުރި ހުނަރުވެރިކަން އިތުރަށް ތަރައްގީކޮށް، ގައުމީ ހިދުމަތަށް ނުކުތުމަކީ، ކޮންމެ ދަރިވަރެއްގެ ކޮނޑުގައި އެޅިފައިވާ ޤައުމީ ވާޖިބެއްކަން ފާހަގަކުރައްވާފައެވެ. އެގޮތުން ތައުލީމީ ގޮތުން ކިތަންމެ މައްޗަކަށް ދަތުރުކުރަން ބޭނުންވިޔަސް، އެ ފުރުސަތު ކޮންމެ ދަރިވަރަކަށްވެސް ރާއްޖެއާއި ރާއްޖެއިން ބޭރުންވެސް، މިހާރު ފަހިވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ގައުމު ތަރައްގީކޮށް ހެޔޮލަފާ ރަނގަޅު ޖީލެއް ބިނާކުރެވޭނީ، ޒަމާނީ ތައުލީމާއި ތަރުބަވީ އަހްލާގުގެ މާހައުލަކަށް ސްކޫލްތައް ހަދައިގެންކަން ފާހަގަކުރައްވައި ރައީސް ސޯލިހް ވަނީ ތައުލީމީ ދާއިރާގެ ޢުމްރާނީ ތަރައްގީއާ ވަސީލަތްތަކާއި އަދި އިންސާނީ ވަސީލަތްތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް ފުރިހަމަ ކުރުމަށް ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރިޔަށްދާކަން ފާހަގަކުރައްވާފައެވެ. ހަމަ އެހެންމެ، ސްކޫލްތަކުގެ ކިޔެވުން ހަރުދަނާކުރުމަށް ސްކޫލްތަކުގެ ރިވިއު އެނަލިސިސްއެއް ހަދައި އޭގެ ތެރެއިން އެންމެ އެހީތެރިކަން ބޭނުންވާ ސްކޫލްތަކަށް ބޭނުންވާ އެހީތެރިކަން ސަރުކާރުން ފޯރުކޮށްދެމުން އަންނަ ކަމުގައިވެސް ރައީސް ސޯލިހް ވިދާޅުވިއެވެ. ސާނަވީ ތައުލީމު ނިންމާ އިމްތިހާނުތަކުގެ ވަކިވަކި މާއްދާތަކުން މުޅި ދުނިޔެއިން 1 ވަނަ ނަތީޖާ ހޯދި ދަރިވަރުންނަށާއި އަދި ސާނަވީ ތަޢުލީމު ނިންމާ އިމްތިހާނުތަކުން 1 ވަނަ ހޯދި ދަރިވަރުންނަށް ޓޮރޮފީއާ ހަނދާނީ ލިއުން، މި ރަސްމިއްޔާތުގައި ހަވާލުކޮށްދެއްވީ ރައީސް ސޯލިހް އެވެ. އަދި ސާނަވީ ތަޢުލީމު ނިންމާ އިމްތިހާނުތަކުން އެންމެ ރަނގަޅު 10 ނަތީޖާ ހޯދި ދަރިވަރުންގެ ތެރެއިން 2 ވަނަ ހޯދި ދަރިވަރުންނާއި އެކިއެކި މާއްދާތަކުން މުޅި ދުނިޔެއިން 2ވަނައިން 10ވަނަ އާ ދެމެދުގެ ވަނަތައް ހޯދި ދަރިވަރުންނަށް ޓޮރޮފީއާ ހަނދާނީ ލިއުން، ހަވާލުކޮށްދެއްވީ މެޑަމް ފަޒްނާ އެވެ. އެންމެ ރަނގަޅު 10 ނަތީޖާ ހޯދި ދަރިވަރުންގެ ތެރެއިން 3 ވަނަ ހޯދި ދަރިވަރުންނަށް ޓޮރޮފީއާ ހަނދާނީ ލިއުން، ހަވާލުކޮށްދެއްވީ ނައިބު ރައީސް ފައިސަލް އެވެ. މިދިޔަ ދިރާސީ އަހަރު ސާނަވީ އިމްތިހާން ފުރިހަމަކުރި 6360 ދަރިވަރުންގެ ތެރެއިން، 844 ދަރިވަރުން އެންމެ ރަނގަޅު 10 ވަނައިގެ ތެރޭގައި ހިމެނެއެވެ. އަދި މީގެ ތެރޭގައި ސާނަވީ ތައުލީމު ނިންމާ އިމްތިޙާނުތަކުން މުޅި ދުނިޔޭގެ އެންމެ ގަދަ 10 ވަނައިގައި ހިމެނުނު 11 ދަރިވަރަކާއި، ހައި އެޗީވްމެންޓް ހާސިލުކުރި 6 ދަރިވަރަކު ހިމެނެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ