ބައިނަލްއަޤްވާމީ މައިދާނުގައި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ބައިވެރިވުން ކަށަވަރުކުރަން ޖެހޭ ކަމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ 8 ވަނަ އިންޑިއަން އޯޝަން ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ފެބްރުއަރީ މަހުގެ 16 އިން 17 އަށް އޮމާންގެ ވެރިރަށް މަސްކެޓްގައި ކުރިއަށްދާ 8 ވަނަ އިންޑިއަން އޯޝަން ކޮންފަރެންސްގެ ދެވަނަ ޕްލިނަރީކަމުގައިވާ "އެމްޕްލިފައިންގ ދަ ވޮއިސް އޮފް ގްލޯބަލް ސައުތު" ގައި ޕެނަލިސްޓްއެއްގެ ހައިސިއްޔަތުން ޚާރިޖީ ވަޒީރު ޑރ.އަބްދުﷲ ޚަލީލް ވަނީ ވާހަކަފުޅުދައްކަވާފައެވެ.
ވަޒީރުގެ ތަޤްރީރުގައި، ބައިނަލްއަޤްވާމީ ނިޒާމު އިސްލާހުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ގޮވާލެއްވި ގޮވާލުން ވަނީ ތަކުރާރުކުރައްވާފައެވެ. އެގޮތުން ބައިނަލްއަޤްވާމީ ނިޒާމުން ނިންމާ ނިންމުންތައް، ނިންމުމުގައި ތަރައްޤީވަމުން އަންނަ ޤައުމުތަކަށް، ވަކިން ޚާއްސަކޮށް ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް، އިސް ދައުރެއް ދިނުމުގެ މުހިންމުކަން ވަޒީރު ފާހަގަކުރެއްވިއެވެ.
އެގޮތުން، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ޚާއްސަކޮށް އ.ދ. ގެ ސަލާމަތީ މަޖިލީހުގައި ނޮން-ޕާމަނަންޓް ރޮޓޭޓިންގ ސީޓެއް ހަމަޖެއްސުމަށް ވަޒީރު ވަނީ ގޮވާލައްވާފައެވެ. އަދި، އެ މަޖިލީހަކީ ޒަމާނަށް ފެތޭ ބައިނަލްއަޤްވާމީ ޤާނޫނު ނެގެހެއްޓޭ މަޖިލީހަކަށް ހެދުމަށްޓަކައި، ވީޓޯ ކުރުމުގެ ބާރު އުވާލާ، ނޮން-ޓްރެޑިޝަނަލް ސަލާމަތީ މައްސަލަތަކާއި، ދުނިޔޭގެ ސަލާމަތަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކަށް އިސްކަންދިނުމަށް ގޮވާލެއްވިއެވެ.







