މާލެ: 31°C
ތެލަސީމިއާ ކުދިންނަށް ހާއްސަ ހޮސްޕިޓަލެއް ހުޅުމާލޭގައި ގާއިމްކުރަނީ

ތެލަސީމިއާ ކުދިންނަށް ހާއްސަ ހޮސްޕިޓަލެއް ހުޅުމާލޭގައި ގާއިމްކުރަނީ

February 15, 2024
3 ފަހަރު ބަލާފައި
ތެލަސީމިއާ ކުދިންނަށް ހާއްސަ ހޮސްޕިޓަލެއް ހުޅުމާލޭގައި ގާއިމްކުރަނީ
ރައީސުލްޖުމްހޫރިއްޔާ ޣޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް، ތެލަސީމިއާ ކުދިންގެ ފަރުވާއަށް ޚާއްޞަ ހޮސްޕިޓަލެއް މާލެ ސަރަހައްދުގައި ގާއިމްކުރެއްވުމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ ނެޝަނަލް ތެލަސީމިއާ ކޮންފަރެންސް 2024 ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ނައިބު ރައީސް ވިދާޅުވީ ތެލަސީމިއާ ކުދިންގެ ފަރުވާގެ ކަންކަން ރަނގަޅު ކުރުމަކީ ރައީސް މުއިއްޒު ވަރަށް އިސްކަން ދެއްވާ ކަމެއް ކަމަށާއި، ސަރުކާރުގެ ފުރަތަމަ ހަފުތާ 14 ގެ ތެރޭގައި ތެލަސީމިއާ ކުދިންނަށް ހާއްސަކޮށްގެން ކަންތައްތަކެއް ފަށައި ކުރިއަށް އެބަގެންދާ ކަމަށެވެ. އެގޮތުން، ތެލަސީމިއާ ކުދިންނަށް ހާއްސަ ހޮސްޕިޓަލެއް މާލެ ސަރަހައްދުގައި ގާއިމު ކުރުމަށްޓަކައި ހުޅުމާލޭގެ ދެވަނަ ފިޔަވައިން 71،000 އަކަފޫޓުގެ ބިމެއް އެކަމަށް ހަމަޖައްސަވައި ދެއްވައިފައިވާ ކަމަށް ވެސް ނައިބު ރައީސް ވިދާޅުވިއެވެ. އޭގެ އިތުރުން ބޯންމެރޯ ސަރުކާރުގެ ހަރަދުގައި ހެދޭނެ އިންތިޒާމު ހަމަޖެއްސުމަކީ ރައީސްގެ އެންމެ މުހިންމު އެއް ރިޔާސީ ވައުދު ކަމަށްވާއިރު އެކަން މިހާރު ފައްޓަވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ތެލަސީމިއާ ކުދިންނަށް ބޭނުންވާ ބޭހާއި ކޮންޒިއުމަބަލްސް މިހާރު އަތޮޅުތެރޭގެ ރަށްރަށުން ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް ވެސް ނައިބު ރައީސް ވިދާޅުވިއެވެ. "ތެލަސީމިއާ މީހުންނަށް ލުއިގޮތްތަށް ހޯދައި ދިނުމަށް ސަރުކާރުގެ ވުޒާރާތަކުން މަސައްކަތް ކުރާނެކަމުގެ ޔަގީންކަން މި ފުރުސަތުގައި އަޅުގަނޑު ލޮބުވެތި ރައްޔިތުންނަށް ދެން." ނައިބު ރައީސް ވިދާޅުވިއެވެ. މިއަދު ހެނދުނު ކުރިއަށްދިޔަ ޖަލްސާގައި އެމަނިކުފާނު ވަނީ ތެލަސީމިއާ ކުދިންގެ ހިތްވަރަށް ސާބަސްދެއްވާފައެވެ. އަދި ތެލަސީމިއާ ކުދިންނަށް މި ސަރުކާރުން ލުއި ފަސޭހަ ގޮތްތައް ހޯދައިދިނުމަށް ސަރުކާރުގެ ވުޒާރާތަކުން އެކި ގޮތްގޮތުން މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ވެސް ދެއްވިއެވެ. މި ޖަލްސާގައި އެމަނިކުފާނުގެ އަނބިކަނބަލުން އާއިޝަތު އަފްރީން މުހައްމަދުގެ އިތުރުން ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ