ހއ. ތަކަންދޫ ފުލުހުންގެ މަަރުކަޒު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހުޅުއްވައިދެއްވައިފި އެވެ.
އެ ރަސްމިއްޔާތު ބާއްވާފައިވަނީ ހއ.ގެ ބައެއް ރަށްތަކަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު ތަކަންދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
ފުލުހުންގެ މަރުކަޒު ހުޅުއްވައިދެއްވުމަށް ފަހު ރައީސް ވަނީ އެތަނުގެ ދިދަވެސް ނަންގަވައިދެއްވާފަ އެވެ.
މި ރަސްމިއްޔާތުގައި ހޯމް މިނިސްޓްރ އަލީ އިހްސާނާއި، ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު، އަދި ފުލުހުންގެ އެހެނިހެން އިސް އޮފިސަރުން ބައިވެރިވެވަޑައިގެންނެވި އެވެ. މީގެ ތެރޭގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ، އެސިސްޓެންޓް ކޮމިޝަނަރުންކަމުގައިވާ މޫސާ އަލީ އަދި މުހައްމަދު ދާއޫދު، އަދި އަޕަރ ނޯތު ޕޮލިސް ކޮމާންޑަރު ޗީފް ސުޕްރިންޓެންޑެންޓް އިބްރާހީމް ޒުހުރީ ހިމެނެ އެވެ.
ރާއްޖޭގެ ހުރިހާ ރަށްރަށަކަށް ފުލުހުންގެ ޚިދުމަތް ފުޅާކުރެއްވުމަކީ ރައީސް ޑރ. މުއިއްޒުގެ ވަރަށް މުޙިއްމު ސިޔާސަތެކެވެ.
ވޭތުވެދިޔަ އަހަރުގެ ތެރޭގައި 23 ރަށެއްގައި ފުލުހުންގެ ޕޯސްޓްތައް ހުޅުވައި، ޚިދުމަތް ފޯރުކޮށްދޭން ފަށާފައިވެ އެވެ. ސަރުކާރުގެ އަމާޒަކީ 2026 ވަނަ އަހަރު ނިމުމުގެ ކުރިން ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ފެށުމެވެ.







