މާލެ: 31°C
ތާރީހީ ރެއެއް: ދިވެހި އަސްކަރިއްޔާގެ އެއަރ ކޯ އިފްތިތާހްކޮށްފި

ތާރީހީ ރެއެއް: ދިވެހި އަސްކަރިއްޔާގެ އެއަރ ކޯ އިފްތިތާހްކޮށްފި

March 15, 2024
2 ފަހަރު ބަލާފައި
ތާރީހީ ރެއެއް: ދިވެހި އަސްކަރިއްޔާގެ އެއަރ ކޯ އިފްތިތާހްކޮށްފި
ދިވެހި ތާރީހުގައި ފުރަތަމަ ފަހަރަށް، ދިވެހި ގައުމީ ދިފާއީ ބާރުގެ އެއަރ ކޯގެ ހިދުމަތް މިރޭ ރަސްމީކޮށް އިފްތިތާހްކޮށްފިއެވެ. ދިވެހި އަސްކަރިއްޔާގެ އެއަރ ކޯ އިފްތިތާހްކޮށްދެއްވީ އެކަމަށްޓަކައި ނ.މާފަރު އެއާޕޯޓްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒެވެ. ދިވެހި ގައުމީ ދިފާއުގެ ހިދުމަތަށް ފައިގެ ސިފައިން ތައާރަފްކުރުމުގެ އިތުރުން މިރޭ ވަނީ އަން މޭންޑް އޭރިއަލް ވެހިކަލް (ޔޫއޭވީ) ތައާރަފްކޮށްފައެވެ. ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ވައިގެ ސިފައިންގެ ހިދުމަތް ތައާރަފްކޮށް އެ ހިދުމަތުގެ ތެރެއަށް ޑްރޯން ތައާރަފްކޮށްފައިމިވަނީ، ދިވެހި ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމުގެ ގާބިލިއްޔަތުކަން އިތުރުކުރުމަށެވެ. ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގެ މިނިވަންކަން ކަށަވަރުކުރުމަކީ އަދުގެ ސަރުކާރުގެ ސިޔާސަތުގެ ތެރޭގައި ހިމެނޭ ވަރަށް މުހިއްމު ކަމެކެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޗީފް އޮފް ޑިފެންސްފޯސް މޭޖަރ ޖެނެރަލް އަބްދުއްރަހީމް ޢަބްދުއްލަޠީފް ވިދާޅުވީ އެންމެ ޒަމާނީ ވަސީލަތްތަކާއެކު ދިވެހި ގައުމީ ދިފާއީ ބާރުގެ ތެރެއަށް ވައިގެ ފޯސް ތައާރަފްވެގެން މިދިޔައީ ކޮމާންޑަރ އިން ޗީފް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ވިސްނުންފުޅުގެ ދަށުން ކަމަށާއި، މި ހިދުމަތް ވުޖޫދަށް މިއައީ އެމަނިކުފާނު މިކަމަށް ދެއްވި އަހަމިއްޔަތުކަމުގެ ސަބަބުންނެވެ. ޗީފް އޮފް ޑިފެންސްފޯސް ވިދާޅުވީ ދިވެހި ސިފައިންގެ ވައިގެ ހިދުމަތުގެ ތެރެއަށް އަން މޭންޑް އޭރިއަލް ވެހިކަލް (ޔޫއޭވީ) ޑްރޯން ބޭނުންކުރަން ފެށުމުން ރާއްޖޭގެ އިގްތިސާދީ ކަނޑުގެ ހާއްސަ ސަރަހައްދު ބެލެހެއްޓުމުގެ އިތުރުން، ރެސްކިއު އޮޕަރޭޝަންތައް ކުރިއަށްގެންދިއުމަށް ވަރަށްބޮޑު ފަސޭހަކަމެއް ލިބިގެންދާނޭކަމަށެވެ. [caption id="attachment_99366" align="alignnone" width="800"] ޗީފް އޮފް ޑިފެންސްފޯސް މޭޖަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ވާހަކަފުޅު ދައްކަވަނީ...[/caption] ދިވެހި ގައުމީ ދިފާއީ ބާރުގެ ތެރެއަށް އެއަރ ކޯ ތައާރަފްކޮށް ޑްރޯން ތައާރަފްކޮށްފައިވާއިރު، ރާއްޖޭގެ އިގްތިސާދީ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް 3 ޑްރޯން ވަނީ ހޯދާފައެވެ. މި ޑްރޯންތަކަކީ ތުރުކީގެ އުފެއްދުމެއްކަމަށްވާ "ބައިރަކްތާރު ޓީބީ2" އެވެ. ޑްރޯން ބޭނުންކޮށްގެން ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމަށް ތައްޔާރުވަމުންދާއިރު، ރާއްޖޭގައި ޑްރޯން މަރުކަޒު ގާއިމްކުކުރުމަށް ހަމަޖައްސާފައިވަނީ މާފަރުގައެވެ. ޑްރޯން އޮޕަރޭޝަނުގައި ދިވެހި ސިފައިންނާއެކު ތުރުކީގެ ކަމާއިބެހޭ އޮފިޝަލުން ބައިވެރިވާއިރު، ދިވެހި ޑްރޯންއަށް ދިވެހި ސިފައިން އަހުލުވެރިވުމާއި، ތަމްރީންތައް ދޭނީ ތުރުކީފެ އޮފިޝަލުންނެވެ. ޑްރޯން އޮޕަރޭޝަން ފެށުމުގެ ކުރިން ރާއްޖޭގެ ސިފައިންގެ ތެރެއިން މިކަމުގައި ހަރަކާތްތެރިވާ އޮފިސަރުން ވަނީ ތުރުކީއަށްގޮސް ޑްރޯން ތަމްރީނުތައް ކުރިއަށްގެންގޮސްފައެވެ. ރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ގާބިލިއްޔަތު އިތުރުކޮށް ބޭރުގެ އަސްކަރިއްޔާތައް ޝާމިލްނުކޮށް ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ތަސައްވުރެކެވެ. ރާއްޖޭގެ ކަނޑުގެ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމުގެ ކަންކަމުގައި އާއްމު ގޮތެއްގައި ހަރަކާތްތެރިވަނީ ކޯސްޓްގާޑުގެ ކަނޑުގެ އުޅަނދުތަކުގައެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ