ތ. ގުރައިދޫގައި އެއަރޕޯޓު ތަރައްޤީކުރުމަށް ބޭނުންވާ ބިންހިއްކުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައި ވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީއަށް މި މަޝްރޫޢު ހަވާލުކޮށްފައިވަނީ، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު ކޮންޓްރެކްޓަރ ފައިނޭންސްގެ އުސޫލުންނެވެ. އެމްޓީސީސީން ބުނީ، މި މަޝްރޫޢުގެ ދަށުން އެ ރަށުގައި 378،350 ކިއުބިކް މީޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ ކަމަށެވެ. މީގެ އިތުރުން، 979 މީޓަރު ސަރަޙައްދެއްގައި ރިވެޓްމަންޓް ޖަހާ 609 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯބޭގް ރިވެޓްމަންޓް ޖަހާނެއެވެ.
އެމްޓީސީސީން ބުނީ، ބިން ހިއްކާ ސަރަޙައްދުގައި މިހާރު ކުރިއަށް ދަނީ ބަންޑު ވޯލް ޖެހުމުގެ މަސައްކަތް ކަމަށެވެ. އެއީ މަސައްކަތް ފެށުމުގެ އެންމެ ފުރަތަމަ ތައްޔާރީތަކެވެ.
ބިން ހިއްކުމުގެ މި މަސައްކަތަކީ 106.02 މިލިއަން ރުފިޔާ ޚަރަދުވާ މަޝްރޫޢެކެވެ. މި މަސައްކަތް ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މުއްދަތަކީ 300 ދުވަހެވެ.
ގުރައިދޫގައި އެއަރޕޯޓެއް ތަރައްޤީ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ.







