ޒަމާނުއްސުރެ ރާއްޖޭގައި އާއްމު ރައްޔިތުން ކުރާ ޓެކްސީ ވިޔަފާރީގެ ތެރެއަށް ސަރުކާރުން ވަދެ، ޓެކްސީ ޑްރައިވަރުންނާ ވާދައަށް ސަރުކާރުން ނިކުތުމަކީ ސަރުކާރުގެ ސިޔާސަތުތަކުގައި މިސްރާބެއް ނެތްކަން ދޭހަވާކަމެއް ކަމުގައި އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ދާދި ދެންމެ އަކު ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވެއެވެ؛
"ސަރުކާރު ވާންޖެހޭނީ އާއްމު ވިޔަފާރިއަށް ފަހި މާހައުލެއް ގާއިމްކޮށް، ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދީ، ރެގިއުލޭޓްކޮށްދޭ ފަރާތަށް. އާއްމު ހުރިހާ ވިޔަފާރިއެއްގައި ސަރުކާރާ ވާދަކުރަން އާއްމުންނަށް ޖެހުމަކީ ދެކޮޅު ޖެހޭ ގޮތެއް ނޫން. ކޮންމެ ކަމެއްގައިވެސް ފެނިގެން މިދަނީ ސަރުކާރުގެ އަމާޒެއް ނެތްކަމާއި، ދައުލަތް ހިންގާނެ ފައިސާ ހޯދާނެ ގޮތެއް ނޭނގިގެން އުޅޭ މަންޒަރު. ވަކިން ޚާއްސަކޮށް، ސަރުކާރުން ޓެކްސީގެ ޚިދުމަތް ފޯރުކޮށްދިނުމާ ބެހޭ ގޮތުން ސަރުކާރާއި ސަރުކާރު ހިންގާ ޕާޓީގެ އިސް ބޭފުޅުން ދައްކަވާ ވާހަކަތައް ދިމާނުވުމަކީ ސަރުކާރަށް ވާންވީ ގޮތާއި ވަމުންދާ ގޮތް ނޭނގޭ ކަމުގެ ހެއްކެއް."
ޓެކްސީ ޚިދުމަތް ދިނުމަށް ސަރުކާރުން މިއަދު ވަނީ އެމްޓީސީސީއާ ހަވާލުކުރައްވާފައެވެ. އަދި އެ ޚިދުމަތް މިއަހަރު މެދުތެރޭގައި ފެށޭނެ ކަމަށް އެމްޓީސީސީއިން ބުނެފައިވެއެވެ.






