މާލެ: 31°C
ސީރިއާގައި ހާލުގަ ޖެހުނު ދިވެހި 5 އާއިލާއެއް ރާއްޖެ ގެނެސްފި

ސީރިއާގައި ހާލުގަ ޖެހުނު ދިވެހި 5 އާއިލާއެއް ރާއްޖެ ގެނެސްފި

January 16, 2024
3 ފަހަރު ބަލާފައި
ސީރިއާގައި ހާލުގަ ޖެހުނު ދިވެހި 5 އާއިލާއެއް ރާއްޖެ ގެނެސްފި
ސީރިއާގައި ހަނގުރާމަ ކުރާ ސަރަހައްދުތަކުގައި ތިބި ދިވެހިންގެ ތެރެއިން އަނބުރާ އަންނަން ބޭނުންވި ފަސް އާއިލާއެއްގެ 21 މީހުން މިއަދު ރާއްޖެއަށް އަނބުރާ ގެނެސްފިއެވެ. ހޯމް ލޭންޑް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، އެ މީހުން ރާއްޖެ ގެނެސްފައިވަނީ ޗާޓަރުކުރި މަތިންދާ ބޯޓެއްގައި ތުރުކީ މަގުން މިއަދު ހެނދުނު ކަމަށެވެ. އަދި އެމީހުން މިހާރު ތިބީ ހިންމަފުށީގައި ހަދާފައިވާ ރި އިންޓަގްރޭޝަން ސެންޓަރުގައި ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
"އޭގެ ތެރޭގައި ހިމެނެނީ 21 މީހެއް، ފަސް އާއިލާއަކަށް ނިސްބަތްވާ. އޭގެ ތެރޭގައި 15 ކުޑަކުދިންނާއި ހަ ބޮޑެތި މީހުން ހިމެނޭ. އެ ހަ މީހުންގެ ތެރޭގައި ފަސް މީހުންނަކީ އަންހެނުން. ދެން ފިރިހެނެއް. 18 އަހަރު ނުފުރޭ ހުރިހާ ކުދިން ވެސް ނިސްބަތްވަނީ މި ފަސް އަންހެނުންނަށް. މީގެތެރެއިން ޑީއެންއޭގެ ޒަރިއްޔާ އިން ކަށަވަރު ކުރެވުނީ އެ ކުދިންގެ މަންމައިންނަކީ ފަސް މީހުން ކަން." އިހުސާން ވިދާޅުވިއެވެ.
އެގޮތުން، އެމީހުންގެ ދެނެގަތުމަށް ފަހު އެމީހުން އަވަހަށް ރާއްޖެއަށް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތުރުކީއަށް ކުރެއްވި ދަތުރުފުޅުގައި ތުރުކީ ސަރުކާރުގައި އެކަމަށް އެދިވަޑައިގެންފައިވާ ކަމަށް ވެސް އިހުސާން ވިދާޅުވިއެވެ. އިހުސާން ވިދާޅުވީ މި އޮޕަރޭޝަނުގައި މާލެއިން 15 މީހުންގެ ޓީމަކާއެކު ފުރީ މި މަހުގެ 14 ވަނަ ދުވަހު ކަމަށެވެ. ތުރުކީގެ ގަޒީއަންޓެޕްއަށް ކުރި މި ދަތުރުގައި ޑޮކްޓަރުންނާއި ނަރުހުންނާއި ސެކިއުރިޓީ ބަލަހައްޓާ ބޭފުޅުންނާއި ނަފުސާނީ އެހީ ދޭ ފަރާތްތަކާއި ފުލުހުންގެ އިންޓެލިޖެންސް އަދި ތަހުގީގީ މަސައްކަތް ކުރާ ފަރާތްތައް ހިމެނޭ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
"މި 15 މީހުންގެ ޓީމު އެކޮޅަށް ގޮސް އެކޮޅުގެ އިދާރީ ކަންކަން ބަލަހައްޓަން ހަމަޖެހިފައިވާ ސަރުކާރުގެ މުއައްސަސާތަކާ ގުޅިގެން ރޭގެ ވަގުތެއްގައި ދިވެހި އާއިލާތަކާއެކު، 21 މީހުންނާއެކު ވަނީ ފުރައިގެން މާލެ ދަތުރުހަދާފަ، މި ފްލައިޓް ވަނީ މިއަދުގެ ހެނދުނު 5:02 ގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސާފަ،" މިނިސްޓަރ ވިދާޅުވިއެވެ.
އިތުރަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ ހަނގުރާމައިގެ އެކި ސަރަހައްދުތަކުގައި ރާއްޖެއަށް ނިސްބަތްވާ 100 އެއްހާ މީހުން އަދިވެސް ތިބި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އޭގެ ތެރެއިން 90 އެއްހާ މީހުންނާ ކަމާ ގުޅޭ ފަރާތްތަކަށް ކޮމިއުނިކޭޓް ކުރެވިފައިވާ ކަމަށާއި އެ 90 މީހުން އެނބުރި ރާއްޖެއަށް އަންނަން ބޭނުންވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ފުރިހަމަ ކުރުމަށްފަހު އެމީހުންނަކީ ދިވެހި މުޖުތަމައުގައި އާންމު ހާލަތުގައި އުޅެވިދާނެ ބައެއް ކަމަށް ހުރިހާ ގޮތަކުން ވެސް ގަބޫލުކުރެވޭ ހިސާބަަށް ދިއުމުންނޫނީ އެމީހުން މުޖުތަމައުއަށް ދޫކޮށްލުމުގެ މަސައްކަތް ނުފަށާނެ ކަމަށް އިހުސާން ވިދާޅުވިއެވެ. ސީރިއާއަށް ހަނގުރާމައަށް ދިޔަ އާއިލާއެއް މީގެ ކުރިންވެސް ރާއްޖެ ގެނެސް، ހިންމަފުށީގައި ހުންނަ ނެޝަނަލް ރެއިންޓަގްރޭޝަން ސެންޓަރުގައި ގެންގުޅުމަށްފަހު، އާއިލާގެ ހުރިހާ މެމްބަރުންނަށް ފަރުވާގެ ކަންކަން ފުރިހަމަ ކުރުމަށްފަހު، މިހާރު ވަނީ މުޖުތަމައަށް ދޫކޮށްލައިފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ