މާލެ: 31°C
ސުޕްރީމް ކޯޓުން ހުކުމް ކުރުމުން، ކެޔޮދޫ ދާއިރާއަށް ކެނޑިޑޭޓެއް އިތުރުކޮށްފި

ސުޕްރީމް ކޯޓުން ހުކުމް ކުރުމުން، ކެޔޮދޫ ދާއިރާއަށް ކެނޑިޑޭޓެއް އިތުރުކޮށްފި

March 1, 2024
2 ފަހަރު ބަލާފައި
ސުޕްރީމް ކޯޓުން ހުކުމް ކުރުމުން، ކެޔޮދޫ ދާއިރާއަށް ކެނޑިޑޭޓެއް އިތުރުކޮށްފި
ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް ފޯމު ހުށަހެޅި ފަރާތެއްގެ ފޯމު ބަލައި ނުގަތީ ގާނޫނާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން އިއްޔެ ހުކުމް ކުރުމުން، އިލެކްޝަންސް ކޮމިޝަނުން ވ. ކެޔޮދޫ ދާއިރާއަށް ކެންޑިޑޭޓަކު އިތުރުކޮށްފިއެވެ. އީސީއިން ކެޔޮދޫ ދާއިރާއަށް އިތުރުކޮށްފައިވަނީ އަމިއްލަ ގޮތުން ވާދަކުރުމަށް ހުށަހެޅި އާއިޝަތު އަފްނާން އަލީގެ ނަމެވެ. އޭނާގެ ކެންޑިޑަސީ ގަބޫލުކުރަން ޖެހޭކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމުން އޭނާގެ ޝަރުތު ހަމަވާކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައި، ކެންޑިޑަސީ ބަލައިގެންފައިވާ ކަމަށް އެކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވިއެވެ. އެގޮތުން މިހާރު މިހާރު ކެޔޮދޫ ދާއިރާއަށް ހަތަރު ކެންޑިޑޭޓުން ވާދަކުރާނެ އެވެ. އަފްނާންގެ ކެންޑިޑަސީ ފޯމު ބަލައިނުގަތީ ގާނޫނާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން ނިންމީ އޭނާގެ ކެނޑިޑެސީ އީސީއިން ގަބޫލު ނުކުރުމުން، އެނާގެ ފަރާތުން ހުށަހެޅި މައްސަލައެއްގައެވެ. އަފްނާންގެ އިންތިހަބީ އޭޖެންޓުގެ ލިޔެކިޔުންތަކެއް މަދު ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން ފޯމު ބަލައި ނުގަތުމަށް ނިންމި ނަމަވެސް އެކަން ކޮށްފައިވަނީ ޤާނޫނު ބުނާ މިންވަރަށް ކޮމިޝަނުން ފަރުވާތެރިކަމާއެކު ނުބަލާކަން ކޯޓުގެ ހުކުމުގައި ވަނީ ފާހަގަކުރައްވާފައެވެ. އިންތިހާބުތަކުގައި ވާދަކުރަން ހުޅުވާލާ މުއްދަތުގައި ހުށަހަޅާ ފޯމު ބަލައި ނުގަތުމުން އެކަމާ ގުޅޭ ޝަކުވާއެއް އޮތްނަމަ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅެއެވެ. އެގޮތުން މިއަހަރުގެ މަޖިލިސް އިންތިހާބާ ގުޅިގެން މިހާތަނަށް ދެ މައްސަލަތަކެއްގައި ސުޕްރީމް ކޯޓުން ވަނީ ޝަރީއަތް ކުރިއަށްގެންގޮސްފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ