ސުޕްރީމް ކޯޓުގެ ފަރާތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި އިންނަވާ މެންބަރުގެ ގޮތުގައި ފަނޑިޔާރު ހުސްނުއްސުއޫދު ހަމަޖައްސަވައިފި އެވެ.
ސުޕްރީމް ކޯޓުން "އެކްސް" ގައި ކުރި ފޯސްޓެއްގައި ވަނީ ފަނޑިޔާރު ސުއޫދު އެ މަސައްކަތް ކުރެއްވުމަށް ހަމަޖެއްސެވިކަން ހާމަކުރައްވާފައެވެ.ސުޕްރީމް ކޯޓުގެ ފަރާތުން މިދިޔަ ހަތަރު އަހަރެއްހާ ދުވަހު އެ ކޮމިޝަނުގައި އިންނެވީ ފަނޑިޔާރު އައިޝާ ޝުޖޫން އެވެ. ނަމަވެސް މެންބަރު ބަދަލުކުރި ސަބަބެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
ޖޭއެސްސީގައި ތިއްބަވަނީ އުއްތަމަ ފަނޑިޔާރު ފިޔަވައި ސުޕްރީމް ކޯޓުން ކަނޑައަޅާ ފަނޑިޔާރެއްގެ އިތުރުން، ހައި ކޯޓުން އިންތިހާބުކުރާ އެ ކޯޓުގެ ފަނޑިޔާރަކާއި، ދަށު ކޯޓުތަކުން އިންތިހާބުކުރާ ދަށު ކޯޓެއްގެ ފަނޑިޔާރެކެވެ.
އަދި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މެންބަރަކާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި، ސިވިލް ސާވިސް ކޮމިޝަންގެ ރައީސްއާއި، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ އެ މަޖިލީހުގެ މެންބަރަކާއި، މަޖިލީހުން ކަނޑައަޅާ އާންމުންގެ މީހެއް ވެސް ޖޭއެސްސީގައި ހިމެނެއެވެ.
އޭގެ އިތުރުން، ޖޭއެސްސީގައި އޮންނަ ފަނޑިޔާރުންގެ އިސްތިއުނާފީ މަޖިލީހުގައި ހުންނަވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ވެސް ވަނީ ބަދަލުވެފައެވެ. ސުޕްރީމް ކޯޓުން އެ މަޖިލީހަށް ހަމަޖެއްސީ ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ ބަދަލުގައި ފަނޑިޔާރު މުހައްމަދު އިބްރާހިމެވެ.







