މާލެ: 31°C

ސުޕްރީމް ކޯޓުގެ ބެންޗު ދަށްކުރާ ބިލު ތަސްދީގު ނުކުރައްވައި އަނބުރާ މަޖިލިސްއަށް

March 11, 2025
131 ފަހަރު ބަލާފައި
ސުޕްރީމް ކޯޓުގެ ބެންޗު ދަށްކުރާ ބިލު ތަސްދީގު ނުކުރައްވައި އަނބުރާ މަޖިލިސްއަށް
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ކުޑަކުރާ ބިލު ތަސްދީގުނުކޮށް އަނބުރާ ރައްޔިތުންގެ މަޖިލީހަށް، ރައީސް ޑރ މުހައްމަދު މުއިއްޒު މިއަދު ފޮނުއްވައިފި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ކުޑަކުރާ ބިލު ތަސްދީގުނުކޮށް އަނބުރާ ރައްޔިތުންގެ މަޖިލީހަށް، ރައީސް ޑރ މުހައްމަދު މުއިއްޒު މިއަދު ފޮނުއްވައިފި އެވެ.

ރައީސް އޮފީހުގެ ވެބްސައިޓްގައި ދެންމެ ވަނީ އެ ކަން ހާމަކޮށް އެ ހަބަރު ޝާއިއުކޮށްފަ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ހަތަކުން ފަހަކަށް ކުޑަކުރަން ގާނޫނު ބަދަލުކުރީ މިދިޔަ މަހު 26ގަ އެވެ. އެއީ ސަރުކާރު ހިންގާ ޕީއެންސީގެ މެޖޯރިޓީން ފާސްކުރި ބިލެކެވެ.

ރައްޔިތުންގެ މަޖިލީހަށް ބިލު ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު އަމިއްލަ ހައިސިއްޔަތުންނެވެ. މަޖިލީހުގައި ބިލަށް ތާއީދުކޮށް ވޯޓު ދެއްވުމަށް މެންބަރުންނަށް އެންގެވީ ވެސް ސަރުކާރު ހިންގާ ޕީއެންސީގެ ލީޑާޝިޕުންނެވެ.

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކުރަން ޖެހޭ ގޮތަށް ބިލެއް ފާސްކުރީ، ޕާޓީން ކަނޑާލުމުން މަޖިލީހުގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް އިތުރުކުރި މާއްދާތައް ބާތިލްކުރަން ހުށަހެޅި މައްސަލަ ކުރިއަށް ގެންދަން ސުޕްރީމް ކޯޓުން ނިންމާފައި ވަނިކޮށެވެ.

ގާނޫނުއަސާސީގައި ހިމެނި މަޖިލީހުގެ ގޮނޑި ގެއްލޭ އާ ހާލަތްތަކަށް އަމަލުކުރުން މަޑުޖައްސާލުމުގެ އަމުރަކާ ގުޅޭ އަޑުއެހުމެއް ތާވަލުކޮށްފައިވަނިކޮށް އަޑުއެހުމުގެ ކުރިއަށް ބިލު މަޖިލީހުން ފާސްކުރި އެވެ. އަދި އެ ދުވަހު ތިން ފަނޑިޔާރަކު ސަސްޕެންޑް ވެސް ކުރި އެވެ.

ސަސްޕެންޑްކުރި ފަނޑިޔާރުންގެ ތެރެއިން ހުސްނުއްސުއޫދު ވަނީ މިދިޔަ ހަފުތާ އަންގާރަ ދުވަހު އިސްތިއުފާ ދެއްވައިފަ އެވެ. ހުސްވި މަގާމަށް ކުރިމަތިލާން އިއްޔެ ހުޅުވާލި އެވެ. ހުޅުވާލީ މާދަމާ މެންދުރުގެ ނިޔަލަށެވެ.

ދެން ސަސްޕެންޑްކުރި، ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރުގެ ސުލޫކީ މައްސަލަތަކެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ދަނީ ބަލަމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ