ސްޕްރީމް ކޯޓުގެ 3 ފަނޑިޔާރުން ސަސްޕެންޑް ކުރި މައްސަލާގައި ޤާނޫނީ ވަކީލުން ގެ ފަރާތުން އެ ކޮމިޝަނަށް އައްޔަން ކޮށްފައި ހުންނަވާ މެމްބަރ އަމަލުކޮށްފައިވާގޮތް ބެއްލެވުމަށް ގާނޫނީ ވަކީލުންގެ ފަރާތުން މިއަދު ޖުޑިޝަލް ސާވިސް ކޮމިޝަނަށް ގޮސް އެ މައުލޫމާތު ދިނުމަށް އެދެފިއެވެ.
ޖުޑީޝަލް ސާވިސްކޮމިޝަނަށް ވަޑައިގެންނެވި ގާނޫނީ ވަކީލުންގެ ފަރާތުން ވާހަކަ ދައްކަވަމުން ގާނޫނީ ވަކީލް އަލީ ހުސެއިން ވިދާޅުވީ އެ ބޭފުޅުން މިއަދު ޖުޑިޝަލް ސާވިސް ކޮމިޝަނަށް ވަޑައިގެންނެވީ ސްޕްރީމް ކޯޓުގެ 3 ފަނޑިޔާރުން ސަސްޕެންޑް ކުރި މައްސަލާގައި ޤާނޫނީ ވަކީލުން ގެ ފަރާތުން އެ ކޮމިޝަނަށް އައްޔަން ކުރައްވާފައި ހުންނެވި މެމްބަރ އަލް އުސްތާޒް އަލީ ލަތީފް އެ މައްސަލާގައި އަމަލުކޮށްފައިވާގޮތް ސާފުކުރެއްވުމަށް ކަމަށެވެ.
އެގޮތުން ކޮމިޝަނަށް އެބޭފުޅުން ވަޑައިގެން އެކަން ސާފުކޮށްދެއްވުމަށް އެދިލެއްވުމުން އެ މައުލޫމާތަކީ އާއްމުކޮށްފައިވާ މައުލޫމާތަކަށްނުވާތީ ލިޔުމަކުން އެ މައުލޫމާތު ދެއްވުމަށް އެދުމަށް ޖޭއެސްސީ ގެ ފަރާތުން ވިދާޅުވުމާ ގުޅިގެން އެ މައުލޫމާތު ހޯދުމަށް މިހާރު ލިޔުމުން ހުށަހަޅާފައިވާނެ ކަމަށް ވިދާޅުވިއެވެ. އަދިވެސް އުސްތާޒް އަލީ ހުސެއިން ވިދާޅުވީ އެ މައުލޫމާތު ދެއްވުމަށް ލިޔުމުން ހުށަހެޅުއްވުމުން އެ ކޮމިޝަނުން ބުނެފައިވަނީ އެ މައުލޫމާތު ދެވިދާނެތޯ ނިންމާނީ ކޮމިޝަނުގެ ބައްދަލުވުމަކުން ކަމަށާއި އެހެންކަމުން އެ ކޮމިޝަނުން ނިންމާގޮތެއް އަންގާނެ ކަމަށް ބުނެފައިވާ ކަމަށެވެ.
ޖޭއެސްސީ އިން ނިކުމެވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވައި އަލީ ހުސެއިން ދެއްކެވި ވާހަކަފުޅުގައި އުސްތާޒް އަލީ ހުސެއިން ވިދާޅުވީ ފަނޑިޔާރުން ވަކިކުރުމުގެ ނިންމުން ނިންމަން ކޮމިޝަނުގެ ކުއްލި ބައްދަލުވުމެއް ނިންމަވާފައިވަނީ އެ ބައްދަލުވުން ބޭއްވުމަށް ނިންމިތާ 13 މިނެޓްގެ ތެރޭގައި ކަމަށާއި އެހެންކަމުން އެ ފަރާތުން އެދުނު މައުލޫމާތު ދިނުމާ ގުޅޭގޮތުން ގޮތެއް ނިންމެވުމަށްވެސް 13 މިނެޓްގެ ތެރޭގައި އެކަން ކޮށްދެއްވުމްށް އެދިފައިވާނެ ކަމަށެވެ.
އަދިވެސް އިތުރަށް އަލީ އުސްތާޒް އަލީ ހުސެއިން ވިދާޅުވީ ޖޭއެސްސީގެ ކުއްލި ބައްދަލުވުމެއް ބޭއްވެނީ ކޮމިޝަނުގެ 3 މެމްބަރަކު އެކަމަށް އެދިލެއްވުމުން ކަމަށާއި، އެހެންކަމުން އެ ނިންމުން ނިންމަން ބޭއްވެވި ކުއްލި ބައްދަލުވުން ބާއްވަން އެދިލެއްވި 3 މެމްބަރުންގެ ނަންތައްވެސް ބުނެދިނުމަށް އެދިފައިވާނެ ކަމަށެވެ.







