މާލެ: 31°C

ސްޓެލްކޯއިން ދޭ ހިދުމަތަކީ ދެވަނަ އެއްނެތް ހިދުމަތެއް: ޝަރީފް

ސްޓެލްކޯއިން ދޭ ހިދުމަތަކީ ދެވަނަ އެއްނެތް ހިދުމަތެއް: ޝަރީފް
June 20, 2023
2 ފަހަރު ބަލާފައި
ސްޓެލްކޯއިން ދޭ ހިދުމަތަކީ ދެވަނަ އެއްނެތް ހިދުމަތެއް: ޝަރީފް
ސްޓެލްކޯ އިން ދެމުންދާ ހިދުމަތަކީ ދެވަނަ އެއްނެތް ހިދުމަތެއް ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވެއްޖެ އެވެ. ރޭ ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި އެ ކުންފުނީގެ 26 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ ސްޓެލްކޯއިން ދެމުންދާ ހިދުމަތާއި އެއް ފެންވަރަށް ހިދުމަތް ދޭ އެހެން ކުންފުންޏެއް އަދި މިހާތަނަށް ވުޖޫދުވެފައި ނުވާ ކަމަށެވެ. "ސްޓެލްކޯއަކީ އެ ކުންފުންޏާ ގުޅޭގޮތުން ވާހަކަ ނުދެއްކި ނަމަވެސް ރާއްޖޭގެ ރައްޔިތުންނަށް އެނގިވަޑައިގަންވާނެ އަޅުގަނޑުމެން ދޭ ހިދުމަތުގައި ދެވަނަ އެއް ނެތް. ސްޓެލްކޯއިން ދޭ ހިދުމަތާއި އެއްވަރު ކުރެވޭނެ ހިދުމަތެއް ދޭނެ ކުންފުންޏެއް އަދި ވުޖޫދަކަށް ނާދޭ" ޝަރީފް ވިދާޅުވިއެވެ. ސްޓެލްކޯގެ ތަަސައްވުރަކީ އަބަދުވެސް ދިވެހި ރައްޔިތުންނަށް ހިދުމަތް ކުރުމަށް ސަރުކާރުން އުފައްދަވާފައިވާ ކުންފުންޏެއް ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި ސަރުކާރުގެ 100 ޕަސެންޓް ހިއްސާވެ ކަރަންޓުގެ ހިދުމަތް ދިނުމަށް އުފެއްދި މި ކުންފުނި، މިހާރު އިތުރަށް ފުޅާވެ، ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތްވެސް ދޭން ފަށާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. "ފެނާއި ނަރުދަމާގެ ހިދުމަތަކީ އަޅުގަނޑުމެންނަށް އާ ދެ ހިދުމަތެއް. އެހެން ނަމަވެސް މިހާރު ފެނާއި ނަރުދަމާގެ ހިދުމަތްދޭ އެހެން ކުންފުނިތަކާއި އެއްވަރުގެ ހުނަރުވެރި ގާބިލް މުވައްޒަފުންތަކެއް އަޅުގަނޑުމެންނަށް ސްޓެލްކޯގައި އުފެއްދިފައި އެބަތިބި. މިއީ އަޅުގަނޑުމެން ފަހުރުވެރިވާ ކަމެއް." ޝަރީފް ވިދާޅުވިއެވެ. އިތުރަށް ޝަރީފް ވިދާޅުވީ މިހާރު އެ ކުންފުނިން ކުރަމުންދާ އަނެއް މަސައްކަތަކީ ކޮންމެ މަހަކު ކަރަންޓު ބިލު ހަވާލު ކުރުމުން އެ ކުންފުންޏަށް އަމާޒު ކުރާ ތުހުމަތުތަކަށް ހައްލު ހޯދުމުގެ މަސައްކަތް ކަމަށެވެ. "ރައްޔިތުންނަށް ދަންނަވާލަން ބޭނުންވަނީ އަޅުގަނޑުމެން ހިދުމަތް ހޯއްދަވައި ހުރިހާ ބޭފުޅުންނަށް ދަންނަވާލަން ބޭނުންވަނީ، ޔަގީން ކުރައްވާ. ސްޓެލްކޯއިން އަޅުގަނޑުމެން ތިބޭފުޅުން ބޭނުން ނުކުރައްވާ ކަރަންޓަކަށް ބިލެއް ނުކުރާނަން. އަދި މިހާތަނަށް ވެސް ކޮށްފައިއެއް ނެތް. ކުރިމަގުގައިވެސް ނުކުރާނަން. އެހެންވީމާ ތިބޭފުޅުން ބޭނުން ކުރައްވާފައިވާ ކަރަންޓެއްގެ ނުވަތަ އަޅުގަނޑުމެން ދޭ ހިދުމަތެއްގެ އަގު އަޅުގަނޑުމެން ނަގަމުންދަނީ" ޝަރީފް ވިދާޅުވިއެވެ. އެގޮތުން ޝަރީފް ވިދާޅުވީ އެކަމަށް ހައްލެއް ހޯދުމަށްޓަކައި ކުރިޔަށް އޮތް މަދު މަސްކޮޅެއްގެ ތެރޭގައި ގޭގޭގައި ސްމާޓް މީޓަރު ހަރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަންދޭ ކަމަށެވެ. އެ ވަސީލަތް ބޭނުންކޮށްގެން ކޮންމެ ކަސްޓަމަރަކަށްވެސް އެ ގޭގައި ކޮންމެ ދުވަހަކު, ކޮންމެ މަހަކު އަދި ވޭތުވެދިޔަ އަހަރުތަކުގައި ބޭނުންކުރެވުނު ކަރަންޓުގެ މިންވަރު އެނގި, ކަރަންޓު ބޭނުންކުރާ މިންވަރު މައްޗަށްދާ މިންވަރާއި ދަށަށްދާ މިންވަރު އެނގޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ އިތުރުން ކޮންމެ ގޭބިސީއަކަށް ކަރަންޓު ހަރަދުވާ އެވްރެޖް މިންވަރެއް ކަނޑައެޅުމަށްފަހުގައި އެ މިންވަރަށްވުރެ މައްޗަށްދާ ނަމަ އެކަން އެންގުމަށްޓަކައި ކަސްޓަމަރަށް އޮޓަމެޓިކުން މެސެޖެއްދާ ގޮތަށް ވަސީލަތްތައް ގާއިމުކުރުމުގެ ވިސްނުންވެސް އެބަހުރި ކަމަށް ޝަރީފު ވިދާޅުވިއެވެ. "ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ އިހުލާސްތެރި ނިޔަތާއެކީގައި އަޅުގަނޑުމެން އެ އިހުލާސްތެރިކަން ރައްޔިތުންނާ ހަމައަށް ފޯރުކޮށްދޭން ބޭނުންވަނީ. އަޅުގަނޑުމެން ހިދުމަތް ކުރުމުގައި އިހުލާސްތެރިކަން އަބަދުވެސް ކުރިއަށް ނެރޭނަން. އަޅުގަނޑުމެންގެ ފައިދާއަށްވުރެ ބޮޑަށް ރައްޔިތުންނަށް ހިދުމަތް ކުރުން އަބަދުވެސް އިސްކުރަން." ޝަރީފު ވިދާޅުވިއެވެ. ހަމަ އެ ފުރުސަތުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝަރީފް ވަނީ ސްޓެލްކޯގެ މިދިޔަ 26 އަހަރު މަސައްކަތް ކުރި އަދި ކުރަމުންދާ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި އެ ޖަލްސާގައި ސްޓެލްކޯއިން ވަނީ އެ ކުންފުނީގައި ދިގު މުއްދަތަކަށް ހިދުމަތްކުރެއްވި މުވައްޒަފުންގެ އަގުވަޒަންކޮށްފައެވެ. ރޭ ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި ސްޓެލްކޯގެ 26 ވަނަ އަހަރީ ދުވަހުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ