ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރ ހުސެއިން ފަހުމީ ވިދާޅުވީ އެ ޓްރާންސްފޯމަރަށް ގުޅާފައިވާ ކޭބަލްތަކުގެ ތެރެއިން އެއް ކޭބަލް ބުރިކޮށް، ނެގުމަށް ފަހު އަނެއް ކޭބަލް ބުރި ކުރުމަށް މަސައްކަތް ކޮށްފަައިވާ ކަމަށެވެ.
"މިއީ މިކަން ކުރާ ފަރާތްތަކަށް އިންތިހާއަށް ނުރައްކާ އޮތް ކަމަކަށް ވާއިރު، އަދި މިކަމުގެ ސަބަބުން ސްޓެލްކޯ އަށް ލިބޭ ގެއްލުމުގެ އިތުރުން އާންމު ރައްޔިތުން ކަރަންޓުގެ ހިދުމަތުން މަހުރޫމް ކުރެވި، ލިބެމުންދާ ގެއްލުންތަކުން ސަލާމަތް ކުރުމަށްޓަކައި މިފަދަ އަމަލުތައް ކުރާ ފަރާތްތަކާއި މިކަން ކުރާ ފަރާތްތަކަށް ހިތްވަރަކަށް ވާގޮތަށް، ވަގަށް ނަގާފައިވާ މިފަދަ ތަކެތި ގަންނަ ފަރާތްތައް ހޯދައި ގާނޫނީ ގޮތުން އެފަދަ ފަރާތްތަކާއި މެދު އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް ކަމާއި ބެހޭ ފަރާތްތަކުން އަޅަމުން ގެންދިއުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް،" ފަހުމީ ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަންމުންދާ ކަމަށާއި މިއަަދު ހެނދުނު 6:12 ހާއިރު މަޖީދިއްޔާ ސްކޫލް ސަރަހައްދުގައި ހުންނަ ސްޓެލްކޯގެ ސަބްސްޓޭޝަނެއްގެ ކޭބަލްތަކެއް ބުރިކޮށް އެތަކެތި ވަގަށް ނެގި މައްސަލައެއް ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެެވެ. ފަހަކަށް އައިސް މާލެ ސަރަހައްދުގައި ކަރަންޓް ކޭބަލްތައް ވަގަށް ނަގާ މައްސަލަ އަންނަނީ އިތުރުވަމުންނެވެ. އެގޮތުން، ނިމިދިޔަ އަޟްހާ އީދާއި ގުޅިގެން މާލޭގެ ޖުމްހުރީ މައިދާނުގައި ދިއްލާފައި ހުރި ބައެއް އީދު ލައިޓުތަކުގެ ކޭބަލްތައްވެސް ވަނީ ވަގަށް ނަގާފައެވެ. އަދި މިދިޔަ އަހަރު ކަރަންޓު ކޭބަލެއް ވަގަށް ނަގަން އުޅުނު މީހަކު ވަނީ ކަރަންޓުގައި ޖެހިގެން މަރު ވެސް ވެފައެވެ.






