މާލެ: 31°C

ސްޕެއިންގައި ރާއްޖެ އިސްތިހާރު ކުރުމުގެ ހަރަކާތްތަކެއް

January 23, 2025
127 ފަހަރު ބަލާފައި
ސްޕެއިންގައި ރާއްޖެ އިސްތިހާރު ކުރުމުގެ ހަރަކާތްތަކެއް
މިއަހަރުގެ އެންމެ ފުރަތަމަ ބޮޑު ޓްރެވަލް ޓްރޭޑް ފެއާ ކަމަށްވާ ފިތޫރު 2025 ގައި ދިވެހިރާއްޖެ އިޝްތިހާރުކުރަން ފަށައިފިއެވެ.

މިއަހަރުގެ އެންމެ ފުރަތަމަ ބޮޑު ޓްރެވަލް ޓްރޭޑް ފެއާ ކަމަށްވާ ފިތޫރު 2025 ގައި ދިވެހިރާއްޖެ އިޝްތިހާރުކުރަން ފަށައިފިއެވެ.

މި މަހުގެ 26 ވަނަ ދުވަހާ ހަމައަށް ސްޕެއިންގެ މެޑްރިޑްގައި ކުރިއަށްގެންދާ މި ފެއާގައި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީއާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ 25 ޕާޓްނަރުން ބައިވެރިވެއެވެ.

ފިތޫރަކީ ފަތުރުވެރިކަމުގެ ދާއިރާގައި އެންމެ ފާހަގަކޮށްލެވޭ އެއް ހަރަކާތެވެ. މިއީ ފަތުރުވެރިކަމުގެ ސިނާއަތުގެ ތަޖުރިބާކާރުންނާއި ލެޓިން އެމެރިކާގެ އިންބައުންޑް އަދި އައުޓްބައުންޑް ބައިނަލްއަގްވާމީ މާކެޓްތަކަށް އަމާޒުކޮށްގެން ބާއްވާ އެންމެ ބޮޑު އެއް ހަރަކާތެވެ.

އެމްއެމްޕީއާރުސީން ވިދާޅުވީ މި ފެއާގައި ބައިވެރިވުމަކީ ސްޕެއިން އަދި ޔޫރަޕްގައި ދިވެހިރާއްޖޭގެ ބްރޭންޑްގެ ޕްރެޒެންސް ހަރުދަނާކޮށް، ސަރަހައްދުގެ ލީޑިންގ މާކެޓްތަކުގެ ޓްރެވަލް އޭޖެންޓުންނާ ވަރުގަދަ ގުޅުންތަކެއް ގާއިމްކުރުމަށް އެހީތެރިވެދޭނެ ކަމަށެވެ.

މި ފެއާގެ ތެރެއިން ރާއްޖެއަށް ހާއްސަ ތަފާތު ތަޖުރިބާތައް ދައްކާލުމުގެ ގިނަ ފުރުސަތުތަކެއް ލިބިގެންދާ ކަމަށާއި މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ވަކިވަކި ޕްރޮޕަޓީތަކުގެ އާ އުފެއްދުންތަކާއި ތަޖުރިބާތައް ދައްކާލުމަށް މުހިންމު ޕްލެޓްފޯމެއް ކަމަށްވެސް އެމްއެމްޕީއާރުސީން ވިދާޅުވެއެވެ.

ފިތޫރު 2025 ގައި ރާއްޖޭގެ ސްޓޭންޑުން ދައްކުވައިދެނީ ރާއްޖޭގެ ލަގްޒަރީ، ރޮމޭންޓިކް، އެޑްވެންޗަރ، ސަގާފީ، އަދި ދެމެހެއްޓެނިވި ފަތުރުވެރިކަމެވެ. މިފެއާގައި ރާއްޖެގެ ސްޓޭންޑަށް ޒިޔާރަތްކުރާ މީހުންނަށް ރާއްޖެއިން ލިބޭ ޚިދުމަތްތަކުގެ މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން ދިވެހި ކެއުންތައް ރަހަބެލުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ.

ދިވެހިރާއްޖޭގެ ތަފާތު އެކިއެކި ތަޖުރިބާތައް ދައްކަވުދައިދޭ ވީޑިއޯތައްވެސް މި ފެއާއިން ފެނިގެންދާނެ ކަމަށާއި ރާއްޖޭގެ ސްޓޭންޑަށް ޒިރާރަތްކުރާ ފަރާތަކަށް ދިވެހިރާއްޖޭގައި ހިލޭ ޗުއްޓީއެއް ހޭދަކުރުމުގެ ފުރުސަތު ލިބޭ ރެފަލް ޑްރޯއެއް އިތާ ހޮލިޑޭސްއިން ސްޕޮންސަރކޮށްފައިވާ ކަމަށްވެސް އެމްއެމްޕީއާރުސީން ވިދާޅުވެއެވެ.

ސްޕެއިނަކީ މިދިޔަ އަހަރު ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ މަގުބޫލު 10 މާކެޓުގެ ތެރޭގައި ހިމެނޭ އެއް މާކެޓެވެ. އެ ޤައުމުން މިދިޔަ އަހަރު 47،835 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މި ކުރިއެރުން ދެމެހެއްޓުމަށް ގިނަ ހަރަކާތްތައް މިއަހަރު އިތުރަށް ރާވާފައިވާ ކަމަށްވެސް އެމްއެމްޕީއާރުސީން ވިދާޅުވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ