މިއަހަރުގެ ސެޕްޓެމްބަރު ބާއްވާ ރިޔާސީ އިންތިހާބު ބޯމަތިވަމުން އަންނަ އިރު ސިޔާސީ ޕާޓީތަކާއި އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ގެންދަވަނީ ސިއްރުގަާއި ފާޅުގައި ކެމްޕެއިން ކުރައްވަމުންނެވެ. ބައެއް ޕާޓީތަކުން ޕްރައިމަރީއަކާ ނުލާ ޕާޓީގެ އެންމެ އިސް ފަރާތަށް ޓިކެޓް ދިންއިރު އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯދުމަށް ބާއްވާ ޕްރައިމަރީއަށް 2 ރައީސުން ގެންދަވަނީ ވަރުގަދައަށް ކެމްޕެއިން ކުރައްވަމުންނެވެ.
އިދިކޮޅު އެންމެ ބޮޑު ޕާޓީ ޕާޓީ ޕީޕީއެމްގެ ރިޔާސީ ޓިކެޓް ޕްރައިމަރީއަކާ ނުލާ އެޕާޓީން ރައީސް ޔާމީނާ ހަވާލުކުރި ނަމަވެސް އެމަނިިފާނު ކުރެއްވި ކުށެއްގެ ސަބަބުން މިހާރު ގެންދަވަނީ ޖަލުގައި ދުވަސްތައް ގުނަމުންނެވެ. ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް އެމަނިކުފާނު ތަންފީޒްކުރައްވަމުން ގެންދަވާއިރު އެހުކުމް އެގޮތުގައި އޮއްވައި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ވާދައެއް ނުކުރެއްވޭނެއެވެ.
[caption id="attachment_77766" align="aligncenter" width="1024"]

ރައީސް ޔާމީން ޖަލަށް ގެންދަވަނީ/: ފޮޓޯ އަވަސް[/caption]
ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް މިހާތަނަށް އިއުލާނުކޮއްފައިވާ ބޭފުޅުންގެެތެރޭގައި އެމްޑީއޭގެ ލީޑަރު އަހުމަދު ޝިޔާމާއި، އެމްއެންޕީގެ ލީޑަރު ކާނަލް މުހައްމަދު ނާޒިމްގެއިތުރުން އަމިއްލަ ގޮތުން ކުރިމަތިލައްވާނެކަމަށް އިއުލާންކޮށްފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ހިމެނެއެވެ. އަދި އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދެވުމަށް ރައީސް ސޯލިހާއި އެމަނިކުފާނުގެ އެންމެ ގާތް ދުވަސްވީ އެކުވެރިޔާ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ ފޯރީގައި ކެމްޕެއިން ކުރައްވަމުންނެވެ. ސިޔާސީ މަޝްރަހަށް ބަލާއިރު އުފެދޭ ސުވާލަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކޮބާބާވައެވެ؟ މި ސުވާލު އުފެދެނީ އިންތިހާބު ގާތްވަމުން އަންނައިރު އެމަނިކުފާނުގެ ހިލަމެއްވެސް ނުވާތީއެވެ. ނަމަވެސް މިސުވާލުތަކުގެ ޖަވާބު ޖޭޕީގެ އިސް އޮފިޝަލަކު މިނިވަންނޫހަށް ވަނީ ދެއްވާފައެވެ. ނަން ނުޖެހުމަށް ޝަރުތުކޮށް ޖޭޕީގެ އޮފިޝަލް ވިދާޅުވީ، ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ޕާޓީގެޕީޑަރޝިޕްގެ ބައްދަލުވުންތައް ކޮންމެ ދުވަހަކު ސަން އައިލެންޑް ރިސޯޓްގައި ކުރިއަށްދާ ކަމަށެވެ. އަދި މީގެކުރިން ރިޔާސީ އިންތިހާބަހަށް ތައްޔާރު ނުވާ މިންވަރަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެޕާޓީން ތައްޔާރު ވަމުންދާ ކަމަށެވެ. ނަމަވެސް އެޕާޓީން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކެންޑިޑޭޓަކު ނިންމާނީ ޕާޓީގެ ކައުންސިލުން ކަމަށް ޖޭޕީގެ އޮފިޝަލް ވިދާޅުވިއެވެ.

އަންނަ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ބެލެވެނީ އެޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމެވެ. ޤާސިމް އިބްރާހިމާ ވާދަކޮށް ރިޔާސީ ޓިކެޓް ހޯދުމަށް މިހާތަނަށް އެޕާޓީގެ އެހެން ބޭފުޅަކު ޝައުޤުވެރިކަން ފާޅުކޮށްފައި ނުވާކަމަށް މަޢުލޫމާތު ލިބެއެވެ. މިފަހަރުގެ ރިޔާސީ އިންތިހާބަކީ ޤާސިމް އިބްރާހިމް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ފަހު ފަހަރު ކަމަށް ވެއެވެ. އެހެންކަމުން މިއަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ޖުމްހޫރީ ޕާޓީން ކުރެވުނު ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ބެލެވެއެވެ.
ރައީސް ޔާމީނަށް ރިޔާސީ އިންތިހާބުގައި ބައިވެރި ނުވެވިއްޖެނަމަ ޕީޕީއެމްގެ ވޯޓްތައް ބައިބައިވެގެންދާނެކަމީ ޝައްކެއްއޮތް ކަމެއްނޫނެވެ. އަދި ރައީސް ޔާމީނަށް ކުރިމަތި ނުލެވޭނަމަ އެޕާޓީން ރިޔާސީ އިންތިހާބަށް އާ ކެންޑިޑޭޓެއް ނެރެން އެމަނިކުފާނު ބޭނުންފުޅު ނުވާކަމަށް އެމަނިކުފާނުގެ އަރިސް ބޭފުޅުން ވިދާޅުވެއެވެ. ސަބަބަނީ ރައީސް ކަމުގައި ހުރެ އެމަނިކުފާނު ޕާޓީގެ ރައީސް ބޭރުކޮއްލިފަދައިން އެމަނިކުފާނުގެ ބާރު ކަނޑުވާލާފާނެތީއެވެ. އެހެންކަމުން ރައީސް ޔާމީންގެ ތާއީދު ކުރައްވާނީ ޤާސިމް އިބްރާހިމަށް ކަމަށް ބެލެއެވެ. އެއީ އެމަނިިކުފާނުގެ ތާއީދާއެކު ޤާސިމް އިބްރާހިމް ވެރިކަމަށް ގެންނަވާ އެމަނިކުފާނު މިނިވަން ވުމަށް މަސައްކަތް ކުރުމެވެ. ދެން އޮތީ އެމްޑީޕީގެ ޕްރައިމަރީއަށްފަހު ވެދާނެ ގޮތެކެވެ. މީގެ ކުރިން އޮތް ގޮތަށް ރައީސް ނަޝީދާއި ރައީސް ސޯލިހު ސަޕޯޓަރުންނާއެކު އެކަތިގަނޑެއްގެ ގޮތުގައި އޮވެދާނެތޯއެވެ. ސިޔާސީ މަޝްރަހް ދިރާސާ ކުރާފަރާތްތަކުން ބުނަނީ އެއީ ވުމަށްވުނެ ނުވުން ކައިރި ކަމެއް ކަމަށެވެ. އެފަދަ ހާލަތެއްގައި ރައީސް ނަޝީދު ޤާސިމް އިބްރާހިމްގެ ފަހަތައް އަރާފާނެކަމަށް ބެލެވެއެވެ.
[caption id="attachment_77333" align="aligncenter" width="1279"]

ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަނީ މި ދެބޭފުޅުން. ފޮޓޯ:އެމްޑީޕީ[/caption]
ކޮންމެއަކަސް ރާއްޖޭގައި މިވަގުތު ތިއްބެވި ސިޔާސީ ލީޑަރުންގެ ތެރެއިން ޤާސިމް އިބްރާހިމަކީ ރައީސުލްޖުލްޖުމްހޫރިއްޔާ ކަމަށް ޓެސްޓް ކުރެވިފައިނުވާ ލީޑަރެކެވެ. އެހެންކަމުން މިފަހަރުގެ ރިޔާސީ އިންތިހާބުގައި ޤާސިމް ވާދަކުރައްވައިފި ނަމަ އެމަނިކުފާނަށް އިންތިހާބު ކާމިޔާބު ކުރުމުގެ ފުރުޞަތު ބޮޑުކަމަށް ސިޔާސީ މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.