މާލެ: 31°C
ސިޔާސީ އިސް މަގާމުތަކަށް އިތުރަށް މީހުން އައްޔަންނުކުރަން ނިންމައިފި

ސިޔާސީ އިސް މަގާމުތަކަށް އިތުރަށް މީހުން އައްޔަންނުކުރަން ނިންމައިފި

February 5, 2024
3 ފަހަރު ބަލާފައި
ސިޔާސީ އިސް މަގާމުތަކަށް އިތުރަށް މީހުން އައްޔަންނުކުރަން ނިންމައިފި
ސަރުކާރުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން، ސަރުކާރުގެ އިސް ސިޔާސީ މަގާމުތަކަށް އިތުރު މީހުން އައްޔަންނުކުރަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އެފަދަ އިސް މަގާމުތަކަށް އިތުރު މީހުން އައްޔަން ކުރާނީ އިސްތިސްނާ ހާލަތެއްގައި އެކަނި ކަމަށެވެ. ނަމަވެސް އެ ހާލަތްތަކަކީ ކޮބައިކަމާއި އެކަމާ ގުޅޭ އިތުރު އެއްވެސް ތަފުސީލެއް ރައީސް ދެއްވާފައެއް ނުވެއެވެ.

"ހަމައެހެންމެ، ސަރުކާރުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން އިސްތިސްނާ ހާލަތްތައް ފިޔަވައި ސިޔާސީ އިސް މަގާމުތަކަށް މީހުން އިތުރަށް އައްޔަން ނުކުރަން އަޅުގަނޑު ނިންމާފައިވާ ވާހަކަ ދަންނަވާލަން" ރައީސް ވިދާޅުވިއެވެ.

ރައީސް މިފަދައިން ވިދާޅުވެފައި މިވަނީ ހުސްވި ހަފުތާގެ ނިޔަލަށް، ހަމައެކަނި ސަރުކާރުގެ ވަޒީރުންގެ ނައިބުންގެ ގޮތުގައި 163 އަށް ވުރެ ގިނަ ބޭފުޅުން އައްޔަނުކޮށްފައި ވަނިކޮށެވެ. އޭގެ އިތުރުން، މި ސަރުކާރުގެ ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި އަދި އެ ލެވެލްގައި އައްޔަނުކޮށްފައިވާ ބޭފުޅުންގެ އަދަދު މިހާރު ވެސް ވަނީ 91 ށް އަރާފައެވެ. އަދި ވަޒީރުންގެ މަޖިލީހުގައި ހިމެނޭ 22 މިނިސްޓަރުންނާއި އެ ފެންވަރުގެ 20 ފަރާތާއެކު ޖުމްލަ 42 މިނިސްޓަރުން އެބަތިއްބަވައެވެ. އެގޮތުން، މި ބޭފުޅުންގެ މުސާރައަށް ބަލާއިރު، ޑެޕިއުޓީ މިނިސްޓަރެއްގެ މުސާރަ އިނާޔަތްތަކުގެ ގޮތުގައި މަހެއްގެ މައްޗަށް 35،500ރ. ލިބިވަޑައިގަންނަވާއިރު، ހުރިހާ ޑެޕިއުޓީ މިނިސްޓަރުންގެ މުސާރައަށް މަހެއްގެ މައްޗަށް 5.7 މިލިއަން ރުފިޔާ އަދި އަހަރެއްގެ މައްޗަށް 69.4 މިލިއަން ރުފިޔާ ހަރަދުކުރާނެއެވެ. އަދި ސްޓޭޓް މިނިސްޓަރަކަށް މުސާރަ އާއި އެލަވަންސަކާއެކު މަހަކު 47،000ރ. ލިބިވަޑައިގަންނަވާއިރު، އެ ބޭފުޅުންގެ މުސާރައަށް މަހެއްގެ މައްޗަށް 4.2 މިލިއަން ރުފިޔާ އަދި އަހަރެއްގެ މައްޗަށް 51 މިލިއަން ރުފިޔާ ހަރަދުކުރާނެއެވެ. ހަމައެއާއެކު، މިނިސްޓަރުންނަށް މުސާރައިގެ ގޮތުގައި 66،000ރ. ލިބިވަޑައިގަންނަވާއިރު، މި ބޭފުޅުންނަށް ސަރުކާރުން މަހަކު 2.7 މިލިއަން ރުފިޔާ، އަދި އަހަރެއްގެ މައްޗަށް 33 މިލިއަން ރުފިޔާ ހަރަދުކުރާނެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ