މާލެ: 31°C

މީކާއިލްގެ ކެމްޕެއިން ލީޑުކުރަނީ ބާރުވެރިކަން ހޯދައިގެން ލަކީ ކޫޕަނަކުން ވެރިކަމަށް އާދެވިދާނެކަމުގެ ހުވަފެން ދެކޭ ފަރާތަތައް!

June 12, 2026
101 ފަހަރު ބަލާފައި
މީކާއިލްގެ ކެމްޕެއިން ލީޑުކުރަނީ ބާރުވެރިކަން ހޯދައިގެން ލަކީ ކޫޕަނަކުން ވެރިކަމަށް އާދެވިދާނެކަމުގެ ހުވަފެން ދެކޭ ފަރާތަތައް!
މީކާއިލްގެ ކެމްޕެއިން ލީޑުކުރަނީ ބާރުވެރިކަން ހޯދައިގެން ލަކީ ކޫޕަނަކުން ވެރިކަމަށް އާދެވިދާނެކަމުގެ ހުވަފެން ދެކޭ ފަރާތަތައް!

ސުލްހަވެރި ސިޔާސީ ހަރަކާތަކީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީ ދިވެހިންނަށް ތަޢާރަފްކޮށްދިން ކަމެކެވެ.

އަމުރު މައުރޫފު ހިންގަން ތިބޭ ފަރާތްތަކުން ހިންގާ ބޭއިންސާފާއި ހައްގުތަށް ކަށަވަރުކުރުމަށް ސިޔާސީ ހަރަކާތް ހިންގައި ރައްޔިތުންގެ އަޑު އެ ފަރާތްތަކަށް އިއްވުމަކީ ރައްޔިތު މީހާއަށް ދިވެހި ރާއްޖޭގެ ޤާނޫނުއަސާސީން ލިބިދީފައިވާ ހައްގަކަށް ހެދީވެސް އެމްޑީޕީ އާއި އެ ޕާޓީގެ އޭރުގެ ލީޑަރުން މަގުމަށްޗަށް ނިކުމެ ކުރި ސުލްހަވެރި ސިޔާސީ ހަރަކާތްތަކެވެ.

އެ ދުވަހު މުޅި އެމްޑީޕީ ގޮވައިގެން މާލެ އާއި މުޅި ރާއްޖޭގައި ދަތުރުކޮށް ގޭގެއަށާއި އެ ގޭގޭގެ ބަދިގެ ތަކަށާއި ހޮޅުއަށި ތަކަށް ގޮސް ބައްދަލުވީހައި މީހަކަށް ސިޔާސީ ހަރަކާތަކީ ކޮބައިކަމާއި ހައްގު މިންވަރަކީ އޭރަކު އޮންނަ ސަރުކާރަކުން އެވަގުތަކު ރައްޔިތުންނަށް ދޭ މިންވަރު ނޫން ކަމަށާއި ހަގީގީ މިނިވަންކަމާއި ހަގީގީ ތަރައްގީއަކީ ކޮބައިކަން ކިޔައިދިނުމުގައި އެންމެ ބުރަ މަސައްކަތެއް ކުރީ ރައީސް މުޙައްމަދު ނަޝީދު އެވެ.

30 އަހަރު މި ރާއްޖޭގައި ކުރަމުން އައި ވެރިކަމަކާ ދެކޮޅަށް މި ހުރިހާކަމެއް ރައްޔިތުންނަށް އޮޅުންފިލުވައިދީ ރައްޔިތުންގެ އިތުބާރު ހޯއްދަވައި އެ ވެރިކަން ނިމުމަކަށް ގެންނެވީވެސް ރައީސް މުޙައްމަދު ނަޝީދު އެވެ.

ރައީސް ނަޝީދު ފާހަގަކުރެވެނީ އަމިއްލަ އެދުމެއްނެތި ހަމައެކަނި ގައުމާއި ރައްޔިތު މީހާގެ ހައްގަށްޓަކައި މި ރާއްޖެއަށް ބަދަލުތަކެއް ގެންނަން މަސައްކަތްކުރައްވާ ސިޔާސީ ބޭފުޅެއްގެ ގޮތުގައި، އެހެންކަމުން ސިޔާސީ ގޮތުން އަމިއްލަ އެދުން އިސްކޮށްގެން މަސައްކަތްކުރާ ސިޔާސީ ފަރާތްތަކުން ރައީސް ނަޝީދުއާއި އެހާ ބޮޑަށް ގަޔާ ނުވެއެވެ.

ރާއްޖޭގެ އެންމެންވެސް މިހާރުވެސް ގަބޫލުކުރާ އެއް ކަމަކީ އެކަނި އެކަކަށް މިރާއްޖޭގެ އެންމެ ގިނަ ރައްޔިތުން އިތުބާރުކުރާ ސިޔާސީ ލީޑަރަކީ ރައީސް ކަމެވެ. އަދި ރައީސް ނަޝީދު ސިޔާސީ ހަރަކާތެއް ހިންގަން ނިކުންނެވުމުން ދެން އެ ފެށުނީ ކަމެވެ.

އެހެންކަމުން އަހުރެންނަށް ގަބޫލުކުރެވޭ ގޮތުގައި މިވަގުތަށް މިހާރު މިއޮތް ސަރުކާރަށް އެންމެ ބޮޑު ބިރަކަށްވާނީވެސް ރައީސް ނަޝީދު އެމްޑީޕީގެ ހުންގާނާ ހަވާލުވުމެވެ.

ކަން އެހެން އޮތުމާއެކު މިއަދު އެ ޕާޓީން ބާއްވާ ޗެއާޕާސަން އިންތިހާބުގައި ސަރުކާރުގައި ތިއްބެވި ފަރާތްތަކުންވެސް ރައީސް ނަޝީދުއަށް އެ ޕާޓީގެ ޗެއާޕާސަން ކަމަށް އައުމާ ދެކޮޅަށް ކުރެވެންހުރި މަސައްކަތްތައް ކުރާނެ ކަމަށް ބެލެވެ އެވެ.

ސަރުކާރުގައި ތިއްބެވި ބޭފުޅުން އެކަންޏެއްނޫނެވެ، އެމްޑީޕީގައި ތިއްބެވި ބައެއް އިސް ފަރާތްތަކުންވެސް (ވެރިކަމުގެ ހުވަފެން ދެކޭ ފަރާތްތަކުން) ރައީސް ނަޝީދު ޗެއާޕާސަންގެ މަޤާމަށް އަޔަނުދިނުމަށް ކުރެވެންހުރި މަސައްކަތެއްވެއްޖެޔާ ކުރާނެ އެވެ.

އެގޮތުން ރައީސް ނަޝީދު އާއި  ވާދަކުރާ މީކާއިލްގެ ކެމްޕެއިންގައި ވެސް ފެންނަމުންދަނީ ބާރުވެރިކަން ހޯދައި ލަކީ ކޫޕަނަކުން ވެރިކަމަށް އާދެވިދާނެ ކަމުގެ ހުވަފެން ދެކޭ ފަރާތަތަކެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ