މާލެ: 31°C

ދައުލަތުގެ އާމްދަނީ ދަށަށް ދިޔައީ ސިނގިރެޓް އެތެރެކުރުން މަދުވުމުން ކަމަށް ނާޒިމް ވިދާޅުވެއްޖެ

February 18, 2025
91 ފަހަރު ބަލާފައި
ދައުލަތުގެ އާމްދަނީ ދަށަށް ދިޔައީ ސިނގިރެޓް އެތެރެކުރުން މަދުވުމުން ކަމަށް ނާޒިމް ވިދާޅުވެއްޖެ
ދައުލަތުގެ އާމްދަނީ ދަށްވެފައިވަނީ މިދިޔަ އަހަރު ސަރުކާރުން ސިނގިރޭޓު އިމްޕޯޓް ޑިއުޓީ ބޮޑުކުރި ފަހުން ސިނގިރޭޓު އެތެރެކުރުން މަޑުޖެހިފައި އޮތުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ އާމްދަނީ ދަށްވެފައިވަނީ މިދިޔަ އަހަރު ސަރުކާރުން ސިނގިރޭޓު އިމްޕޯޓް ޑިއުޓީ ބޮޑުކުރި ފަހުން ސިނގިރޭޓު އެތެރެކުރުން މަޑުޖެހިފައި އޮތުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ނާޒިމް ވިދާޅުވީ، ސަރުކާރުން ޚަރަދު ކުޑަ ކުރާނެ ގޮތްތަކެއް ކަނޑައަޅާފައި އޮތް ނަމަވެސް އިގުތިސާދީ ކަންތައް ރަނގަޅު ވަމުންދާ ތަނެއް ނުފެންނަ ކަމަށެވެ. އަދި ކަންބޮޑުވާން ޖެހޭ އަނެއް ކަމަކީ މިހާރު އާމްދަނީ ދަށްވެފައިވުން ކަމަށް އޭނާ ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބިފައިވާ އާމްދަނީވަނީ މިދިޔަ އަހަރު އެ މުއްދަތާ އަޅައިބަލާއިރު 18.8 ޕަސެންޓް ދަށްވެފައެވެ. އޭގެ ތެރެއިން އެންމެ ބޮޑު ދަށްވުމެއް ފެނިފައިވަނީ އިމްޕޯޓް ޑިއުޓީގެ އާމްދަނީންނެވެ. މިދިޔަ އަހަރާ އަޅައިބަލާއިރު އެ އާމްދަނީ ވަނީ 64 ޕަސެންޓް ދަށްވެފައެވެ.

ނާޒިމް ވިދާޅުވީ، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ސިނގިރޭޓުގެ ޑިއުޓީ ބޮޑުކުރުމުން ސިނގިރޭޓު އެތެރެކުރުން މަޑުޖެހިފައިވާ ކަމަށެވެ. އަދި ކުރިން ސިނގިރޭޓުގެ ޑިއުޓީ ކުޑަކޮށް އޮތްއިރު ގިނަ އަދަދެއްގެ ސިނގިރޭޓު އެތެރެކޮށްފައި ޑިއުޓީ ދައްކާފައި އޮތުމުން، އެ ސްޓޮކް ހުސްނުވާތީ އަދި އިތުރަށް ސިނގިރޭޓު އެތެރެނުކުރާތީ ސިނގިރޭޓުން ލިބޭ އާމްދަނީ ނުލިބޭކަން އެނގޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އާމްދަނީ އިތުރު ކުއާޓަރެއްގައި ދަށްވެއްޖެ ނަމަ އެއީ ވަރަށް ބޮޑު މައްސަލައެއް ކަމަށާއި މިހާރު ޚަރަދު ކުޑަކުރުން ނޫން ގޮތެއް ނެތް ކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި ފިނޭންސް މިނިސްޓްރީން އިސްލާހީ ފިޔަވަޅުތައް ތަންފީޒު ކުރުމަށް އައްޔަންކޮށްފައިވާ ރިފޯމް ކޮމިޝަނަރު އަސްމާ ޝަފީއުއާ ބައްދަލުކޮށް، އެ އިސްލާހުތައް ތަންފީޒު ކުރުމުގެ ސުންގަޑިތައް ހޯދަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ