މާލެ: 31°C

ސިއްހީ ދާއިރާގެ މުސާރައިގެ އޮނިގަނޑު ނިމިއްޖެ، ރަނގަޅު މުސާރައެއް ލިބޭނެ: ޕޭކޮމިޝަން

February 13, 2023
2 ފަހަރު ބަލާފައި
ސިއްހީ ދާއިރާގެ މުސާރައިގެ އޮނިގަނޑު ނިމިއްޖެ، ރަނގަޅު މުސާރައެއް ލިބޭނެ: ޕޭކޮމިޝަން
ސިއްހީ ދާއިރާގެ މުސާރައިގެ އޮނިގަނޑު ނިމިއްޖެ، ރަނގަޅު މުސާރައެއް ލިބޭނެ: ޕޭކޮމިޝަން
ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންނަށް ލިބޭނެގޮތަށް މުސާރަ ބޮޑުކުރުމުގެ ހުރިހާ މަސައްކަތެއް މިހާރު ނިމިފައިވާކަމަށް ނޭޝަނަލް ޕޭ ކޮމިޝަނުން ވިދާޅުވެއްޖެ އެވެ. އަންނަ މޭމަހުގެ އެއް ވަނަ ދުވަހުން ފެށިގެން ސިއްޙީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ނިންމަވާފަ އެވެ. ސަރުކާރުންނާއި ނޭޝަނަލް ޕޭ ކޮމިޝަނުން ގުޅިގެން މިހާރު އަންނަނީ ހުރިހާ ދާއިރާއެއްގެ މުސާރަތައް އެއްހަމަ ކުރުމުގެ މަސައްކަތް ފަށާފަ އެވެ. ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން ނޭޝަނަލް ޕޭ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ޑރ.މުޙައްމަދު ފައިޒަލް ވިދާޅުވީ، ހެލްތު މިނިސްޓްރީއާއި، ސިއްޙީ ދާއިރާގެ އެކި އިދާރާތަކާއި، ޖަމްޢިއްޔާ ޖަމާއަތްތަކާއެކު އަހަރަކަށްވުރެ ގިނަ ދުވަހު މަޝްވަރާކުރުމަށްފަހު، މުސާރަ ބޮޑުކުރުމުގެ މަސައްކަތްތައް ނިންމާލާފައިވާކަމަށެވެ. ސިއްޙީ ދާއިރާގައި 55 ޕްރޮފެޝަން ހިމެނޭއިރު، ހުރިހާ ޕްރޮފެޝަނެއްގައި ދިވެހި މުވައްޒަފުން ނޫޅެ އެވެ. ނަމަވެސް ހުރިހާ ފްރޮފެޝަނަކަށްވެސް ރަނގަޅު މުސާރައެއް ކަނޑައަޅާފައިވާނެކަމަށް ޑރ.ފައިޒަލް ވިދާޅުވިއެވެ. އަދި މިކަމުގެ ބޭނުމަކީ އެދާއިރާތަކަށް ދިވެހިން ކުރިމަތިލުމާއި، މަސައްކަތްކުރާނެ ރަނގަޅު މާހައުލެއް ޤާއިމްކޮށްދިނުން ކަމަށްވެސް އެމަނިކްފާނު ވިދާޅުވިއެވެ. މިއަހަރަށް މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި އިއްވެވި ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ އަންނަ މެއި މަހުގެ 1އިން ފެށިގެން ބޮޑުކުރައްވާނެކަމަށް އިއުލާން ކޮށްފައެވެ. މިއަހަރުގެ ދައުލަތުގެ ބަޖެޓުގައި މުޅި ސިއްޙީ ދާއިރާއަށް 5 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، އޭގެ ތެރެއިން 2.4 ބިލިއަން ރުފިޔާ ސިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ކަނޑައަޅާފައިވެއެވެ. އަދި 500 މިލިއަން ރުފިޔާ ކަނޑައަޅާފައިވަނީ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށެވެ. އެހެން ކަމުން ސިއްޙީ ދާއިރާއަށް މުވައްޒަފުން އިތުރުކުރުމަށް 40.3 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ. މިއަހަރު ސަރުކާރުން ބޮޑު ބަޖެޓެއް ކަނޑައަޅައ ިއިސްކަންދެނީ ސިއްޙީ ދާއިރާ ކުރިއެރުމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ