މާލެ: 31°C

ޝަރުޢީ ދާއިރާ މިއަދު މަސައްކަތް ކުރަމުން އަންނަނީ ފުރިހަމަ މިނިވަންކަމާ އެކު: ރައީސް ސޯލިހު

February 10, 2023
2 ފަހަރު ބަލާފައި
ޝަރުޢީ ދާއިރާ މިއަދު މަސައްކަތް ކުރަމުން އަންނަނީ ފުރިހަމަ މިނިވަންކަމާ އެކު: ރައީސް ސޯލިހު
ޝަރުޢީ ދާއިރާ މިއަދު މަސައްކަތް ކުރަމުން އަންނަނީ ފުރިހަމަ މިނިވަންކަމާ އެކު: ރައީސް ސޯލިހު
ޝަރުޢީ ދާއިރާ މިއަދު މަސައްކަތް ކުރަމުން އަންނަނީ ފުރިހަމަ މިނިވަންކަމާ އެކު، މުސްތަޤިއްލު ބާރެއްގެ ގޮތުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ "ޤަޟާއީ އަހަރު 2023" އިފްތިތާޙްކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ސޯލިހު ވިދާޅުވީ، ފަނޑިޔާރުގޭގެ ނިންމުންތަކާ މެދު ރައްޔިތުންގެ ހިތްތަކުގައި އިތުބާރު އުފެދެމުން އަންނަކަމަށެވެ. "ރާއްޖޭގެ ޤާނޫނުއަސާސީން އޮތީ ފަނޑިޔާރުގެއަށް ދީފައި. ޝަރުޢީ ދާއިރާ މިއަދު މަސައްކަތް ކުރަމުން އަންނަނީ ފުރިހަމަ މިނިވަންކަމާ އެކު، މުސްތަޤިއްލު ބާރެއްގެ ގޮތުގައި. ފަނޑިޔާރުގެއިން ކަން ކުރަންވީ ގޮތާއި ނުކުރަންވީ ގޮތް ބުނެދޭންޖެހޭ އެހެން ބަޔަކު ނުތިބޭނެ. ދިވެހިރާއްޖޭގެ ފަނޑިޔާރުގެއާ މެދު ރައްޔިތުންގެ ހިތްތަކުގައި ކުރިން އޮތް ނުރަނގަޅު ތަޞައްވުރު، މަޑުމަޑުން ރަނގަޅުވަމުން އަންނަކަމަށް މިހާރު އަޅުގަނޑަށް ދެންނެވިދާނެ. ފަނޑިޔާރުގޭގެ ނިންމުންތަކާ މެދު ރައްޔިތުންގެ ހިތްތަކުގައި އަންނަނީ އިތުބާރު އުފެދެމުން. އެ އިތުބާރު އުފެއްދުމަކީ، ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގެ ވަރަށް މުހިންމު އަމާޒެއް." ރައީސް ވިދާޅުވިއެވެ. ފަނޑިޔާރުގެއާ މެދު ރައްޔިތުންގެ ހިތްތަކުގައި އިތުބާރު އުފެދެނީ، ޢަދުލަށް ޙުކުމް ކުރުމުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ ޙުކުމަކީ، ކަމުގެ މުއާލާތް ނުކެނޑެނީސް، ނުވަތަ ވަގުތު ފާއިތުވުމުގެ ކުރިން އިއްވާ ޙުކުމަކަށްވެސް ވާންޖެހޭނެ ކަމަށާއި މިއަދުވެސް ބައެއް ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކީ ކޯޓުތަކުން މައްސަލަތައް ލަސްވުން ކަމަށް ރައީސް ވިދާޅުވިއެވެ. "އެ ޝަކުވާއަށް ހޯދައިދެވުނު އެއް ޙައްލަކީ، އޮންލައިންކޮށް ޝަރީޢަތްތައް ހިންގޭނެ ނިޒާމުތައް، ރާއްޖޭގެ ހުރިހާ ކޯޓުތަކެއްގައިވެސް ޤާއިމްކޮށް ނިންމުން. މި ބަދަލުގެ ސަބަބުން، ދަތުރު ހަދައިގެން ކޯޓަށް ހާޒިރުވުމަށް ރައްޔިތުން އުފުލަމުން އައި ތަކުލީފުތަކާއި، ކުރަންޖެހޭ އެތައް ޚަރަދަކުން ސަލާމަތްވެސް ވެއްޖެ. މިހާރު ކުރިއަށްދާ އަނެއް މުހިންމު ކަމަކީ، ޝަރުޢީ ދާއިރާގެ މަސައްކަތްތައް ޑިޖިޓަލައިޒް ކުރުމަށް 2020 ވަނަ އަހަރު ފެށި މަސައްކަތް. މިދިޔަ ދެ އަހަރުގެ ތެރޭގައި، އެ މަސައްކަތަށް ޖުމްލަ 22.6 މިލިއަން ރުފިޔާ ޚަރަދު ކުރެވިއްޖެ." ރައީސް ސޯލިހު ވިދާޅުވިއެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ