ޝަރީއަތްތައް ދިގު ދަންމާ ފަނޑިޔާރުން ޖަވާބުދާރީ ކުރުވޭނެ ނިޒާމެއް އޮންނަން ޖެހޭ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވެފައިވަނީ ޕީޖީ އޮފީހުން އިސްނަގައިގެން ބޭއްވި ”ބަންދު ފޯރަމް“ގެ ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރު އިހުސާން ވިދާޅުވި ގޮތުގައި ޝަރީއަތްތައް ލަސްވަނީ ހަމައެކަނި ޖާގައާއި ވަސީލަތްތައް ނެތިގެން ކަމަށް ގަބޫލުކުރައްވަން ދަތި ކަމަށެވެ. އަދި ބައެއް މައްސަލަތަކުގައި ފުލުހުން ހޭލައި ތިބެގެން މަސައްކަތްކޮށްގެން މައްސަލަ ނިންމާ ކަމަށް ފާހަގަކުރެއްވި އެވެ.
މީގައި މި އުޅެނީ އަޅުގަނޑަށް ހީވަނީ ދެ މައްސަލައެއްހެން. ރަނގަޅު، ޖާގައިގެ ދަތިކަން ވެސް އެބައޮތް. ޖާގަ ނެތަސް އެކަން ކުރަން އުޅޭ ބަޔަކު ކުރާނެ. ނުނިންމައިފިއްޔާ ދެން ކާކުހޭ ބަލަނީ އޭނާ އެ މައްސަލަ ނިންމިތޯ ނުވަތަ ނުނިންމާތޯ،“ މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި ކޮންމެ ރަށެއްގައި ވެސް ކޯޓު ހަދައި މުވައްޒަފުން ލައިގެން ހަރަދުތަކެއް ކުރަމުންދާ ކަމަށާއި، ޖިނާއީ ހުރިހާ މައްސަލަތަކެއް ކްރިމިނަލް ކޯޓުން ބަލަން ޖެހޭ ކަމަކަށް ގަބޫލުފުޅެއް ނުކުރައްވަ އެވެ. އަދި މައްސަލަތައް ކުރިއަށް ނުދާ ކޯޓުތަކުގައި އޮންލައިންކޮށް ނަމަވެސް ޝަރީއަތްތައް ކުރިއަށް ގެންދެވިދާނެ ކަމަށް ވިދާޅުވި އެވެ.
ފަނޑިޔާރުން ޖަވާބުދާރީކުރުވުމާއި ފަނޑިޔާރުންނާ ގުޅޭ ޝަކުވާތައް ބެލުމުގެ ޒިންމާ މަތިކޮށްފައިވަނީ ޖުޑީޝަލް ސާވިސް ކޮމިޝަނަށެވެ.







