މާލެ: 31°C
ޝަހާދަތުގެ ދެކަލިމަ ހަޔާތާ ގުޅިފައިވާ ގޮތްތައް ދެނެގަތުމަކީ ކޮންމެހެން މުހިއްމު ކަމެއް: ޚުތުބާ

ޝަހާދަތުގެ ދެކަލިމަ ހަޔާތާ ގުޅިފައިވާ ގޮތްތައް ދެނެގަތުމަކީ ކޮންމެހެން މުހިއްމު ކަމެއް: ޚުތުބާ

February 2, 2024
3 ފަހަރު ބަލާފައި
ޝަހާދަތުގެ ދެކަލިމަ ހަޔާތާ ގުޅިފައިވާ ގޮތްތައް ދެނެގަތުމަކީ ކޮންމެހެން މުހިއްމު ކަމެއް: ޚުތުބާ
ޝަހާދަތުގެ ދެކަލިމައާއި މުސްލިމުންގެ މުޅި ޙަޔާތާ ހުރި ގުޅުން ދެނެގަތުމަށްޓަކައި އެދެކަލިމައިގެ ހަގީގީ މާނައާއި ތަފްސީރު ދެނެގަތުމަށް ހުކުރު ޚުތުބާގައި ގޮވާލައްވައިފިއެވެ. މިއަދުގެ ހުކުރު ޚުޠުބާ ޚާއްޞަކޮށްފަވަނީ "ޝަހާދަތުގެ ދެކަލިމައާއި ޙަޔާތާ ހުރި ގުޅުން" މި މަޢުޟޫއަށެވެ. ޚުތުބާގައި ވަނީ : " ޝަހާދަތުގެ ދެކަލިމަ ކަމުގައިވާ لَا إِلَٰهَ إِلَّا ٱللَّٰهُ مُحَمَّدٌ رَسُولُ ٱللَّٰهِ‎ އަކީ އިސްލާމް ދީން އެ ދެ ކަލިމައެއްގެ މަތީގައި ބިނާވެފައިވާ އިސްލާމް ދީނުގެ ބިންގަލެވެ. އެއީ ޖަހާލަތާއި ކުފުރުގެ އަނދިރިކަމުން ހިދާޔަތުގެ އަލިގަދަ ނޫރުގެ ތެރެއަށް އިންސާނާ ވައްދައިދޭ ދަންމަރެވެ. ﷲ ތަޢާލާ ގެ ޢަޛާބާއި ޢުޤޫބާތުގެ ހުރަގެ ކަމުގައިވާ ޖަހަންނަމައިން އިންސާނާ ސަލާމަތް ކޮށްދޭ އައްޑަނައެވެ. އަދި އެކަލާނގެ ދިންނެވުމާއި ނިޢުމަތުގެ ގޯތިކަމުގައިވާ ސުވަރުގެއަށް އިންސާނާ ވާސިލުކޮށްދޭނެ ވަސީލަތެވެ. ހަމަ އެހެންމެ އެއީ އަހަރެމެން އޭގެ މަތީގައި ދިރިއުޅުން ބިނާކުރާ އިސްލާމީ ޝަރީޢަތުގެ އަސާސެވެ. ޝަހާދަތުގެ ދެކަލިމައަށް ފުރިހަމަ ގޮތުގައި އީމާންވުމަށްޓަކައި މިދެކަލިމަ މުސްލިމާގެ ހަޔާތާ ގުޅިފައިވާ ގޮތްތައް ދެނެގަތުމަކީ ކޮންމެހެން މުހިއްމު ކަމެކެވެ. އެހެނީ ޝަހާދަތުގެ ދެކަލިމަ ނިސްބަތްވަނީ މާތް ﷲ އާއި އެކަލާނގެ ރަސޫލާ މުހައްމަދު ﷺ އަށެވެ. ޝަހާދަތުގެ ދެކަލިމަ އޭގެ ހަގީގީ މާނައިގައި ހިތުގެ އަޑިން ޤަބޫލުކުރާ މީހާ، މާތް ﷲ ގެ ފޮތާއި ކީރިތި ރަސޫލާ ﷺ  ގެ ސުންނަތް އޭނާގެ ހަޔާތާ ގުޅުވާލާނެއެވެ. ޝަރީޢަތުގެ މި ދެމަސްދަރު އުނގެނި އޭގައިވާ އެއްޗެއްގެ މުރާދު ދެނެގަތުމަށް މަސައްކަތްކޮށް އެއަށް އަމަލުކޮށް އެއާ އެއްގޮތަށް އޭނާގެ ހަޔާތް ބައްޓަންކުރާ މީހަކަށް ވާނެއެވެ. ޝަހާދަތުގެ ދެކަލިމައިގެ މުރާދާ އެއްގޮތަށް ދިރިއުޅުން ބިނާކުރުމަށްޓަކައި މި ދެކަލިމައިގެ ޝަރުތުތައް އެނގުނުމަކީ ވެސް މުހިންމު ކަމެކެވެ. މި ދެކަލިމަ ލާޒިމުކުރާ ކަންކަން ރަނގަޅަށް އުނގެނުމާއެކު، މި ދެކަލިމައިގެ މުރާދު ރަނގަޅަށް ދެނެގަނެ ޝައްކުކަމެއް ނެތި ޔަގީންކުރަންވާނެއެވެ. އަދި މިދެކަލިމައިން ދޭހަކޮށްދޭ އެންމެހާ ކަމެއް އިޚްލާސްތެރިކަމާއެކު ޤަބޫލުކޮށް ދުލުން ކިޔައި ހިތުން އިޤުރާރުވާންވާނެއެވެ. އަދި މިދެކަލިމަ މަތިވެރިކޮށް މިދެކަލިމަ ލާޒިމުކުރާ ކަންކަން ނަގަހައްޓާ ފަރާތްތައް ދެކެ ލޯބިވުން ލާޒިމުވެގެންވެއެވެ. އަދި މުޅި އިސްލާމީ ޝަރީޢަތަށް ބޯލަނބައި ކިޔަމަންގަންނަން ވާނެއެވެ. އަހުރެމެންގެ އަޚްލާޤީ އަދި ސުލޫކީ މިންގަނޑު އިސްލާމީ ޝަރީޢަތުގައި އަންގަވާފައިވާ ގޮތުގެ މަތީގައި ބިނާކުރެވިފައިވުމަކީ އަހަރުމެންގެ ޙަޔާތް ޝަހާދަތުގެ ދެކަލިމަޔާ ގުޅިފައިވާ ކަމުގެ ނިޝާނެކެވެ. މިއީ ފާފަތަކަށް އަރައިގަތުމަށް ވެސް މީހާ ދުރުކުރުވާނެ ކަމެކެވެ. އިސްލާމީ ޝަރީޢަތުގައި ފާފައެއް ކަމުގައި ކަނޑައަޅުއްވާފައިވާ ކޮންމެ ކަމަކީ ފާފައެކެވެ. އެހެންކަމަށްވާނަމަ އޭނާގެ ހަވާނަފްސު ކިތަންމެ ބޭނުންވިޔަސް އިސްލާމީ ޝަރީޢަތުގައި ފާފައެއް ނުވަތަ ކުށެއްކަމުގައި ކަނޑައަޅުއްވާފައިވާ ކަމެއް ކުރުމަށް އޭނާ ފަސްޖެހޭނެއެވެ. " ޚުތުބާގައި ބުނި މާތް ﷲގެ ކަލާމްފުޅުގެ ތަފްސީރާއި، މާތް ނަބިއްޔާގެ ހަދީސް ބަސްފުޅުތަކުގެ ޝަރަޙަ އުނގެނެން ބޭނުންވާ މީހަކަށް، އަދަށްވުރެ ބޮޑަށް މިކަންތައް ފަހިވެ، ފަސޭހަވެފައިވީ ޒަމާނެއް ދުނިޔޭގެ ތާރީޚު ދެކިފައެއް ނުވާކަމަށެވެ. އެގޮތުން މިހާރު، ޖީބުގައި އޮންނަ ފޯނުންނާއި މިނޫންވެސް އިލެކްޓްރޯނިކް އާލާތްތަކުން މިކަންތައް ފަސޭހަ ކަމާއެކު ކުރެވޭނެކަމަށާއި، މި ފަސޭހަޔާއެކު ޤުރްއާން ކިޔެވުމާއި ޙަދީޘްތައް ކިޔުން އާދައަކަށް ހަދަން ބޭނުންވާ މީހަކަށް، ފަސޭހައިން އެކަން ކުރެވޭނެ ކަމަށް ވިދާޅުވިއެވެ. " ނަފްސާނީ ޢިލްމުގެ ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި ރަނގަޅުކަމެއް، މީހެއްގެ ކިބައިގައި އާދައަކަށް ހެދުމަށްޓަކައި ކޮންމެ ދުވަހަކުވެސް ތަކުރާރުކޮށް އެކަމެއް ކުރުންމަތީ ދެމިހުރުން ވަރަށް މުހިންމު، އަދި ގާތްގަނޑަކަށް އެކާވީސް ދުވަސް އެގޮތުގައި ހޭދަކޮށްފިނަމަ، އޭނާގެ ކިބައިގައި އެކަމެއް އާދައެއްކަމުގައި އަށަގަތުން ވަރަށް ގާތް،" ޚުތުބާގައި ވިދާޅުވިއެވެ. ޚުތުބާގައި ބުނީ އިންސާނާގެ އަހުލާގު އަދި ސުލޫކީ މިންގަނޑު އިސްލާމީ ޝަރީޢަތުގައި އަންގަވާފައިވާ ގޮތުގެ މަތީގައި ބިނާކުރެވިފައިވުމަކީ އޭނާގެ ޙަޔާތް ޝަހާދަތުގެ ދެކަލިމަޔާ ގުޅިފައިވާ ކަމުގެ ނިޝާނެއް ކަމަށެވެ. އަދި މިއީ ފާފަތަކަށް އަރައިގަތުމުން ވެސް މީހާ ދުރުކުރުވާނެ ކަމެއް ކަމަށާއި، އިސްލާމީ ޝަރީޢަތުގައި ފާފައެއް ކަމުގައި ކަނޑައަޅުއްވާފައިވާ ކޮންމެ ކަމަކީ ފާފައެއްކަން ޚުތުބާގައިވަނީ ހަނދާންކޮށްދީފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ