ސްޕްރީމް ކޯޓުގެ 3 ފަނޑިޔާރަކު ވަކިކޮށް، ސަރުކާރުގެ ފަރާތްތައް އައްޔަންކުރަން އުޅޭކަމަށް ތުހުމަތުކޮށް އެމްޑީޕީ އިން ބަޔާނެއް ނެރެފި އެވެ.
ސްޕްރީމް ކޯޓްުގެ ބައެއް ފަނޑިޔާރުން ވަކިކޮށް އެ ކޯޓަށް ސަރުކާރުން ނުފޫޒް ފޯރުވަން މަސައްކަތްކުރާކަމަށްބުނެ އެކަން ކުއްވެރިކުރުމުގެ ގޮތުން އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސުޕްރީމް ކޯޓުގެ އެކި ނިންމުންތަކަށް ނުފޫޒު ފޯރުވުމަށްޓަކައި އެ ކޯޓުގެ ބައެއް ފަނޑިޔާރުން މަގާމުން ވަކިކުރުމަށާއި، އެހެނިހެން ގޮތްގޮތުން ނުފޫޒު ފޯރުވުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެމްޑީޕީގެ ބަޔާނުގައި ބުނެފައިވަނީ އެކަން އެހެން ކުރުމުގައި ސަރުކާރުގެ އެންމެ ބޮޑު ބޭނުމަކީ، ސިޔާސީ ޕާޓީތަކުން ބޭނުންވުމުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މަގާމު ގެއްލުވައިލެވޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި ބަދަލު ބާތިލުކަމަށް ކަނޑައެޅުމަށް، ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަށް ނުފޫޒު ފޯރުވުން ކަމަށެވެ.
އެގޮތުން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު މަގާމުން ވަކިކުރުމަށްފަހު، ހުސްވާ މަގާމުތަކަށް މިހާރުގެ ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފުގެ އިތުރުން، ސަރުކާރުގެ ސިޔާސީ މަގާމުތަކެއް ފުރަމުން ގެންދާ ދެ ބޭފުޅަކު އައްޔަންކުރުމަށް ސަރުކާރުން ރާވާފައިވާކަމަށްވެސް އެ ޕާޓީގެ ބަޔާނުގައި ބުނެފައިވެއެވެ.
އިތުރަށް އެ ބަޔާނުގައި ބުނެފައިވަނީ ސުޕްރީމް ކޯޓަކީ ނުފޫޒުން އެއްކިބާވެފައިވާ ތަނަކަށް ހެދުމަކީ އެމްޑީޕީގެ ސަރުކާރުގައި ހޯދުނު އެންމެ ބޮޑު ކާމިޔާބީ ކަމަށާއި، ޝަރުއީ ދާއިރާއަށް ގެއްލިފައި އޮތް އިތުބާރު އަލުން ހޯދަން ސުޕްރީމް ކޯޓުން މަސައްކަތް ކުރަމުންދާ މި ދަނޑިވަޅުގައި އެ ކޯޓުގެ ފަނޑިޔާރުންތަކެއް މަގާމުން ވަކިކުރުމަކީ ފަހަތަށް އެޅޭ ފިޔަވަޅެއް ކަމަށްވެސް ބުނެފައިވެ އެވެ.
އެހެންކަމުން ސްޕްރީމް ކޯޓަށް ނުފޫޒް ފޯރުވަން ސަރުކާރުން ކުރަމުންދާ މަސައްކަތް ވަގުތުން ހުއްޓާލަންޖެހޭ ކަމަށާއި ކޯޓުތަކަށް ނުފޫޒު ފޯރުވުމަށް މި ސަރުކާރުން ކުރާ ކޮންމެ ކަމަކާ ދެކޮޅަށް ތެެދުވުމުގައި އެމްޑީޕީ ދެމި އޮންނާނެ ކަމަށްވެސް އެ ޕާޓީން ބުނެ އެވެ.







