މާލެ: 31°C
ސަރުކާރުން އިސްކަންދެނީ މާލީ ހާލަތު ރަނގަޅުކޮށް، އިސްލާޙީ ސިޔާސަތެއް ހިންގުމަށް: ރައީސް މުއިއްޒު

ސަރުކާރުން އިސްކަންދެނީ މާލީ ހާލަތު ރަނގަޅުކޮށް، އިސްލާޙީ ސިޔާސަތެއް ހިންގުމަށް: ރައީސް މުއިއްޒު

February 5, 2024
3 ފަހަރު ބަލާފައި
ސަރުކާރުން އިސްކަންދެނީ މާލީ ހާލަތު ރަނގަޅުކޮށް، އިސްލާޙީ ސިޔާސަތެއް ހިންގުމަށް: ރައީސް މުއިއްޒު
މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ މާލީ ހާލަތު ރަނގަޅުކޮށް އިސްލާހީ ސިޔާސަތެއް އެކަށައަޅައި ހިންގުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ މި ހިނގާ 2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ. މިއީ ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގެންނެވުމަށްފަހު އިއްވެވި ފުރަތަމަ ރިޔާސީ ބަޔާނެވެ. ރިޔާސީ ބަޔާނުގެ ބައެއް އުސްއަލިތައް: ސަރުކާރުގެ ތަރައްގީގެ ތަސައްވުރު: ދިވެހި ޤައުމުގެ ކުރިމަގަށް ސަރުކާރުން ކުރާ ތަސައްވުރު ހަގީގަތަކަށް ހެދޭނީ މާލީގޮތުން ގައުމު ވެއްޓިފައި އޮތް އަޑިގަނޑުން ސަލާމަތްވެގެންކަން ރައީސްގެ ރިޔާސީ ބަޔާނުގައި ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން މި ސަރުކާރުން، ސޮވްރިން ފަންޑަށް އަލުން ޑޮލަރު ޖަމާކުރަން ފަށާފައިވާކަމަށާއި، ބޭރު ފައިސާ ގައުމުގައި ހިފެހެއްޓޭނެ އާ ގޮތްތައް ހޯދަމުންދާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ހަމަ އެއާއެކު ސަރުކާރުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން، އިސްތިސްނާ ހާލަތްތައް ފިޔަވައި ސިޔާސީ އިސް މަގާމުތަކަށް މީހުން އިތުރަށް އައްޔަން ނުކުރަން ނިންމާފައިވާ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ. އަދި ސަބްސިޑީއަކީ ދައުލަތުގެ އެހީތެރިކަމަށް އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް ހާއްސަކުރެވިގެން ދެވޭ އެއްޗަކަށް ބަދަލުކުރައްވާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. ރަށްރަށުގެ ތަރައްގީގެ ޕްލޭން: ރާއްޖޭގެ ހުރިހާ ރަށެއްގައި ހުއްޓިފައި ހުރި މަޝްރޫޢުތައް ބައްލަވައި، ރައްޔިތުން އެދޭގޮތަށް އެ މަޝްރޫއުތައް އަލުން ހިންގައިދިނުމުގެ މަސައްކަތް ސަރުކާރުން ފައްޓަވާފައިވާ ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ފަދައިން، ހުރިހާ ސިޓީތަކެއްގެ ހުރިހާ މަގެއް ރަނގަޅު ފެންވަރަށް ހަދާނެކަމަށާއި، އެނޫން ރަށްރަށުގެ ބޮޑެތި މަގުތައް ހަދައި، މާލޭގެ މަގުތައް ރަނގަޅު ފެންވަރުގައި ހެދުމުގެ މަސައްކަތްވެސް މި އަހަރު ފައްޓަވާނެކަމުގައި ވިދާޅުވިއެވެ. ރާއްޖޭގެ އިގްތިސާދު ވަރުގަދަކުރުން: ރާއްޖޭގެ އިޤްތިޞާދު ވަރުގަދަކުރުމަށްޓަކައި ދަތުރުފަތުރުގެ ހިދުމަތް ފުޅާކުރަންޖެހޭކަން ފާހަގަކުރައްވައި، މިހާރު ބިނާކުރަމުންދާ ޑޮމެސްޓިކް އެއާޕޯޓްތަކުގެ މަސައްކަތްތަކުގެ އިތުރަށް، އައު 2 އެއާޕޯޓްގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށުމަށް ރާވާފައިވާކަމުގައި ރައީސް ވިދާޅުވިއެވެ. އަދި މޯލްޑިވިއަންގެ ހިދުމަތް ފުޅާކުރުމަށް އެކަމަށް އެކަށޭނަ ބިޔަ މަތިންދާބޯޓުފަހަރު މިއަހަރު ގެންނާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން، ޑްރޯން ޑެލިވެރީ ސިސްޓަމް ތައާރަފުކޮށް، އަތޮޅުތެރެއަށް ބޭހާއި މެޑިކަލް ކޮންސިއުމަބަލްސް ޑްރޯން މެދުވެރިކޮށް ފޯރުކޮށްދިނުމުގެ އިންތިޒާމު މިއަހަރުތެރޭގައި ހަމަޖައްސަވާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. ފަތުރުވެރިކަން ތަރައްގީކުރުން: ފަތުރުވެރިކަމުގެ ދާއިރާގައި ސަރުކާރުގެ އަމާޒަކީ އައު 20 ރިސޯޓް މިއަހަރު ހުޅުވައި، 2800 އެނދު އުފެއްދުމުގެ އިތުރުން، ނުހެދި ހުރި ރިސޯޓްތައް ނިންމަން ފުރުޞަތު ފަހިކޮށްދިނުންކަމުގައި ރައީސް ވިދާޅުވިއެވެ. އަދި އަތޮޅުތަކަށް ޓޫރިޒަމް އިތުރަށް ފުޅާކުރުމަށާއި، ސީޕްލޭން ހަބަކާއެކު އައްޑޫ ސިޓީއަށް "އައްސޭރި ޓޫރިޒަމް" މަޝްރޫއެއް އެކުލަވާލައި އިފްތިތާހުކުރުމުގެ ގޮތުން، އައްޑޫ ސިޓީއަށް ޚާއްޞަ ޓޫރިޒަމް ޑިވެލޮޕްމަންޓް ޕްލޭންއެއްގެ މަސައްކަތް ކުރަމުންދާކަމުގައިވެސް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުންވެސް ޓޫރިޒަމްގެ ހިދުމަތް ރާއްޖޭގައި ފުޅާކުރުމަށް ރާވާފައިވާ ކަންކަމުގެ މައްޗަށް އެމަނިކުފާނު އަލިއަޅުވާލެއްވިއެވެ. ރާއްޖެއަށް އިންވެސްޓްމަންޓް އިތުރުކުރުން ރައީސްގެ ވާހަކަފުޅުގައި، މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމެންޓް ފްރީ ޒޯން އުފައްދައި، ދައުލަތުގެ ތަނަވަސްކަމާއި ކުޅަދާނަކަން ހުރި މިންވަރު އިތުރުކޮށް، އިގްތިސާދީ ހައްގުތައް ރައްޔިތުންނަށް ހޯދައިދިނުމަށްޓަކައި މިހާތަނަށް ރާއްޖޭގައި ފަށާ އެންމެ ބޮޑު މަސައްކަތް ފަށާފައިވާކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މާލެ އަތޮޅު ފުނަދޫގައި ބައިނަލްއަގްވާމީ މާލީ މުޢާމަލާތްތަކަށް ހާއްސަ މަރުކަޒެއް ގާއިމުކުރުމާއި، މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގެ ގޮތުގައި އިހަވަންދިއްޕޮޅުގައި ބަންކަރިންގއާއި، ބައިނަލްއަޤްވާމީ ބިޔަ ބަނދަރަކާއި، ވިޔަފާރީގެ މަޝްރޫއުއް ހިންގުންފަދަ ކުރިއަށްހުރި ބޮޑަތި މަޝްރޫއުތަކަށްވެސް ރައީސްގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ