މާލެ: 31°C
ސަރުކާރުގެ ފުރިހަމަ އެއްބާރުލުން މޭޔަރު އާޒިމަށް ލިބޭނެ: ރައީސް ޑރ.މުއިއްޒު

ސަރުކާރުގެ ފުރިހަމަ އެއްބާރުލުން މޭޔަރު އާޒިމަށް ލިބޭނެ: ރައީސް ޑރ.މުއިއްޒު

January 13, 2024
3 ފަހަރު ބަލާފައި
ސަރުކާރުގެ ފުރިހަމަ އެއްބާރުލުން މޭޔަރު އާޒިމަށް ލިބޭނެ: ރައީސް ޑރ.މުއިއްޒު
މާލެ ސިޓީގެ މޭޔަރު ހޮވުމަށް މިއަދު ބޭއްވި ބައި އިލެކްޝަން އެމްޑީޕީގެ ކެނޑިޑޭޓް އާދަމް އާޒިމް ކާމިޔާބުކުރެއްވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، އާޒިމަށް ފޯނުން ގުޅުއްވައި މަރުހަބާ ވިދާޅުވެއްޖެއެވެ. އާދަމް އާޒިމް މޭޔަރުގެ މަގާމު ކާމިޔާބުކުރެއްވީ ރައީސް ޑރ.މުއިއްޒު ނިސްބަތްވެ ވަޑައިގަންނަވާ ޕާޓީ، ޕީއެންސީގެ ކެނޑިޑޭޓް އާއިޝަތު އާޒިމާ ޝަކޫރާ ވާދަކުރައްވާ ތަފާތުބޮޑު ނަތީޖާއަކުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެކްސްގައި މިރޭ ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މާލެ ސިޓީގެ މޭޔަރުކަމަށް އިންތިޚާބުވެ ވަޑައިގަތް އާދަމް ޢާޒިމްއަށް ރައީސުލްޖުމްހޫރިއްޔާ ފޯނުން ގުޅުއްވައި މަރުހަބާ ވިދާޅުވެފައިވާކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުގެ ފުރިހަމަ އެއްބާރުލުން މާލެ ސިޓީ ކައުންސިލަށާ އަދި މޭޔަރަށް ދެއްވާނެކަމަށް ވިދާޅުވެފައެވެ. https://twitter.com/presidencymv/status/1746205981380677822 އަދި ރައްޔިތުން ބޭނުންވާ ކަންކަމުގައި ލާމަރުކަޒީ ނިޒާމުގެ ތެރެއިން ސަރުކާރަށް އެއްބާރުލުން ދެއްވައިގެން މާލެ ސިޓީ ކައުންސިލުން މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގެންނެވިކަމަށްވެސް ރައީސް އޮފީހުން ކުރެއްވި ޕޯސްޓްގައި ވެއެވެ. މިއަދު ބޭއްވި އިންތިހާބުގައި އެމްޑީޕީގެ ކެނޑިޑޭޓް އާދަމް އާޒިމަށް ވަނީ 7621 ވޯޓު ލިބިފައެވެ. އާޒިމާ އެންމެ ވާދަވެރި ޕީއެންސީގެ ކެނޑިޑޭޓަށް ލިބިފައިވަނީ 5،032 ވޯޓެވެ. ތިންވަނައިގައި އުޅެނީ ޑިމޮކްރެޓްސްގެ ކެނޑިޑޭޓް މުހައްމަދު ސައިފެވެ. މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ 54،680 މީހުން ތިބިއިރު ވޯޓު ލާފައިވަނީ މަދުބައެކެވެ. އިލެކްޝަން ކޮމިޝަނުން ނެރެފައިވާ މައުލޫމާތުތަކަށް ބަލާއިރު، ވޯޓުލުން ބަންދުކުރަން ގަޑިއިރަކަށްވީއިރުވެސް ވޯޓު ލާފައިވަނީ 26 އިންސައްތަ މީހުންނެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ 54،680 މީހުންގެ ތެރެއިން 14،605 މީހުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ