މާލެ: 31°C
ވައުދުފުއްދަމުންދާ ސަރުކާރަކަށް ފުރުސަތު ދިނުން މުޙިއްމު: ރައީސް

ވައުދުފުއްދަމުންދާ ސަރުކާރަކަށް ފުރުސަތު ދިނުން މުޙިއްމު: ރައީސް

April 20, 2024
3 ފަހަރު ބަލާފައި
ވައުދުފުއްދަމުންދާ ސަރުކާރަކަށް ފުރުސަތު ދިނުން މުޙިއްމު: ރައީސް

ވައުދުފުއްދަމުންދާ ސަރުކާރަކަށް ފުރުސަތު ދިނުން މުޙިއްމު ކަމުގައި ރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު (ފޮޓޯ) ވިދާޅުވެއްޖެއެވެ.

މާލޭގައި ދިރިއުޅޭ އައްޑޫ ސިޓީގެ ރައްޔިތުންނަށް ޚާއްސަކޮށްގެން މިރޭ ބޭއްވި ސިޔާސީ ހަރަކާތެއްގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އެމަނިކުފާނު ފޯކަސް ކުރައްވަނީ، ނަތީޖާއަށް ކަމަށެވެ. އެގޮތުން ވޭތުވެ ދިޔަ 5 މަސް ދުވަހުގެ ތެރޭގައިވެސް ގިނަ ގޮންޖެހުންތަކަކާއެކު ނަތީޖާ ޙާސިލުކޮށްދެއްވިފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އައްޑޫގެ ތަރައްޤީއަށްވެސް ގިނަ މަސައްކަތްތައް މިހާރުވެސް ފެށިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގައި މިހާތަނަށް ހިންގާ އެންމެ ބޮޑު ޢުމްރާނީ ތަރައްޤީގެ އެއް މަޝްރޫޢު ކަމަށްވާ އައްޑޫ ބްރިޖުގެ ޑިޒައިން މަސައްކަތް މިހާރު ކުރިއަށްދާކަން ފާހަގަކުރައްވާ އައްޑޫގެ ފެނާއި ކަރަންޓު އަޕްގްރޭޑް ކުރުމުގެ މަސައްކަތްވެސް ހަވާލުކުރެވިފައިވާ ކަމަށް ރައިސުލްޖުމުހޫރިއްޔާ ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ސަރުކާރުން ކުރިއަށްގެންދާ މިފަދަ މަސައްކަތްތައް ހުއްޓުވުމުގެ ވިސްނުން ގެންގުޅުއްވާ ފަރާތްތައް މަޖިލީހަށް ހޮވައިގެން ވާނީ ވަގުތު ބޭކާރު ކަމަށެވެ. އަދި އެކަމުން ޤައުމަށް ހަމަޖެހުމެއް ނުލިބޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އޭގެ ބަދަލުގައި ރައްޔިތުންނަށް ކަމެއްކޮށްދިނުމުގެ ނިޔަތުގައި މަސައްކަތް ކުރަމުންދާ ސަރުކާރަކަށް މަޖިލީހުން ފުރުޞަތު ދޭން ޖެހޭ ކަމަށް ރައީސުލްޖުމުހޫރިއްޔާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އަމިއްލަ މަސްލަހަތު، އެއެއް ނޫން އިސްކުރަންވީ ކަމަކީ މި ފާހަގަ ޖެހުމުގައި. އިސްކުރަންވީ ކަމަކީ ރައްޔިތުންނަށް ކަންތައްތަކެއް ކޮށްދިނުމަށް ވަޢުދުވެ އެކަންކަން ކޮށްދިނުމުގައި ރެއާއި ދުވާލު ހޭދަކުރަމުންދާ ސަރުކާރެއް ރައްޔިތުން ހޮވާފައި އެ ސަރުކާރަށް ފުރުޞަތު ދިނުމުގެ ވިސްނުން. އެއީ އިސްކުރަންވީ މަސްލަހަތަކީ. މިޤައުމުގައި ހަމަޖެހުން ޤާއިމް ކުރުމުގެ ވިސްނުން އިސްކުރަންވީ." ރައީސުލްޖުމޫހުރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނުގެ ފޯކަސް ހުރީ ނަތީޖާ ނެރުމަށް ކަމަށާއި، އެ ނަތީޖާ ނެރެދިނުމަށް ސަރުކާރާއެކު މަސައްކަތް ކުރާނެ ބައެއް މަޖިލީހުގައި ތިބެން ޖެހޭކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން ގެންގުޅެނީ ބަދަލު ހިފުމުގެ ރޫހެއް ކަމަށާއި، އެމަނިކުފާނުގެ ސަރުކާރުގައި އެކަން ނިމުމަކަށް ގެނެސް އިސްކުރަނީ ރައްޔިތުންނަށް ކަމެއް ކޮށްދިނުމުގެ ވިސްނުން ކަމަށް ރައީސުލްޖުމުހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން މި މަސައްކަތް ކުރުމުގައި ނަތީޖާ ނޫން އެއްޗެއް އެމަނިކުފާނަށް މުހިންމު ނޫންކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އަމިއްލަ ޕާޓީގެ މަސްލަހަތު އެކަނި އިސްކުރާ ބަޔަކު ހޮވިޔަ ދީގެންނުވާނެކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ