މާލެ: 31°C
ސަރުކާރާގުޅިގެން މަސައްކަތްކުރާނެ ކެނޑިޑޭޓަކު މޭޔަރަށް ހޮވުން މުހިންމު: ރައީސް

ސަރުކާރާގުޅިގެން މަސައްކަތްކުރާނެ ކެނޑިޑޭޓަކު މޭޔަރަށް ހޮވުން މުހިންމު: ރައީސް

January 12, 2024
3 ފަހަރު ބަލާފައި
ސަރުކާރާގުޅިގެން މަސައްކަތްކުރާނެ ކެނޑިޑޭޓަކު މޭޔަރަށް ހޮވުން މުހިންމު: ރައީސް

މާދަމާ އޮންނަ މާލޭ މޭޔަރު ބައި-އިލެކްޝަންގައި ސަރުކާރަށް އެއްބާރުލުންދޭނެ، ކެންޑިޑޭޓެއް ޚިޔާރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މާލޭގެ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފިއެވެ.

ރައީސް ޗައިނާގައި ހުންނަވާ ގައުމ ާމުހާތަބްކުރައްވާ ދެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ އެމަނިކުފާނު މޭޔަރަކަށް ހުންނެވިއިރު، އޭރުގެ ސަރުކާރުން އެއްބާރުލުންނުދީގެން ވަރަށް ގިނަ ކަންތައްތަކެއް މާލޭގެ ރައްޔިތުންނަށް ނުވެފައިހުރި ކަމަށެވެ. އަދި މާޒީގައިވެސް ފެނިފައިވަނީ ސަރުކާރާއި ދެކޮޅު ކެންޑިޑޭޓަކު ހޮވައިފިނަމަ، މާލޭގެ ރައްޔިތުންނަށް ހިތި މަންޒަރުތަކެއްކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، މި ސަރުކާރު ވެރިކަމާއި ހަވާލުވީ މާލޭގެ ރައްޔިތުންނަށް ކުރިމަތިވެފައިހުރި ބޮޑެތި މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވުމަށްކަމަށެވެ. އަދި މި މައްސަލަތަކަށް ހައްލު ހޯއްދެވުމަށް ސަރުކާރުން ވިސްނަނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކަމަށާއި، އެހެންކަމުން މޭޔަރަކު އިންތިހާބުކުރުމަށް ވޯޓުދެއްވާއިރު، ވިސްނަވާފާ ވޯޓު ދެއްވުމަކީ ވަރަށް މުހިންމުކަމެއްކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެމަނިކުފާނު ވައުދުވެވަޑައިގެންގޮތަށް ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މާލެ ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރައްވާފައިކަމަށާއި، ހުޅުމާލޭގައި އުޅޭ ރައްޔިތުންނަށްވެސް، ހުޅުމާލޭގައި ހުރި މައްސަލަތަކަށް ހައްލެއް ލިބިގެންދާނީ ސަރުކާރާއި އެއްކޮށް މަސައްކަތްކުރާނެ ކެންޑިޑޭޓެއް ހޮވިގެން ކަމަށެވެ.

ވިލިމާލެއަށް ބަލައިލިނަމަވެސް، އެމަނިކުފާނު މޭޔަރަކަށް ހުންނެވިއިރު، އޭރުގެ ސަރުކާރުން އެއްބާރުލުންނުދީގެން ނުކޮށްދެވި ހުރި ވަރަށް ގިނަ ކަންތައްތައް، ރައީސްކަމަށް ހޮވިވަޑައިގަތުމާއެކު ކޮށްދެއްވާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން، ވިލިމާލޭ ފަޅުގައި އަޅާފައިހުރި ތެޔޮ ބޯޓުތައް ފަޅުން ނެރުމާއި، 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް ވިލިމާލޭގައި އެޅުމުގެ އެއްބަސްވުމެއްގައި މިހާރު ސޮއިކުރެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. ރައީސްގެ މެސެޖު ނިންމަވާލައްވަމުން ވިދާޅުވީ، މާލޭގެ ރައްޔިތުން މޭޔަރަކު އިންތިހާބު ކުރައްވާއިރު، ސަރުކާރަށް އެއްބާރުލުންދެއްވާނެ މާލެއަށް ފައިދާހުރި ކެންޑިޑޭޓަކު ހޮވައްވާނެކަމަށް އެމަނިކުފާނު ޔަގީން ކުރައްވާ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ