މާލެ: 31°C

ސަރަހައްދީ ހޮސްޕިޓަލްތަކަށް ބޮޑެތި ހެޔޮބަދަލުތައް ގެނެވިއްޖެ: ސަރުކާރު

ސަރަހައްދީ ހޮސްޕިޓަލްތަކަށް ބޮޑެތި ހެޔޮބަދަލުތައް ގެނެވިއްޖެ: ސަރުކާރު
March 17, 2023
2 ފަހަރު ބަލާފައި
ސަރަހައްދީ ހޮސްޕިޓަލްތަކަށް ބޮޑެތި ހެޔޮބަދަލުތައް ގެނެވިއްޖެ: ސަރުކާރު
ރާއްޖޭގެ ފަސް ސަރަހައްދެއްގެ ހޮސްޕިޓަލްތައް ޓާޝަރީ ފެންވަރަށް ތަރައްގީކުރަން ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގައި އެ ހޮސްޕިޓަލްތަކަށް  މިހާރު ވެސް ބޮޑެތި ހެޔޮ ބަދަލުތައް ގެނެވިފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ. ރާއްޖެޓީވީގެ "ފަލަސުރުޚީ ޕްރޮގްރާމްގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލު ވިދާޅުވީ ފަސް ސަރަހައްދެއްގައި ޓާޝަރީ ހިދުމަތް ފުޅާކުރުމުގެ މުޅި މަރުހަލާ އަދި ނުނިމޭ ކަމަށާއި އެހެން ނަމަވެސް  އެހެން ނަމަވެސް ބޮޑެތި ބަދަލުތަކެއް ގެނެވިފައިވާ ކަަމަށެވެ. އޭގެ މިސާލެއްގެ ގޮތުގައި އޭނާ ދެއްކެވި އެއް ހޮސްޕިޓަލަކީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލެވެ. އާދިލު ވިދާޅުވި ގޮތުގައި 2018 ވަނަ އަހަރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރު އުފެދުނު އިރު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ތިބީ އެންމެ 11 މެޑިކަލް އޮފިސަރުންނާއި 17 ސްޕެޝަލިސްޓް ޑޮކްޓަރުންނެވެ. "އެހެން ނަމަވެސް މިއަދު، މިއަދާ ހަމައަށް އަޅުގަނޑުމެންނަށް އާއްމުބަލިތަކުގެ ޑޮކްޓަރުން، ނޫނީ އެމްއޯސްގެ ގޮތުގައި 32 ޑޮކްޓަރުން [އެ ހޮސްޕިޓަލްގައި] އެބަ މަސައްކަތްކުރައްވާ އަދި އޭގެ އިތުރުން ސްޕެޝަލިސްޓުންގެ ގޮތުގައި 32 ޑޮކްޓަރުން އެބަ މަސައްކަތްކުރައްވާ. އެހެންވީމާ ޖުމްލަ 64 ޑޮކްޓަރުން އެބަ މަސައްކަތްކުަރައްވާ،" އާދިލު ވިދާޅުވި އެެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ހޮސްޕިޓަލުން ކުރިން ނުލިބޭ ހިދުމަތްތައް ކަމަށްވާ އެމްއާރްއައިއާއި ސީޓީ ސްކޭން ހެދުމާއި ކުރިން ނުހެދޭ އެތައް ޓެސްޓްތަކެއްގެ ހިދުމަތް ވެސް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގައި މިހާރު ވަނީ ފަށައިފަ އެވެ. "މިހައިތަނަށް 4،479 އެމްއާރް އައި މިހާރު ވަނީ ކުޅުދުއްފުށިން އެކަނި ހަދާފައި، 2،000 އަށް ވުރެ ގިނަ ސީޓީ. އެހެން ގޮތަކަށް ދަންނަވާ ނަމަ މި އަދަދުގެ މީހުން ، އެހެން ނޫން ނަމަ ޖެހުނީހީ މާލެއަށް ކަމާ ކަންފަށައި މި ޓެސްޓް ހެދުމަށް ޓަކައި ދަތުރުކުރަން. މިއިން މި އަންގައިދެނީ އަތޮޅުތެރޭގައި މި ހިދުމަތްތައް ފެށީމާ ރައްޔިތުންގެ ތަކުލީފުތައް ވަރަށް ބޮޑަށް ކުޑަވެއްޖެކަން،" އާދިލު ވިދާޅުވި އެވެ. އާދިލު ވިދާޅުވި ގޮތުގައި ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ވެސް މި ސަރުކާރުން ވަނީ ބޮޑެތި ކުރިއެރުންތައް ގެނެސްފަ އެވެ. ސަރުކާރުން 72 މިލިޔަން ރުފިޔާ ހަރަދުކޮށްގެން އެ ހޮސްޕިޓަލަށް އިތުރުކުރި އިމާރާތާއި އެ ހޮސްޕިޓަލްގައި އަލަަށް ފެށި ސީޓީ ސްކޭންގެ ހިދުމަތަކީ އޭގެ މިސާލުތަކެވެ. އޭނާ ވިދާޅުވި ގޮތުގައި 2018 ވަނަ އަހަރު އެ ހޮސްޕިޓަލްގައި ތިބީ ޖުމްލަ 24 ޑޮކްޓަރުންނެވެ. އެއީ އާއްމު ބަލިތަކުގެ 12 ޑޮކްޓަރުންނާއި ސްޕެޝަލިސްޓް 12 ޑޮކްޓަރުންނެވެ. "އެކަމަކު މިއަދު އެ އަދަދު އެއޮތީ 46 އަށް އަރާފައި ޖުމްލަ،" އާދިލު ވިދާޅުވި އެވެ. ގދ. ތިނަދޫގައި ހުންނަ އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި 2018 ވަނަ އަހަރު ތިބީ އާއްމު ބަލިތަކުގެ 13 ޑޮކްޓަރުންނާއި 11 ސްޕެޝަލިސްޓުންނެވެ. އާދިލު ވިދާޅުވި ގޮތުގައި އެ ހޮސްޕިޓަލްގައި މިހާރު 25 ސްޕެޝަލިސްޓުންނާއި އެކު ޖުމްލަ 44 ޑޮކްޓަރުން އެ ހޮސްޕިޓަލްގައި މިހާރު އެބަ ތިއްބެވެ. އެ ހޮސްޕިޓަލްގައި ވެސް މިހާރު ސީޓީ ސްކޭން ހެދެ އެވެ. ލ.ގަމުގައި 2018 ވަނަ އަހަރު ތިބީ 13 ސްޕެޝަލިސްޓުންނާއި އާއްމު ބަލިތަކުގެ 10 ޑޮކްޓަރުންނެވެ. އާދިލު ވިދާޅުވި ގޮތުގައި މިހާރު އެ ހޮސްޕިޓަލްގައި 27 ސްޕެޝަލިސްޓުންނާއި އާއްމު ބަލިތަކުގެ 15 ޑޮކްޓަރުން އެބަ ތިއްބެވެ. އެ ހޮސްޕިޓަލްގައި ވެސް މިހާރު ސީޓީ ސްކޭންގެ ހިދުމަތް ދެ އެވެ. އާދިލު ވިދާޅުވީ ސަރަހައްދީ ހޮސްޕިޓަލްތަކަށް އިތުރު އެތައް ހިދުމަތްތަކެއް ތައާރަފްކުރުމާއި އެކު ޑޮކްޓަރުން އިތުރު ކުރުމުގެ މަސައްކަތް އަދިވެސް އަންނަނީ ކުރަމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ