އަޅުކަމަށް އިސްކަން ދިނުމުގެ ގޮތުން ރޯދަމަހު އެއްވެސް ވަގުތެއްގައި ގދ. ތިނަދޫގައި ކުޅިވަރާއި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ނުބާއްވަން އެ ރަށު ކައުންސިލުން އިލްތިމާސް ކޮށްފި އެވެ.
ތިނަދޫ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ އަންނަ ރޯދަ މަހު ދުވާލުގެ ވަގުތުތަކުގައްޔާއި، ވަކިން ހާއްސަކޮށް ރޭގަނޑުގެ ވަގުތުތަކުގައި އެއްވެސް ބާވަތެއްގެ ކުޅިވަރު ހަރަކާތެއް ނުވަތަ މުނިފޫހިފިލުވުމުގެ އެއްވެސް ހަރަކާތެއް ނުބޭއްވުމަށް އަންގާ ކަމަށާއި، އިޖުތިމާއީ ހަރަކާތްތައް ހިންގުމަށް ކައުންސިލުން ދޫކޮށްފައިވާ ބިންތަކާއި އެ ނޫން ވެސް ތަންތަނުގައި ކުޅިވަރާއި މުނިފޫހި ފިލުވުމުގެ ހަރާކާތްތައް ނުހިންގޭނެ ކަމަށާއި، އަދި ދިރިއުޅުމަށް ދޫކޮށްފައިވާ ގޭގޭގައި ވެސް މުނިފޫހިފިލުވުމުގެ ހަރަކާތްތައް ނުރޭވުމަށާއި، ނުބޭއްވުމަށް އެ އިއުލާނުގައި އިލްތިމާސްކޮށްފައިވެއެވެ.
ކްލަބު ޖަމިއްޔާ، ޖަމާޢަތްތަކަށް ނުވަތަ އިޖުތިމާޢީ ޙަރަކާތްތައް ހިންގުމަށް ޚާއްޞަކޮށްގެން މިއިދާރާއިން ދޫކޮށްފައިވާ ބިންބިމާއި ޢިމާރާތްތައް ނޫން ތަންތާގައިވެސް (ދިރިއުޅުމުގެ ބޭނުން ފަދަ ކަންކަމަށް ދޫކޮށްފައިވާ ތަންތަނުގައި) ކުޅިވަރާއި މުނިފޫހި ފިލުވުމުގެ ޙަރާކާތްތައް ޢާއްމުކޮށް ހުޅުވާލައިގެން ނުވަތަ އެނޫންގޮތަށް ވިޔަސް ނުބޭއްވުން." އިއުލާނުގައި ބުނެފައިވެއެވެ.
ކައުންސިލްގެ އިއުލާނުގައި ބުނެފައިވާގޮތުން ކުޅިވަރާއި މުނިފޫހިފިލުވުމަށް ހަރަކާތެއް ކަމަށް ނުބެލެވޭ ރަސްމީ ހަރަކާތެއް ވިޔަސް، ކޮންމެހެން ހިންގަންޖެހޭ ހާލަތެއްގައި ނޫނީ ނުބޭއްވުމަށާއި، ނަމަވެސް ރޯދަ މަހާ ގުޅުން ހުރި ދީނީ ހަރަކާތްތައް ބޭއްވިދާނެ ކަމަށް އެ އިއުލާނުގައި ބުނެފައިވާއިރު، ރޯދަ މަހާ ގުޅުން ހުރި ކަމެއް ރާވާ ނަމަ، ދުރާލައި ރޭވުމުގެ އިތުރުން އެކަން ކަމާ ގުޅޭ ހުރިހާ ފަރާތަކަށް އަންގަން ޖެހޭނެ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ. އަދި އެފަދަ ކަމެއްވެސް ރާވަންވާނީ އަޅުކަމުގެ ވަގުތަށް ދަތިނުވާނެ ގޮތަށް އަދި އާންމުންނަށް ވެސް ބުރައަކަށް ނުވާނެހެން ކަަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.
ދުވާލުގެ ވަގުތު ވެސް، އަދި ހާއްސަކޮށް ރޭގަނޑުގެ ވަގުތުތަކަށް އެއްވެސް ބާވަތެއްގެ ކުޅިވަރު ހަރަކާތްތަކެއް ނުވަތަ މުނިފޫހިފިލުވުމުގެ ހަރަކާތްތަކެއް އެއްވެސް ބަޔަކު އެއްވެސް މިންވަރަކަށް ތިނަދޫ ސިޓީގައި އިންތިޒާމްކޮށް ނުހިންގުން،" އިއުލާނުގައި ބުނެފައިވެއެވެ.
ކަސްރަތާއި ސިއްހީ ބޭނުންތަކަށް ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން ހަދާފައިވާ ކުޅިވަރު މައިދާންތަކާއި ދަނޑުތަކާއި ޓްރެކް ފަދަ ތަންތަން ރޯދަ މަހު ދުވާލާއި ރޭގަނޑު ހުޅުވާފައި ހުންނާނީ ވެސް ވަކި ގަޑިތަކެއްގައި ކަމަށްވެސް ބުނެފައިވެއެވެ. އަދި ކައުންސިލުން އަންގާފައިވާ ކަންކަމަށް އެއްބާރުލުން ނުދޭ ފަރާތްތަކާއި ގަސްދުގައި އުސޫލުތަކާއި ހިލާފަށް އަމަލުކުރާ ފަރާތްތަކަށް ކައުންސިލުން އެއްވެސް ކަމެއްގައި އެއްބާރުލުން ނުދޭނެ ކަމަށާއި، އެފަރާތްތަކަށް ފިޔަަވަޅު އަޅަންޖެހޭ ހާލަތްތަކުގައި ފިޔަވަޅު އަޅާނެ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.







