ރޯދައިގެ ފަހުން ގޭބީސީ ތަކުގައި ސްމާޓް މީޓަރ ހަރުކުރަންފަށާނެކަމަށް ސްޓެލްއިން ބުނެފިއެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމް ގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ނާޝިދު ވިދާޅުވީ ސްޓެލްކޯއިން ސްމާޓް މީޓަރ ހަރުކުރަން ފަށަން ތައްޔާރުވެފައިވާކަމަށާއި، އެ މަޝްރޫއުގެ ދަށުން ފުރަތަމަ ސްމާޓް މީޓަރުތައް ހަރުކުރަން ނިންމާފައި ވަނީ ހުޅުމާލޭގައި ކަމަށެވެ.
އެގޮތުން ސްމާޓް މީޓަރުގެ ސަބަބުން ކަސްޓަމަރުންނަށް ކޮންމެ 15 މިނެޓަކުން އެއްފަހަރު ކަރަންޓު ބޭނުންކުރެވޭ މިންވަރު ބެލުމުގެ ފުރުސަތު ލިބިގެން ދާނެ ކަމަށާއި، ކަރަންޓުގެ ހިދުމަތް ޒަމާނީ ކުރުމުގެ މަސައްކަތުގެ ތެރެއިން ސްޓެލްކޯއިން މިދިޔަ އަހަރު ސްމާޓް މީޓަރާ ގުޅޭ ޕައިލެޓް ޕްރޮޖެކްޓެއް ވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އެ ޕްރޮޖެކްޓްގެ ނަތީޖާގެ މައްޗަށް ބިނާކޮށް، މިހާރު އެ ކުންފުނިން ތައްޔާރު ވަނީ ރަސްމީކޮށް ސްމާޓް މީޓަރު ތައާރަފު ކުރުމަށް ކަމަށެވެ.







