މާލެ: 31°C
ރޯދައިގެ ފަހަަށް އިންތިހާބު ލަސްކުރަން މަޖިލީހުން އަނެއްކާވެސް ފާސްކޮށްފި

ރޯދައިގެ ފަހަަށް އިންތިހާބު ލަސްކުރަން މަޖިލީހުން އަނެއްކާވެސް ފާސްކޮށްފި

February 28, 2024
3 ފަހަރު ބަލާފައި
ރޯދައިގެ ފަހަަށް އިންތިހާބު ލަސްކުރަން މަޖިލީހުން އަނެއްކާވެސް ފާސްކޮށްފި
މިއަހަރުގެ މާޗު މަހު ބާއްވަން ރާވާފައިވާ ރައްޔިތުންގެ މަޖިލިސް އިންތިހާބު އަންނަ ރަމަޟާން މަހަށްފަހު، ހަރޯދައިގެ ފަހުން ބާއްވާ ގޮތަށް އިންތިހާބުތަކާ ބެހޭ ގާނޫނަށް މަޖިލީހުން ގެނައި އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުނުކުރައްވައި އަނބުރާ ފޮނުވާލުމުން، އެ ބިލު އޮތްގޮތަށް އަނެއްކާވެސް މިއަދު މަޖިލީހުން ފާސްކޮށްފިއެވެ. އިންތިހާބު ފަސް ކުރަން ގާނޫނަށް އިސްލާހު ހުށަހެޅީ މަޖިލީހުގެ ކޮންޓްރޯލު އޮތް އެމްޑީޕީންނެވެ. އެ ބިލު ފާސްކުރީ، އެމްޑީޕީއާއި ޑިމޮކްރެޓްސްގެ މެމްބަރުންގެ ވޯޓާއެކުއެވެ. ރޯދަ މަހަށް ފަހު އިންތިހާބު ބާއްވަން ގެނައި އެ އިސްލާހު ތަސްދީގު ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފޮނުވުމުން އެމަނިކުފާނު ނިންމެވީ، ފަސް ސަބަބަކާ ހުރެ އެ ބިލު ތަސްދީގުނުކުރައްވައި އަނބުރާ މަޖިލީހަށް ފޮނުވާލުމަށެވެ. މި ބިލު އަނބުރާ ރައްޔިތުންގެ މަޖިލީހަށް ފޮނުވާލުމުން، މިއަދު މެންދުރު ބޭއްވި މަޖިލިސް ޖަލްސާގައި ބިލާ މެދު އަމަލުކުރާނެ ގޮތެއް ބެލުމަށް މެންބަރުންނަށް ހުޅުވާލުމުން ވާހަކަ ދައްކަވާފައިވަނީ އެމްޑީޕީގެ މެންބަރުން އެކަންޏެވެ. އެހެންކަމުން، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދުދީދީ ވަނީ އެ ބިލު ކޮމިޓީއަށް ނުފޮނުވާ، އޮތްގޮތަށް ތަޅުމުން އަނެއްކާވެސް ފާސްކުރުމަށް ހުށަހަޅާފައެވެ. އެ ހުށަހެޅުމަށް އެމްޑީޕީގެ ދެން ތިއްބެވި މެންބަރުން ތާއީދުކޮށް ވާހަކަ ދައްކަވާފައިވެއެވެ. މި ހުށަހެޅުމާ ގުޅިގެން ބިލު އޮތްގޮތަށް ފާސްކުރުމަށް ވޯޓަށް އެހުމުން ފާސްކުރުމަށް ވޯޓު ދެއްވާފައިވަނީ 47 މެންބަރުންނެވެ. އަދި ފާސްކުރުމާ ދެކޮޅަށް 14 މެންބަރުން ވޯޓު ދެއްވާފައިވެއެވެ. ގާނޫނުއަސާސީގައިވާ ގޮތުން މަޖިލީހުން ފާސްކޮށްފައި ފޮނުވާ ބިލެއް ތަސްދީގު ކުރައްވަން ރައީސަށް އޮންނަނީ 15 ދުވަހެވެ. އެ ބިލަކަށް ބަދަލެއް ގެންނަން ފެންނަ ނަމަ ރައީސަށް އެ މުއްދަތު ތެރޭގައި އެ ބިލު އަނބުރާ މަޖިލީހަށް ފޮނުވިދާނެއެވެ. އެ 15 ދުވަހުގެ ތެރޭގައި ބިލު އަނބުރާ ނުފޮނުވައިފި ނަމަ ތަސްދީގުވީ ކަމަށް ބަލައި ގެޒެޓުގައި ޝާއިއުކުރަންޖެހޭނެއެވެ. ތަސްދީގު ނުކުރައްވަން ނިންމަވާ ބިލެއް އެއްވެސް ބަދަލެއް ނުގެނެސް ދެވަނަ ފަހަރަށް ފާސްކުރުމުގެ ފުރުސަތު ވެސް މަޖިލީހަށް އޮވެއެވެ. އެގޮތަށް ދެވަނަ ފަހަރަށް ބިލު ފާސްކޮށްފި ނަމަ ރައީސް އެ ބިލު ތަސްދީގުކުރައްވަން ޖެހޭނެ ކަމަށް ގާނޫނުއަސާސީގައިވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ