މާލެ: 31°C
ރޯދައިގެ އެންމެބޮޑު ހިކުމަތަކީ ތަޤްވާވެރިކަން: ހުތުބާ

ރޯދައިގެ އެންމެބޮޑު ހިކުމަތަކީ ތަޤްވާވެރިކަން: ހުތުބާ

March 15, 2024
3 ފަހަރު ބަލާފައި
ރޯދައިގެ އެންމެބޮޑު ހިކުމަތަކީ ތަޤްވާވެރިކަން: ހުތުބާ
ރޯދައިގެ ހިކުމަތްތަކުގެ ތެރޭގައި އެތައްކަމެއް އިލްމުވެރިން ބަޔާންކޮށްފައިވާ ކަމަށާއި، އެ ހުރިހާ ކަމަކީވެސް ތަޤްވާވެރިކަން އިތުރުކޮށްދޭ ކަންކަން ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ. މިއަދުގެ ހުކުރު ހުތުބާ ހާއްސަކޮށްފައިވަނީ ހިނގަމުން މިދާ މައްސަލަކީ ރަމަޟާންމަސް ކަމުން ރޯދައިގެ ހިކުމަތުގެ މައްޗަށެވެ. ހުކުރު ހުތުބާގައި ބުނީ، ﷲ ޝަރުޢު ކުރައްވާފައިވާ ބައެއް އަޅުކަންތަކުގެ ހިކުމަތް ބަޔާންކުރައްވާފައިވާއިރު، އަނެއްބައި އަޅުކަންތަކުގެ ހިކުމަތްތައް ބަޔާންނުކުރައްވައި ދޫކޮށްލާފައިވާކަމަށެވެ. ނަމަވެސް އެއްވެސް އަޅުކަމެއް ބޮޑުވެގެންވާ ހިކުމަތަކަށްޓަކައި މެނުވީ ޝަރުޢުކުރައްވާފައި ނުވެއެވެ. އެކަލާނގެ ރޯދަ ފަރުޝްކުރެއްވި ހިކުމަތް ޞަރީހަކޮށް ބަޔާންކުރައްވާފައިވާއިރު، މީގެ ތެރެގައި ﷲ އަށް ބިރުވެރިވުމާއި، އެކަލާނގެ ބާވައިލެއްވި ތަކެއްޗަށް އަމަލުކުރުމާއި، ދެއްވި މަދު މިންވަރަށް ރުހުމާއި، މަރަށް ތައްޔާރުވެ ހުރުން ހިމެނެއެވެ. ހުތުބާގައި ބުނީ ރޯދައިގެ ހިކުމަތްތަކުގެ ތެރޭގައި ﷲ ދެއްވި ނިއުމަތްތަކަށް ޝުކުރުވެރިވާން ދަސްކޮށްދިނުން ހިމެނެއެވެ. އަޅާ ރޯދައަށް ހުންނައިރު ކެއިންބުއިމާއި، އެންމެހައި ޝަހުވާނީ އެދުންތަކުން އޭނާގެ ނަފްސު ހިފަހައްޓާއިރު، ﷲ ތައާލާ އޭނާއަށް ހުއްދަކުރައްވާފައިވާ ބައެއް ނިއުމަތްތަކާ ކުޑަވަގުތުކޮޅަކަށް ވިޔަސް ދުރުހެލިވުމުން އެ ނިއުމަތްތަކުގެ އަގު ވަޒަން ކުރަން ދަސްވެއެވެ. ވަރަށް ގިނަފަހަރަށް އެ ނިއުމަތެއްގެ އަގު ވަޒަން ކުރެވެނީ އެ ނިއުމަތެއް ބީވެ ދިޔުމުންނެވެ. ރޯދައިގެ ސަބަބުން އިންސާނާއަށް ދެއްވި ނިއުމަތްތަކުގެ އަގު ވަޒަންކުރެވި، އެ ނިއުމަތްތަކަށް ޝުކުރުވެރިވެ އުޅުމަށް މަގުފަހިވާކަން ފާހަގަކުރަމުން ހުތުބާގައި ބުނީ އޭގެ ނަތީޖާއެއްގެ ގޮތުން ރޯދަ ވެރިޔާގެ ކިބައިގާ، އަވައްޓެރިންނަށް ކަމޭހިތުމާއި، ނިކަމެތިންނަށް ހެޔޮފޯރުވުމާއި، ފަގީރުންގެ ހާލު ބަލައި އުޅުމުގެ މަތިވެރި އާދަ އަށަގަންނަ ކަމަށެވެ. ރޯދައިގެ ހިކުމަތްތަކުގެ ތެރޭގައި، ރޯދަވެރިޔާ ހަރާމް ކަންތައްތަކާ ދުރުހެލިވުން ހިމެނެއެވެ. ﷲގެ ރުހިވޮޑިގަތުން ހޯދުމަށާއި އެކަލާނގެ އަޒާބުން މިންޖުވުމަށްޓަކައި، ހަލާލު ކާބޯތަކެއްޗާއި، އޭނާއަށް ހަލާލު ކުރައްވާފައިވާ އަނބިފިރިކަމުގެ ގުޅުމާ އެކަހެރިވެ ހުންނަ ހުރުމުން ﷲ ހަރާމްކުރައްވާފައިވާ ކަންކަމުން ދުރުހެލިވެ، އުޅުމަށް އޭނާއަށް ވަރުގަދަ ތަމްރީނެއް ރޯދައިގެ އަޅުކަމުން ލިބޭ ކަމަށްވެސް މިއަދުގެ ހުކުރު ހުތުބާގައި ބުންޏެވެ. ރޯދައަކީ އިންސާނާގެ ނަފްސު ހެޔޮކަމަށް ހާނުވައިދޭ ތަރުބަވީ އަޅުކަމެކެވެ. ރޯދައިގެ ހިކުމަތްތަކުގެ ތެރޭގައި ނަފްސު އެދޭ އެދުންތަކުގެ މައްޗަށް ގަދަވެގަތުމުގެ ބާރު ލިބުން ހިމެނެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ