ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރު ކުރުކޮށްލައި އަދި އަންނަ ރޯދަ މަހު މަޖިލިސް ޗުއްޓީއަށް ދާން ހުށަހެޅި އިސްލާހު މަޖިލީހުގެ އާންމު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
މި އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ) އެވެ.
އޭނާ އިސްލާހު ހުށަހެޅުއްވީ ފުރަތަމަ ދައުރު ފެށުން ޖެނުއަރީ މަހަށް އަވަސްކޮށް އަދި އެ މަހުގެ ނިޔަލަށް އެ ދައުރު ކުރުކޮށްލުމަށެވެ. އެ ހުށަހެޅުމުގައިވާ ގޮތުން ދެވަނަ ދައުރު ކުރިއަށް ދާނީ އޭޕްރިލް މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށެވެ. އަދި ތިން ވަނަ ދައުރު އޮންނާނީ ވަނީ ސެޕްޓެމްބަރު މަހުން ފެށިގެން ނޮވެންބަރު މަހުގެ ނިޔަލަށް ކަމަށް އެ އިސްލާހުގައިވެ އެވެ.
މި އަހަރުގެ ފުރަތަމަ ދައުރު ފެށީ މިމަހު ކަމަށްވާތީ، މި ދައުރު މި މަހުގެ ނިޔަލަށް ނިންމާލުމަށްފަހު ރޯދަ މަހަށް މަޖިލިސް ޗުއްޓީއަށް ދިއުމަށް ވެސް ވަނީ އެ އިސްލާހުގައި ހިމަނައިފަ އެވެ. ނަމަވެސް މިއަހަރުގެ ދެވަނަ ދައުރާއި ތިން ވަނަ ދައުރު ހިނގާނީ އިސްލާހުގައިވާ ގޮތަށް ކަމަށް ބޮޗޭގެ އިސްލާހުގައިވެ އެވެ.
މި އިސްލާހު އާންމު ކޮމިޓީން މިއަދު ފާސްކޮށްފައިވަނީ ހުށަހެޅި ގޮތަށް، އެއްވެސް ބަދަލެއް ގެނައުމެއް ނެތި އެވެ.
ކޮމިޓީގެ ރިޔާސަތު ބެލެހެއްޓެވި ނައިބު މުގައްރިރު ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ވިދާޅުވީ އެ އިސްލާހު ހުށަހެޅުމުގެ މައިގަނޑު މަގްސަދަކީ ވީހާ ވެސް ބޮޑަށް އަޅުކަމަށް ފުރުސަތު ދިނުން ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
އިސްލާހާ ދެކޮޅަށް ވޯޓު ދެއްވި ކަނޑިތީމު ދާއިރާގެ އެމްޑީޕީ މެންބަރު އަމީން ފައިސަލް ވިދާޅުވީ އާމްދަނީ ހޯދުމަށް މަސައްކަތް ކުރުމަކީ ވެސް ދީނީ ގޮތުން ކުރެވޭނެ އަޅުކަމެއް ފަދަ ކަމެއް ކަމަށާއި އިސްލާމީ ތާރީހުގައި ވެސް ބޮޑެތި ހަނގުރާމަތައް ރޯދަ މަހު ހިނގާފައި އޮތް ކަން އެނގޭ ކަމަށެވެ.







