މާލެ: 31°C
ރޯދަމަހު އިންތިހާބުތައް ނުބޭއްވޭ ގޮތަށް އިސްލާހެއް ހުށަހަޅައިފި

ރޯދަމަހު އިންތިހާބުތައް ނުބޭއްވޭ ގޮތަށް އިސްލާހެއް ހުށަހަޅައިފި

January 24, 2024
3 ފަހަރު ބަލާފައި
ރޯދަމަހު އިންތިހާބުތައް ނުބޭއްވޭ ގޮތަށް އިސްލާހެއް ހުށަހަޅައިފި
ރޯދަމަހުގެ ތެރޭގައި އެއްވެސް އިންތިހާބެއް ނުބޭއްވޭ ގޮތަށް ރައްޔިތުން މަޖިލީހަށް އިސްލާހެއް ހުށަހަޅައިފިއެވެ. މި އިސްލާހު ހުށަހަޅާފައިވަނީ އެކަމާ ގުޅޭ ގޮތުން އެމްޑީޕީ ޕީޖީއާއެކު ކުރެއްވި މަޝްވަރާ ބައްދަލުވުމަކަށްފަހު، އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއުއެވެ. އެގޮތުން، އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގެ 43 ވަނަ މާއްދާ އަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވަނީ މި ގާނޫނުގައި ނުވަތަ އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބުނެފައި އޮތް ނަމަވެސް، ރޯދަ މަހުގެ ދުވަހެއްގައި އިންތިހާބެއް ބާއްވާއިގެން ނުވާނެ ކަމަށެވެ. އަދި އިންތިހާބު ބާއްވަންޖެހޭ ތާރީހު ރޯދަ މަހުގެ ދުވަހަކާ ދިމާވާނަމަ، އެ އިންތިހާބެއް ބާއްވަން ވާނީ ރޯދަ މަސް ނިމުމުގެ 10 ދުވަސް ފަހުން ކަމަށް އެ އިސްލާހުގައި ވަނީ ބުނެފައެވެ. މި އިސްލާހު ހުށަހަޅާފައިމިވަނީ އަންނަ ރޯދަ މަހުގެ ތެރޭގައި ރައްޔިތުން މަޖިލީހުގެ އިންތިހާބު ބާއްވަން ނިންމާފައިވަނިކޮށެވެ. އެގޮތުން މާޗް މަހުގެ 17 ވަނަ ދުވަހު އެ އިންތިހާބު ބާއްވަން ނިންމާފައިވާއިރު އެއީ ރޯދަ މަހުގެ ފުރަތަމަ ހަފްތާއެވެ. ރާއްޖޭގެ ހުރިހާ ބޮޑެތި ސިޔާސީ ޕާޓީތަކުން ވެސް ރޯދަމަސް ތެރޭ މަޖިލިސް އިންތިހާބު ބޭއްވުމަށް ވަނީ ދެކޮޅު ހަދާފައެވެ. އަދިބައެއް ޕާޓީތަކުން ވަނީ ތާރީހު ބަދަލުކޮށްދިނުމަށް އިލެކްޝަންސް ކޮމިޝަނަށް އެދިފައެވެ. މަޖިލިސް އިންތިހާބުގައި ވާދަކުރަން ބޭނުންވާ މެންބަރުންނަށް މި މަހުގެ 30 ފެށިގެން ހުޅުވާލަން ނިންމާފައިވާއިރު، މިފެށޭ 20 ވަނަ މަޖިލީހަށް ޖުމްލަ 93 މެންބަރަކު އިންތިހާބު ކުރާނެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ