ކުރިއަށް އޮތް ރޯދަމަހު ހަފުތާގެ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ވެސް 150 ކޮންޓެއިނަރު ކްލިއާ ކުރަން މަސައްކަތް ކުރާނެ ކަމަށް އެމްޕީއެލް އިން މިއަދު ބުނެފި އެވެ.
އެމްޕީއެލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެޑް އޮފް ޕޯޓް އޮޕަރޭޝަންސް އިލްޔާސް މުހައްމަދު ވިދާޅުވީ، ފުލް އޮޕަރޭޝަންގައި މަސައްކަތް ކުރާއިރު، ދުވާލަކަށް 150 ކޮންޓެއިނަރު ކްލިއާ ކުރުމުގެ މަސައްކަތް ފަށައި، "ހާފް ޑޭ ތަކުގައި" 100 ކޮންޓެއިނަރު ކްލިއާ ކުރުމަކީ އަމާޒެއް ކަމަށެވެ.
އެހެން އަހަރެކޭ ވެސް އެއްގޮތަށް މި އަހަރުގެ ރޯދަމަހު އެންމެ ބޮޑު އިސްކަމެއް ދޭނީ، އެތެރެކުރާ ޕެރިޝަބަލް ސާމާނު ނުވަތަ ޖެނެރަލް ކާގޯ ވީހާ ވެސް ފަސޭހައިން ކްލިއާ ކުރެވޭނެ ގޮތަކަށް ރާވަން ކަމަށް އޭނާ ވިދާޅުވި އެވެ.
ރޯދަމަހުގެ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ވެސް މުދާ އުފުލުގެ އޮޕަރޭޝަން ކުރިއަށް ގެންދާނެ އެވެ.
އިލްޔާސް ވިދާޅުވިގޮތުގައި، އެމްޕީއެލް ބަނދަރުގެ ޖާގައިގެ ދަތިކަމާ ހެދި، މުދާ އުފުލުމުގައި ވަރަށް ބޮޑު ދަތިތަކެއް ވަނީ ކުރިމަތިވެފަ އެވެ. ކުރިއަށް އޮތް ދެ މަހެއްހާ ދުވަހު، ހުސްކޮށްފައި ބަހައްޓާ ކޮންޓެއިނަރުތައް ތިލަފުއްޓަށް ބަދަލު ކުރުމުގެ މަސައްކަތް ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. ކޮންޓެއިނަރު ޓާމިނަލް ހަދަނީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ.







