މާލެ: 31°C

ރޯދަމަހު އަޅުކަމުގައި ހީވާގިވާން ރައީސް އިލްތިމާސްކުރައްވައިފި

ރޯދަމަހު އަޅުކަމުގައި ހީވާގިވާން ރައީސް އިލްތިމާސްކުރައްވައިފި
March 23, 2023
2 ފަހަރު ބަލާފައި
ރޯދަމަހު އަޅުކަމުގައި ހީވާގިވާން ރައީސް އިލްތިމާސްކުރައްވައިފި
މި ރަމަޟާން މަހު، ފަރުޟު ފަސް ނަމާދަށް ރައްކާތެރިވެ، ކީރިތި ޤުރްއާން ކިޔެވުމުގައި ހޭދަކުރާ ވަގުތު އިތުރުކޮށް، ތަރާވީޙް ނަމާދާއި އެހެނިހެން އަޅުކަންތަކުގައި ހީވާގިވެ އުޅުމަށް، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިލްތިމާސްކުރައްވައިފިއެވެ. މިއަހަރުގެ ރޯދަމަސް ފެށުމުގެ މުނާސަބާގައި ފޮނުއްވި ޚިތާބެއްގައި ރައީސް ވިދާޅުވީ ރޯދައިގެ އެންމެ މަތިވެރި ރޫޙާނީ ފިލާވަޅަކީ، އިންސާނާ އާއި އޭނާގެ ވެރި ރަސްކަލާނގެއާ ދެމެދު އޮންނަ ވަރުގަދަ ގުޅުން، އަލުން އާލާކޮށް ބަދަހިކުރުން ކަމަށެވެ. އެ ގުޅުން ކެނޑިގެން ނުދާނެ ގޮތުގެ މަތިން، ދުނިޔަވީ ދިރިއުޅުމުގެ ކަންތައް އިންތިޒާމުކޮށް ކުރިއަށް ގެންދިއުމުގެ މަތިވެރި ފިލާވަޅު ވެއް ރޯދައިން ލިބޭ ކަމަށް ރައީސް ވިދާޅުވި އެވެ. ރޯދައިން ލިބިދޭ ތަރުބަވީ ފިލާވަޅަކީ، ރައީސް ވިދާޅުވި ގޮތުގައި ކެތްތެރިވުމާއި ތަޙައްމަލު ކުރުމަށް ތިމާގެ ނަފްސާއި ހަށިގަނޑު ހާނުވައި ތަރުބިއްޔަތު ކުރުމެވެ. އިސްރާފުކުރުންތަކާ ދުރުހެލިވެ، އިގުތިސާދު ކުރުމުގެ އާދަ ހަރުލެއްވުމެވެ. "...ރޯދައިގެ އަޚްލާޤީ ފިލާވަޅަކީ، ދުލާއި ހަށިގަނޑުގެ އެންމެހައި ނުރަނގަޅު އާދަތައް ދޫކޮށްލައި، ރިވެތި ބަސްމަގު އިޚްތިޔާރުކުރުމެވެ. ރޯދައިގެ އިޖްތިމާޢީ ފިލާވަޅަކީ، އަނެކުންނަށް ދީލަތިވެ ހެޔޮ ފޯރުވައިއުޅުމާއެކު، އެކުވެރިކަމާއި ޞުލްޙަމަސަލަސްކަން ފެތުރުމަށް މަސައްކަތް ކުރުމެވެ،" ހިތާބުގައި ރައީސް ވިދާޅުވި އެވެ. ރައީސް ސޯލިހުގެ ހިތާބުގައި ވަނީ، ރަމަޟާންމަހަކީ، ކީރިތި ޤުރްއާން ކިޔެވުމާއި ދުއާ ކުރުން ގިނަކޮށް، އަޅުކަންތައް ކުރުމުގައި ހީވާގިވުމާއެކު، އަނެކުންނަށް އެހީ ފޯރުވުމާއި ދީލަތިވުމުގައި އަތްތައް ހުޅުވައިލަންވީ މައްސަރުކަން ފާހަގަކުރައްވާފައެވެ. އަދި މިއީ، އަޅުގަނޑުމެންގެ އުޅުމާއި ގުޅުންތައް އިސްލާހުކޮށް، ހަޔާތުގެ އާބާތުރަ ފިލުވައި، އިސްލާހުގެ މަގުގައި ދިރިއުޅުން އަލުން އާރާސްތުކުރުމަށް، މާތްﷲ ދެއްވާ މަތިވެރި ފުރުސަތެއްކަންވެސް އެމަނިކުފާނުގެ ހިތާބުގައި ފާހަގަކުރެއްވިއެވެ. ރައީސް ސޯލިހުގެ ހިތާބުގައި އިތުރަށް ވިދާޅުވީ، ރޯދައިގެ އެންމެ މަތިވެރި ރޫހާނީ ފިލާވަޅަކީ، އިންސާނާ އާއި އޭނާގެ ވެރި ރަސްކަލާނގެއާ ދެމެދު އޮންނަ ވަރުގަދަ ގުޅުން، އަލުން އާލާކޮށް ބަދަހިކުރުން ކަމަށެވެ. އަދި ރޯދައިގެ އިޖްތިމާޢީ ފިލާވަޅަކީ، އަނެކުންނަށް ދީލަތިވެ ހެޔޮ ފޯރުވައިއުޅުމާއެކު، އެކުވެރިކަމާއި ސުލްހަމަސަލަސްކަން ފެތުރުމަށް މަސައްކަތް ކުރުން ކަމުގައިވެސް އެމަނިކުފާނުގެ ހިތާބުގައި ވިދާޅުވިއެވެ. ރައީސް ސޯލިހުގެ ހިތާބު ނިންމަވާލައްވާފައި ވަނީ މި މާތް މައްސަރުގެ ނިޢުމަތްތަކާއި ރަހްމަތާއި ދަރުމައާއި ސަވާބު، އުންމަތަށް މިންވަރުކުރެއްވުން އެދި ދުއާ ދަންނަވަމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ