މާލެ: 31°C
ރޯދައަކީ މުސްލިމުންގެ އަހުލާގު ތަހުޒީބުކޮށް ތަރައްގީކޮށްދޭ އަޅުކަން: ހުތުބާ

ރޯދައަކީ މުސްލިމުންގެ އަހުލާގު ތަހުޒީބުކޮށް ތަރައްގީކޮށްދޭ އަޅުކަން: ހުތުބާ

March 22, 2024
2 ފަހަރު ބަލާފައި
ރޯދައަކީ މުސްލިމުންގެ އަހުލާގު ތަހުޒީބުކޮށް ތަރައްގީކޮށްދޭ އަޅުކަން: ހުތުބާ
ރޯދައިގެ އަޅުކަމުގައި ރޫހާނީ، އިޖުތިމާއީ، ސިއްހީ ގިނަގުނަ ފައިދާތަކެއްވާ ކަމަށާއި، ރޯދައަކީ މުސްލިމުންގެ އަހުލާގު ތަހުޒީބުކޮށްދޭ އަޅުކަން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ. ހިނގަމުންމިދާ މައްސަރަކީ ރަމަޟާންމަސް ކަމުން، މިއަދުގެ ހުކުރު ހުތުބާވެސް ހާއްސަކޮށްފައިވަނީ ރަމަޟާންމަހާއި، ދިރިއުޅުމުގެ މައްޗަށެވެ. ރަމަޟާންމަހަކީ އެމަހުގައި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވައި ނަރަކައިގެ ދޮރުތައް ބަންދުކުރެވޭ މައްސަރުކަން ފާހަގަކުރަމުން ހުތުބާގައި ބުނީ، އެމަހުގައި ސައިތާނުންގެ ތެރެއިން މާރިދު ޖިންނީން ކަސްތޮޅު އެޅުވިގެންދާއިރު އެމަހުގައި އެއްހާސް މައްސަރުގެ އަޅުކަމަށްވުރެ ހެޔޮކަން ބޮޑުވެގެންވާ ރެއެއް ވެއެވެ. އެރޭގެ ހެޔޮކަމުން މަހުރޫމް ވެއްޖެ މީހާ ހުރިހައި ހެޔޮކަމަކުން މަހުރޫމް ވެއްޖެކަން ކަށަވަރެވެ. ރޯދައިގެ އަޅުކަމުގައި ރޫހާނީ އިޖުތިމާއީ ސިއްހީ ގިނަގުނަ ފައިދާތަކެއްވާކަން ފާހަގަކުރަމުން ހުތުބާގައި ބުނީ، ރޯދައަކީ ކެތްތެރިކަމުގެ ދެބައިކުޅަ އެއްބައި ކަމަށް ކީރިތި ރަސޫލާ ހަދީސްފުޅު ކުރައްވާފައިވާކަމަށެވެ. ރޯދައަށް ހުންނައިރު ކެތްތެރިވާންޖެހޭ ކަންތައްތަކެއްވާކަން ފާހަގަކުރަމުން ހުތުބާގައި ބުނީ، ދެބައޮޑުވުމާއި، ނެތިމޮށުންފަދަ ބޮޑެތި ފާފަތަކާ ދުރުހެލިވާން ޖެހޭކަމަށެވެ. އަދި ދެބަސްވުންތަކާއި ހަޑުހުތުރު ބަސްތައްބުނުމުން ދުރުހެލިވާން ޖެހެއެވެ. ކީރިތި ރަސޫލާ ހަދީސްފުޅެއްގެ މާނައިގައި ވެއެވެ.
"ދޮގުހެދުމާއި އެފަދަ ޢަމަލުތައްކުރުން ދޫކޮށްނުލާ މީހާ ދަންނާށެވެ! ފަހެ އެމީހާ ކެއުމާއި ބުއިން ދޫކޮށްލައިގެން ހުރުން، އެއީ ﷲ އެދިވޮޑިގަންނަވާ ގޮތެއް ނޫނެވެ"
ހުތުބާގައި ބުނީ އިސްވެދިޔަ ހަދީޘުން ލިބޭ އިބުރަތަކީ، ރޯދަވެރިޔާ އަހްލާގް ރަނގަޅު ނުކުރުމުން ރޯދައިން ލިބޭ ދަރުމަ އުނިވާނޭކަން ކަމަށާއި، އެހާރުން އޭބާ ވާހުށީ ޤިޔާމަތްދުވަހުން މި ދުނިޔޭގައި ކުޅަކަންތައްކަށް ހިތާމަ ކުރާނޭ މީހަކަށް ކަމަށެވެ. ރޯދައަކީ ނުބައި އަހުލާގުން މީހާ ރައްކާތެރިކޮށްދޭ އައްޑަނައެކެވެ. ކީރިތި ރަސޫލާ ހަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ.
"ރޯދައަކީ އައްޑަނައެކެވެ. ތިޔަބައިމީހުންކުރެ މީހަކު ރޯދައަށް ހުރެ، ފާހިޝް އަމަލުތަކުންނާއި، އަދި ހަޑިހުތުރު ބަސްތައް ބުނުމުންނާއި އަދި ޖާހިލު އަމަލުތަކުން ދުރުހެލިވާށެވެ! ފަހެ ރޯދައިގެ ދުވަހުގައި މީހަކު އަރައިރުންވެ، ހަޑިހުތުރު ބަސްތައްބުނެ މީހަކާ މުހާތަބު ކޮށްފިނަމަ އެމީހަކު ބުނާށެއެވެ! ހަމަކަށަވަރުން އަހަންނަކީ ރޯދަވެރިޔަކީމެވެ"
މިފަދަ އެހެން ރޯދަމަހެއް ދެވަނަ ފަހަރަށް ނުލިބުމަކީ އެކަށީގެންވާ ކަމެއްކަން ފާހަގަކުރަމުން ހުތުބާގައި ބުނީ މި ބަރަކާތްތެރި މައްސަރުގައި ހަޔާތަށް ބޮޑު ބަދަލެއް ގެންނަން ޖެހޭކަމަށެވެ. މިގޮތުން  އަނެކާގެ އިހުސާސްތަކުގައި ބައިވެރިވެ، ނިކަމެތީންނަށް އެހީތެރިކަން ފޯރުވައި، އަޅުކަންތަކުގައި ގިނަ ވަގުތު މަސްއޫލުވެ އުޅުމާއެކު ރަސޫލާ ﷺ އާއި މިއުއްމަތުގެ ޞަލަފުއްޞާލިހުން ރަމަޟާންމަހުގައި އަޅުކަން ކުރެއްވިގޮތް ނަމޫނާއަކަށް ބަލައިގެން އުޅޭ ބަޔަކަށް ވުމަށް މިއަދުގެ ހުކުރު ހުތުބާގައި ވަނީ އިލްތިމާސްކޮށްފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ